ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން، މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. މި މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ގަވަރުނަރު ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
ހާޝިމް މަގާމުން ވަކި ކުރަން ނިންމާފައިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގަވަރުނަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާ ނުކުރައްވާ ކަމަށް ތުހުމަތުކުރައްވަ އެވެ.
އާތިފް ވިދާޅުވީ މާލީ އުދަރެސް ބަނަވުމުގެ ސަބަބުން، އެތަކެއް އަހަރުތަކެއް ވަންދެން ނާޅައި ހުރި ފިޔަވަޅު ތަކެއް އެޅުމުގެ ވާހަކަ ފެށުމާއި ގުޅިގެން، މިއަދަކީ ރައްޔަތުން ކަންބޮޑުވެފައިވާ ދުވަސްކޮޅެެއް ކަމަށާއި މި ހާލަތުގައި ގަވަރުނަރު ވަކި ކުރުމަކީ މާލީ އުދަރެސް އިތުރަށް ބަނަވެ، ދިވެހި ރައްޔިތުންނާއި ބޭރު އިދާރާތަކުގެ މެދުގައި ރާއްޖޭގެ މާލީ ހާލަތާމެދު އިތުރަށް ކަންބޮޑުވުން އުފެދޭނެ ކަމެއް ކަމަށެވެ.
އާތިފް ވަނީ ގަވަރނަރުގެ ގާނޫނީ ޒިންމާގެ މައްޗަށް ވެސް އަލިއަޅުވައިލައްވައިފަ އެވެ.
އެގޮތުން އާތިފް ވިދާޅުވީ ވަކި ގާނޫނެއްގެ ދަށުން 1 ޖުލައި 1981 ގައި އެމްއެމްއޭ އުފަންކުރެވުނީ ތަކެތީގެ އަގު އުފުލިގެން ދިޔުން މައިތިރި ކުރުމުގެ މައި މަގުސަދުގައެވެ. ދުނިޔޭގެ ހުރިހާ ގައުމެކޭބވެސް އެއްފަދައިން ރާއްޖޭގައި ވެސް ގާނޫނީ ގޮތުން މިނިވަން މަރުކަޒީ ބޭންކެއް އުފަން ކުރުވީ، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަން މަތީގައި މަސައްކަތް ކުރުވުމަށް ކަމަށެވެ. އަދި ގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިނިވަން ކަމާއެކު އެޅުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.
ގަވަރުނަރުގެ ވަކި ކުރުމާ ބެހޭ ގޮތުން ނޫސްތަކަށް ތިލަވެ، ސްކްރީންޝޮޓްތައް އާންމުވެފައިވާ ކަންކަމަށް ބަލާއިރު މުހިންމުކޮށް ފާހަގަ ކުރެވެނީ ސަރުކާރަށް އެއްބާރުލުން ނުދެއްވުމުގެ ވާހަކައާއި ބާޒާރަށް ނުކުންނަ ފައިސާގެ އަދަދު ކޮންޓްރޯލު ކުރުމަށް މަރުކަޒީ ބޭންކުން އަޅާފައިވާ ފިޔަވަޅުތަކާއިމެދު ހިތްހަމަ ނުޖެހުމުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ ރާއްޖޭގެ އެކްސްޕޯޓާއި ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކޮށް، ޑޮލަރުގެ އަގު އުފުލިފައި ވަނިކޮށް، ބާޒާރަށް އިތުރު ފައިސާ ނެރުމާއި ދެކޮޅަށް ގަވަރުނަރު މަސައްކަތް ކުރެއްވިނަމަ، އެއީ ޑޮލަރުގެ އަގު އިތުރަށް ބޮޑުވިޔަ ނުދިނުމަށް އެޅުއްވި ފިޔަވަޅުތަކެއް ކަމެއް، ނުވަތަ ހަމަ ނޭއްގާނި ކަމުން ކަމެއް ސާފެއް ނުވާ ކަމަށެވެ.
ފާއިތުވި ދެތިން އަހަރު ވާލްޑްބޭންކާއި އައިއެމްއެފްއިން ވަނީ ރާއްޖޭގެ އިގުތިސާދާމެދު ކަންބޮޑުވެ އެތަކެއް ރިޕޯޓެއް ނެރެފައެވެ. އެގޮތުން ނެރެފައިވާ ރިޕޯޓުތަކުގައި ހުރީ ސަރުކާރުތަކުގެ ފިސްކަލް ސިޔާސަތާމެދު ހިތްހަމަ ނުޖެހި ދައްކާފާއި ހުރި ވާހަކަ ކަމަށާއި ސަރުކާރުގެ ޚަރަދު ކުޑަކުރުމާއި، ސަބްސިޑީތައް އަމާޒު ކުރުމާއި، ސަރުކާރު ކުންފުނިތައް އަވަހަށް އިސްލާހު ކުރުމުގެ ވާހަކަތަކެެއް ކަމަށް އާތިފް ވިދާޅުވި އެވެ.
މި ރިޕޯޓް ތަކުގައި މަރުކަޒީ ބޭންކާ ބެހޭ ގޮތުން ކަންބޮޑުވުން މައިގަނޑު ގޮތެއްގައި ހުންނަނީ ސަރުކާރުގެ ޚަރަދުތަކަށް މަގުފަހިކޮށްދިނުމުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުގެ ވާހަކަ ކަމަށާއި މިދިޔަ މެއި މަހު ވާރލްޑްބޭންކުން ނެރުނު ރިޕޯޓްގައި ވެސް ސަރުކާރުގެ ސިޔާސަތުތަކަށް ‘ހުރަސް’ އެޅުމުގެ ކަންބޮޑުވުމުގެ ވާހަކައެއް ދެކެވަޑައިނުގަންނަވާ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.
މިހާރު ކުރިމަތިވެފައިވާ މާލީ ދަތި ކަމުގައި، މާދާމާ ވެސް ''އަޅުގަނޑުމެން ޖެހޭނީ ދުނިޔޭގެ އިދާރާ ތަކާއި، އެހެން ގައުމުތަކުން އެހީ ހޯދުމަށް މަސައްކަތް'' ކުރާން ކަމަށް އާތިފް ވިދާޅުވި އެވެ. އަދި މިފަދަ އެހީއެއް ދިނުމަށް ވިސްނާއިރު މާލީ އިދާރާތަކުންނާއި ސަރުކާރުތަކުން، އެ ގައުމުތަކުގެ ސެންޓްރަލް ބޭންކުގެ ގަވަރނަރުންގެ ޚިޔާލު ނުހޯދައެއް ނުހުންނާނެ ކަމަށާއި އެހެންކަމުން، އިތުރަށް ވިސްނަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މޫޑީސް އިން ރާއްޖޭގެ އައުޓް ލުކް ސީސީސީއަށް ދަށް ކުރީ އިހަށް ދުވަހުކަން ފާހަގަކުރައްވައި, އާތިފް ވިދާޅުވީ މިއީ ރާއްޖޭގެ ބޭންކިންގް ނިޒާމާއި މެދު ބޭރު އިންވެސްޓަރުންގެ މެދުގައި ޔަގީންކަން އުފައްދަން ވީ ވަގުތު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އަޅަން ޖެހިފައިވާ ފިޔަވަޅު ތަކާމެދު ރައްޔަތުން މިއަދު ތިބީ ‘ވާނުވާ’ ހާލަތުގަ އެވެ. އަދި ތިމާޔާއި އާއިލާއަށް ލިބޭ އާމްދަނީ އުނިވާނީ ކިހާ މިންވަރަކުންތޯ، ޓެކްސްގެ ގޮތުގައި އިތުރަށް ދައްކަން ޖެހޭނީ ކިތައް ރުފިޔާތޯ، ސަބްސިޑީ ކަނޑާލީމާ ކާޑު ގަންނަން ލިބޭނީ ކޮންއަގަކަށްތޯ އޮޅުން ފިލުމަށް ބޭނުންވެފައެވެ. މާދަމާގެ ހާލަތާމެދު ކަންބޮޑުވެފަ އެވެ.
އެހެންކަމުން މިއީ ސާފު ގާނޫނީ ހުއްޖަތެއްނެތި ގަވަރުނަރު ވަކި ކުރަންވީ ވަގުތެއް ނޫން ކަމަށް އާތިފް ވިދާޅުވިއެވެ.