ބުރާސްފަތި ދުވަހުގެ އަދަދާއި ގުޅޭ
ކަރުނައަކީ ކިލަނބުކަމެއް ނުވާ ސާފު ފެންފޮދެކެވެ. އޭގައި ކުލައެއް ނުވިޔަސް، ރަހައެއް ވާކަން ދެނެގަތީ ކިތަށް އިންސާނުން ހެއްޔެވެ؟
"ކޮންމެވެސް ދުވަހަކުން މަންމަގެ ދިރިއުޅުމުގެ މިސަފްހާތައް ނިމޭނެ.. އެދުވަހަކުން ހިނިތުންވުމާއެކު ހަމައެކަނި ރީތި ހަނދާންތަކެއްގެ ގޮތުގައި ދަރިފުޅު ކިޔާލަން އޮންނާނީ، ދަރިފުޅުގެ 'ޗެޕްޓަރ".. ދަރިފުޅުގެ ހިތުގައި އަބަދުވެސް މަންމައަށް ޖާގަ އޮންނާނެކަން ޔަގީން، ލިޔަމުން މިދާ ކޮންމެ އިބާރާތަކީ، ދިރިހުރި އިންސާނެއްގެ ގުނަވަންތައް ހަންޖަރަކުން ކަފާ ކުދިކުރުންފަދަ ގަދަ ވޭންތަކެއް.. މި ހުރިހައި ދުވަހު ދިރި މހުރީ ﷲގެ މިންވަރުފުޅާއެކު ހަމައެކަނި ދަރިފުޅަށްޓަކައި.. މިއަދު ދަރިފުޅު ތިހުރީ މަންމައާއި ނުލައިވެސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެވަރަށް ތަސައްރަފް ފުދިފައި..! މި މަންމަގެ ހިތުގައި އިންތިހާ ލޯތްބާއި އިއްޒަތް ދެވިފައިވަނީ ހަމައެކަނި ދަރިފުޅަށް.. މަންމަގެ ހަށީގައި ވިންދު ހުރިހައި ހިނދަކު މިކަން ބަދަލލުކުރެވޭނެ ހާލަތެއް އިން ޝާ ﷲ މެދުވެރި ނުކުރައްވާނެ.."
އަލީޒީގެ ލޮލުން އޮހޮރެމުންދިޔަ ކަރުނައިގެ ހޫނުކަން ހިތާއި ހަމައަށް އަސަރުކޮށްފި އެވެ. އިވެމުންދިޔަ މަޑުމަޑު ގިސްލުމުގެ އަޑު ކުރިއަށްވުރެން ގަދަވެއްޖެ އެވެ. ތެމެމުން ދިޔައީ ބޯއަޅައިގެން އޮތް ބާލީހެވެ.
"މަންމަ އެކަނިވެރިވެ، ބިކަހާލުގައި މަގުމަތީގައި އުޅެން މަޖުބޫރުވި ދުވަހެއް އައި ނަމަވެސް އިން ޝާ ﷲ އެފަދަ ދުވަހެއް ދަރިފުޅަށް ކުރިމައްޗެއް ނުވާނެ.. މަންމަ ބޭނުމީ ދަރިފުޅަކީ އެކަނިވެރިއެއް ނޫންކަމާއި ދުވަހަކުވެސް ދުނިޔޔޭގައި އެކަނިވެރިވާންޖެހޭފަދަ ހާލަތެއް މެދުވެރިނުވާނެކަމަށް ގަބޫލުކުރުން..! އިން ޝާ ﷲ މިމަންމަގެ ދުއާ ދަރިފުޅާއި ވަކިވެގެންދާނެ އެންމެ ވަގުތެއްވެސް ﷲ މިންވަރު ނުކުރައްވާނެ.. ދަރިފުޅުގެ އުދާސްތަކާއި އުފާތަކާއި ކަންބޮޑުވުންތައް އަޑުއަހަން މި މަންމަ، ދަރިފުޅުގެ އެންމެ ގާތުގައި އަބަދުވެސް ވާނެ.. މިއީ ޓީމެއް ދަރިފުޅާ! ދުވަހަކުވެސް ވަކި ނުކުރެވޭނެ، އަދި ބަލިނުކުރެވޭނެ ގަދަފަދަ ޓީމެއް މިއީ.. ދުނިޔެއާއި ކުރިމަތިލުމުގައި ޗެމްޕިއަންކަން ހޯދާނީ މި ޓީމުން.. އެކުގައި މިކުރާ ދަތުރު ނިންމާލާފައި މަންމަ ވަރުބަލިވެގެން ލޯ މަރާލާވަގުތުން ފެށިގެން އިތުރު ދެ ކުޅުންތެރިން ދުނިޔޭގެ މި ބިމުން ދަރިފުޅުގެ ރައްކާތެރިކަމަށް ތެދުވާނެ.. ދަރިފުޅުގެ މުޅި އުމުރަށް އަންކަލްއާއި ބޮޑުދައިތަ ބަލަހައްޓައިދޭތި.. މިއީ މަންމަ އެދެން ޖެހޭނެކަމެއް ނޫންކަންވެސް މަންމައަށް އިގޭ.. ދަރިފުޅަކީ އެތައް ބަޔަކަށްޓަކައި މިދުނިޔެއަށް ފޮނުއްވި ނިއުމަތެއްކަމަށް މަންމަ ގަބޫލުކުރަން.. ކުރާ ކޮންމެ ކަމެއްގައި އިހްތިރާމާއެކު އޯގާތެރިކަން އިސްކުރާތި ދަރިފުޅާ.."
އަލީޒީގެ ކަރުނައާއި ގިސްލުމުގެ ތެރެއިންވެސް އަމިއްލައަށް ވާހަކަ ދައްކަމުންދިޔައީ އަޔާންއާއެވެ. ލޯ މަރާލާފައިވިޔަސް، ލޯ ކުރިމަތީން އަލީޒީއަށް އަޔާން ފެންނަ ފަދައެވެ.
................
ހިނިތުންވަމުން އަޔާން ދޮރު ހުޅުވާލިއެވެ. ބޭރުގައި ހުރީ ކާކުކަން އަޔާންއަށް ޔަގީންވާ ކަމުގެ ހެއްކަކީ ލޮލުން ބަބުޅަމުންދިޔަ އުފަވެރި އިހްސާސްތަކެވެ. ރަގަޅަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް ކުރިމައްޗަށް ދިއްކޮށްލީ ތާޒާ ހުދުކުލައިގެ
ޓިއުލިޕްގެ މާ ބޮނޑިއެކެވެ.
"ތެންކިއު ޕްރިންސެސް" މާބޮނޑީގައި ހިފަމުން އަޔާން ބުންޏެވެ.
"މޯސްޓް ވެލްކަމް ހޭންޑްސަމް..! ދޮރުހުޅުވަން ހާދަ އިރެއްނެގީ ކީއްވެ..؟ މި އާދެވުނީ ނުބައި ވަގުތެއއްގައިތަ..؟ ކޮންމެވެސް ތަނެއްގެ ތެރޭގައި ފޮރުވާފައި ދޯ ތި އައީ؟!" އަމީރާ ސުވާލުކޮށްލީ އެއްބުމަ ހިއްލާލަމުން އުނަގަނޑުގައި އަތްވިއްދާލާފަ އެވެ.
"ހުދު އަހެއްގައި ސަވާރުވެގެން، ޕްރިންސެސްގެ ގަނޑުވަރަށް ދާނެ ޕްރިންސަކަށް ނުވެވުނަސް، ތިހާ ލޯބިލޯބި އަމީރާ އެއް އައިސް ދޮރުގައި ޓަކިޖަހާލާއިރު، އެވަގުތަކީ ނުބައި ވަގުތަކަށްވާނެ ހަމައެއްގޮތެއްވެސް ނޯންނާނެ ދޯ.. ތި ނޫން އަންހެން ކުއްޖަކު މިހާތަނަށް އަދި މި އެޕާޓްމެންޓަކަށް ނުވަދޭ..!" ސަމާސާ ކޮށްލުމަށްޓަކައި އަޔާން ބުންޏެވެ.
އަޔާން ބުނިއެއްޗެއް އަޑުއެހުމެއްނެތި އަމީރާވަނީ އެތެރެއަށެވެ. އެންމެ ފުރަތަމަ ޗެކްކުރީ މެހެމާނުންގެ ކޮޓަރިއެވެ. އެއަށްފަހު އަޔާންގެ ކޮޓަރި ދޮރުހުޅުވަން ތަޅުގައި ހިފާލާފައި، ފަސްއެނބުރި ބަލައިލިއެވެ. އަޔާންގެ ހިތްގައިމު އެޕާޓްމެންޓަށް އަމީރާ ބަލައިލިއެވެ. ބަދިގެއިން ފެށިގެން ސިޓިންގރޫމަށް ލޯ ހިނގާލި އެވެ. އެއީ ހިތްގައިމުކަމާއި ތަރުތީބުކަމުގެ މިސާލެކެވެ. މުޅި އެޕާޓްމެންޓް ޒީނަތްތެރިކޮށްލާފއިވަނީ ހުދުކުލައާއި މަޑުއަޅިކުލައިގެ ފަރުނީޗަރުތަކުންނެވެ. އެކަތިއަނެކައްޗަށް ތައުރީފުކުރާފަދަ ހިތްގައިމުކަން އެއިން ކޮންމެ ދިމައަކުން ފެނުނެވެ.
އަޔާންގެ އެއްބުމަ ހިއްލައިލަމުން އެއްފަރާތަކަށް އަރިވެލާފައި ލޮލުން އިޝަރާތްކޮށްލި އެވެ. އަމީރާ ހުއްޓިފައިހުރީ ކީއްވެތޯ ސުވާލުކޮށްލުމަށެވެ. ހުޝިޔާރުކަމާއެކު އެ އިޝާރާތް އަމީރާ ދެނެގަތެވެ.
"އެއްވެސް މީހަކު "ހާއްސަ ހާލަތެއްގައި" އެތެރޭގައި ހުރިއްޔާ އަވަހަށް ބުނޭ.. އެހެންނޫނީ މިހާރު މި ހުޅުވަނީ.." ތަފާތު ރާގެއްގައި އަމީރާ ބުންޏެވެ.
ހަގީގަތުގައިވެސް އެކޮޓަރީގައި މީހަކު ވެދާނެކަމަށް އަމީރާއަށް ހީކުރެވިފައިވާފަދަ ބެލުމަކުން ބަލައިލަމުން ލޯއަޅައިލިއެވެ. ބޭނުން ކޮންމެ ކަމެއް ކުރާށޭ ބުނެލާފަދަ ގޮތަކަށް އަޔާންގެ ކޮނޑުއަރުވާލި އެވެ. އެއްމިޔަކަނުން ހިނިއައިސްފައި ހުރިއިރު އަޔާންގެ ފިރިހެންވަންތަކަމަށް ތައުރީފްނުކުރެވޭނެ ލޮލެއް އޭނާއަށް އަމާޒު ނުވާނެ އެވެ. ވާތްފަރާތު ކޮލުގައި އިންނަ އަޑިކޮޅަށް އަމީރާ ބަލައިލި އެވެ. މޫނުމަތީގެ ކުލަ ޖަންބުކުލައަށް ބަދަލުވެގެންދިޔައީ އަޔާންގެ އެއް ލޯ މަރައިލުމުންނެވެ.
"ތެދަށްބުނޭ...! ކީއްވެ މާ ލަހުން ދޮރު ހުޅުވީ..؟" ލަދުން އިސްޖަހައިލަމުން އަމީރާ ބުނެލީ ލޯބިގޮތަކަށެވެ.
"ޖެލަސް..؟ ވީ އާރ ޖަސްޓް ފްރެންޑްސް ދޯ..! ސޯ..؟" ކުރިން އަމީރާ ބުނެފައިވާ ބުނުމެއްގެ މައްޗަށް އަޔާން އެއްޗެއް ބުނެލީ ދެ ކޮނޑު އުފުލާލަމުންނެވެ.
"އެހެންވިޔަސް، އިތުރު އަންހެން ކުއްޖަކު މި އެޕާޓްމެންޓަށް އައުމުގެ ހުއްދައެއް ނޯންނާނެ.." އަމީރާގެ ހިތުގެ ބުނުން އިއްވާލި އެވެ.
"ޑިޓެކްޓިވް ޑޮކްޓަރ އަމީރާ ނާދިފް ޝައްޔާން ދީދީ ބޭނުންތަނެއް ބަލައި ފާސްކުރުމުގެ ހުއްދަ ދީފިން..! އެނދުތަކުގެ ތަންދޮށާއި އަލަމާރިތަކާއި ކަބަޑުތައް ކޮންމެހެންވެސް ބަލާލާތި..!" އަޔާން ބޭނުންވީ ސަމާސާ ކޮށްލާށެވެ.
"އައި ވިލް ކިލް ޔޫ ޑޮކްޓަރ އަޔާން މުހައްމަދު ޒަރީރް..!" އިންޒާރުގެ ރާގުގައި އަމީރާ ބުނެލި އެވެ.
ހުދު ޓީޝާޓަކާއި ކާކީ ކުލައިގެ ޝޯޓެއްގައި އަޔާން ކިތަންމެ ހާވެސް ފުރިހަމައެވެ. ނުބަލަން އުޅުނަސް އަޔާންގެ ހަށިގަނޑާއި އަމީރާގެ ލޮލެއް ވަކި ނުކުރެވެ އެވެ. ހަށަން ބަނދެލައިގެން ސިޓިންގރޫމްގެ ސޯފާގައި ލެނގިލައިގެން އަޔާން ހުރީ ހިނިއައިސްފަ އެވެ. ބަދިގޭގެ ހުރިހައި ކަބަޑެއް އަމީރާ ބަލައިފާސްކޮށްފައި އަނެއްކާވެސް ދިޔައީ އަޔާންގެ ކޮޓަރިއަށެވެ. އަޔާންއާއި ދިމާއަށް އަނގައިން ވައްތަރެއް ޖައްސާލުމަށްފަހު ކުއްލިޔަކަށް ދޮރުހުޅުވާލީ ދެ ލޯ ވައްކޮށްލާފައި ރުޅިއައިކަން އަންގާލުމަށެވެ.
ދެ ޖީބަށް އަތްޖަހައިލައިގެން، މަޑުމަޑުން ހިންގާލާފައި އައިސް އަޔާން ހުއްޓުނީ ކޮޓަރީގެ ދޮރުމަތީގަ އެވެ. ދޮރުކަނީގައި އަތްވިއްދާލައިގެން ހިނިއައިސްފައިހުރީ އަމީރާގެ ހަރަކާތްތައް ދިރާސާކުރާށެވެ. އަޔާންގެ ހިނިގަނޑު ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެ ކިތަންމެ ފަހަރެއް އައެވެ. ނަމަވެސް ކެތްކުރީ، އެހެން އެއްވެސް ފަހަރެއްގައި އަމީރާ ނޫޅޭ ގޮތަކަށް މިރޭ އުޅޭކަން ފާހަގަކުރެވޭތީ އެވެ.
އެކުގައި މަސައްކަތްކުރެވުނު ޑޮކްޓަރުންގެ ތެރެއިން އަޔާންއާއި އަމީރާއާއި ދެމެދު އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެކެވެ.
"އެކުވެރިކަން'ނޫން ނަމެއް އެދެމެދުގައި ވާކަމަކަށް ދެމީހުންކުރެ އެކަކުވެސް މިހާތަނަށް އެއްބަސްވެފައެއް ނުވެ އެވެ. އަމީރާގެ ބައްޕައަކީ "ޕްރޮޓެކްޓިވް" ބައްޕައެއްކަމަށް އެކުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންވެސް ފާހަގަކުރެ އެވެ. އެ ލިސްޓަށް އަޔާންގެ ނަން އިތުރުކުރެވުނުތާ އަހަރެއްހައިދުވަސް ފާއިތުވެގެން ހިގައްޖެ އެވެ.
އަމީރައަކީ ބައްޕައާއި މަންމަގެ ޕްރިންސެސްއެވެ. އެތައް ސަބަބަކަށްޓަކައި، އަމީރާއާއި ގާތްކަން ބާއްވައި "ހާއްސަ ގުޅުމެއް" ހުށަހަޅަން ކެރޭވަރުގެ މީހަކު މިހާތަނަށް ދިމާވެފައެއް ނެތެވެ. އަޔާންއާއި އަމީރާގެ ގުޅުމަކީ، އަމީރާގެ ސަބަބުން ގާތްވަމުންދާ ގުޅުމެއްކަމަށް އަބަދުވެސް އަމީރާ ބުނެ އެވެ. ދެމީހުންގެ "އެކުވެރިކަމަށް" އަޔާންގެ އިތުރު ހިއްވަރެއް ނުލލާތީ އަމީރާކުރާ ޝަކުވާ މަދެއްނޫނެވެ.
"ވަރުބަލިވެއްޖެ..! އެކަކުވެސް ނެތް..!" އަޔާންގެ ކުރިމަތީގައި ހުއްޓި، އުނަގަނޑުގައި ދެއަތްވިއްދާލަމުން އަމީރާ ބުންޏެވެ.
"ތި ނޫން އެހެން އަންހެން ކުއްޖަކު މި ތަނަކަށް ނުވަންނާނެ..! ދޮރުހުޅުވުން ކުޑަކޮށް ލަސްވީ އަންކަލްއަށް ގުޅައިގެން ހުރީމައި.." ދެފަރާތުން އަމީރާގެ ކަނދުރާގައި އަތް އޮޅާލަމުން އަޔާންދިނީ ޔަގީންކަމެކެވެ.
"ކީއްވެ ކުރިން ނުބުނީ..؟ މިރޭ ހަގީގަތުގައިވެސް ހީކުރީ...!!!" އަމީރާގެ ޖުމުލަ ނުނިމެނީސް ފެންކަޅިވެއްޖެ އެވެ.
"ޝްޝްޝްޝ.. ނޯ ޓިއަރޒް..! ޔޯ ޑޭޑް ވިލް ކިލް މީ..." އަޔާންގެ އަތުގެ ތެރޭގައި އަމީރާ ބޮނޑިވެލީ ކުޑަކުއްޖެއް ފަދައިންނެވެ.
"ސަމާސާއަކަށްވެސް ލޮލުން ކަރުނައެއް ވައްޓާނުލާތި..! އެކަމުގެ ހުއްދައެއް އަމީރާއަކަށް ނެތް" ދެހަށިގަނޑު ދެމެދުގައި ވައި ރޯޅިއެއްވެސް ދަތުރުކޮށްލާނެ ފުރުސަތެއް ނެތްވަރަށް އަޔާން ފިއްތާލި އެވެ.
ދެ ހިތުގައި ޖަހަމުންދިޔަ ވިންދު ތަރުޖަމާކުރުމުގައި ދެމީހުންވެސް ވަނީ ފެއިލްވެފައެވެ. އެކަކު އަނެކެއްގެ އަތުތެރެއިން ލިބޭ އަމާންކަން ބަޔާންކުރާނެ ދުލެއް އެދެމެދުގައި ނުވެ އެވެ. "ނުދަންނަ އިހްސާސް'އަށް ދޭނެ ނަމެއް އެދެމެދުގައި ބަހުސްކުރެވިފައެއްވެސް ނެތެވެ.
"ޔޫ ނޯ ވަޓް..! ބައްޕަ އެންޑް ޔޫ އަރ ސޭމް..! ދެމީހުންގެ އެއްވައްތަރު ކަންކަން ވަރަށް ގިނަ.. އެންމެ ބޮޑަށް އަޔާންދެކެ ލައިކްވަނީވެސް އެހެންވެ" އަޔާންގެ ފިރިހެންވަންތަ ސެންޓުގެ ހިތްގައިމުކަން ލިބިގަންނަމުން އަމީރާ ބުންޏެވެ.
"އެކުވެރިކަމުގެ ތެރެއިން" މިފަދަ ގާތްކަމެއް އުފެދުނުއިރެއް ދެމީހުންނަށްވެސް ނޭގެއެވެ. އެކަކު އަނެކެއްގެ އަތުގެތެރޭގައި ލިބޭ ރައްކާތެރިކަމާ ހިތްހަމަޖެހުމަކީ ބަޔާންކުރެވޭވަރަށްވުރެން ބޮޑު އަރާމެކެވެ.
"ތެދެއް ބުނަންތަ؟" އަޔާންގެ މޭގައި ދަތްދޮޅިޖައްސާލާފައި ލޯބިގޮތަކަށް މޫނަށް ބަލައިލަމުން ޑުމަޑުން އަމީރާ ބުނެލި އެވެ.
"ދޮގެއް ނުބުނާނެކަން ޔަގީން" އަމީރާގެ އިސްތަށިގަނޑުގައި އަޔާން ކިސްކޮށްލި އެވެ.
"އަސްލު ހަމަ އިނގޭ.. މިތަނުގައި އެހެން އަންހެން ކުއްޖަކު ނުހުންނާނެކަން.. ބިކޯޒް އައި ޓްރަސްޓް ޔޫ! ދުވަހަކުވެސް ދެރަގޮތެއް ނުހަދާނެކަން ޔަގީން" އަޔާންގެ މޭގައި އަމީރާގެ މޫނު ފޮރުވާލަމުން ބުންޏެވެ.
"އައި ނޯ.. ޕްރިންސެސް.. ޔޫ ޑޯންޓް ހޭވް ޓު ބީ ޖެލަސް!" ލުއި ހިނިތުންވުމަކާއެކު އަޔާން ބުންޏެވެ.
"އަސްލު ފޯނު ނެގުން ލަސްވީ އަންކަލްއާ ވާހަކަދައްކަން ހުރީމައި.. އަންހެން ކުއްޖެއްގެ އަޑު އަންކަލްއަށް އިވިއްޖެއްޔާ ވާނެގޮތް އިނގޭދޯ..؟!" ދެމީހުން އެކުގައި ހީލި އެވެ.
"އިޓްސް އޯކޭ..! އަސްލު މިރޭ މިއައީ، ހޮސްޕިޓަލް ނިންމާފަ އައިއިރު މާ ބޮޑަށް ދެރަވެފައި ހުރީމައި.." މިއަދުގެ ހާދިސާގެ ވާހަކަ ނަންނުގަނެ އަމީރާއަށް ބުނެވެން އޮތްވަރަށް ބުންޏެވެ.
"ތެންކިއު ޕްރިންސެސް" ލޯ މަރައިލަމުން ކުރިއަށްވުރެން ބާރަށް އަޔާން އަމީރާގެ ގައިގައި ބައްދާލިއެވެ. ހަގީގަތުގައިވެސް އަމީރާއަކީ އަޔާންގެ ހިތްހަމަޖެހުމާއި އަމާންކަމެވެ. އެދެމެދުގައި ޝައްކެއް ނުވަތަ ޝަކުވާއަކަށް ޖާގައެއް ނޯވެއެވެ.
......................
ފަތިސްނަމާދުން ފައިބައިގެން އައިސް އައިޝާ ހުއްޓުނީ އަލީޒީގެ ކޮޓަރީގެ ކުރިމަތީގަ އެވެ. ވިސްނާލުމަށްފަހު މަޑުމަޑުން ތަޅުގައި ހިފައި އަނބުރާލި އެވެ.