"މިއަދު މަންމަގެ މެސެޖެއްވެސް ނުލިބޭ.. ހިތައް އެރީ މަންމަ ބަލީބާއޭ.." ސުވާލުގައި ނުތަނަވަސްކަން ވި އެވެ. ނަމަވެސް މުންޝިރުގެ ސިކުނޑީގައި ދައުރުވަމުންދިޔަ އޮއެވަރު އަޔާންއަށް އަންދާޒާވެސް ނުކުރެވެ އެވެ.
"މަންމަ ދެން ކުޑަކޮށް ބަލިކޮށް އުޅެނީ އަބަދުވެސް.. އަޔާންއާއި ނުލައި މަންމަ ހޭދަކުރާ ކޮންމެ ދުވަހެއްވެސް ނިމިގެންދާނީ އެކަހަލަ ގޮތަކަށްކަން ދަރިފުޅަށް އިނގޭދޯ.. މިހާރުދެން ގިނަ ވަގުތު މަންމަވެސް ހޭދަކުރަނީ ފިހާރައިގައި އެކުދިންނާއެކު މަސައްކަތުގައި" މާޔޫސްކަމާއެކު މުންޝިރު ބުންޏެވެ.
ދެއްކޭނެ މާގިނަ ވާހަކައެއް ނުވަތަ ދެވޭނެ ތަފްސީލްތަކެއް ނެތުމަކީ ވާހަކަ ކުރުކޮށް، އިސްޖަހައިލާން މަޖުބޫރުވާ ސަބަބެކެވެ.
"ރަށުން ބޭރަށް މަންމަ ގެންދެވިގެން ރަގަޅު ޑޮކްޓަރަކަށްވެސް ދެއްކޭނީ.. އެކަމަކު އެނޫން ކަމަކަށް ދުވަހަކުވެސް މަންމަ ވަސިއްޔަތެއް ނުކުރޭ.." ދުރުގައި ހުރެގެން މަންމައަށް ވެދެވޭނެ އެއްވެސް އެހީއެއް ނެތްކަން އެނގުމުން އަޔާންގެ މޭގައި ރިއްސާލި އެވެ.
"ހިއްވަރުކުރޭ ދަރިފުޅާ... އިން ޝާ ﷲ ދާދި އަވަހަށް ހުރިހައި ކަމެއްވެސް ރަގަޅުވެދާނެ.." ބުނާނެ އެހެން އެއްޗެއް ދުލަށްވެސް ނަ އެވެ.
އަޔާންގެ ހަމަހިމޭންކަން ދަތުރުކޮށްލީ، މަތީތައުލީމަށް ފުރަން ތައްޔާރުވެފައި ވަނިކޮށް ދެމައިންގެ ދެމެދު ދެކެވުނު ވާހަކައެއްގެ ތެރެއަށެވެ. އެއީވެސް އަލީޒީ ބަލިވެއުޅުނު ދުވަހެކެވެ. ނަމަވެސް ކަރުނަ ލޮލުން ނުހިކުމުގެ އަސްލަކީ އަޔާންއާއި ވަކީން ދިރިއުޅެން ފަރިތަކުރަން މަޖުބޫރުވާތީ އެވެ.
"މަންމަގެ ލޮލުން ކަރުނަ ނުހިކޭނަމަ، އަޔާން ކިޔަވަންދިޔުން ނިންމާލާފައި ރާއްޖެއިން ލިބެން ހުރި ތައުލީމަކާއި ދިމާއަށް މިސްރާބު ޖަހަންވީހެން ހީވަނީ.." ދާދި ގާތުގައި ތިބި ދެމީހުންގެ މޫނަށް ބަލައިލަމުން އަޔާން ބުންޏެވެ. ސީރިއަސްކަން ނޫނީ އެ ބުނެލުމުގައި ނެތެވެ.
"ނޫން ދަރިފުޅާ.. މަންމަގެ އެދުމަކީ ދަރިފުޅުގެ ހުވަފެންތަކުގައި ކުލަޖެހި، ހަގީގަތަކަށްވުން.. އެކަމަށް ކޮށްދެން ޖެހުނު ކޮންމެ ކަމެއް އަދި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނަން.. އެކަމަކު ހަމަ އެންމެ ކަމެއް ފިޔަވައި.." އަޔާންގެ ލޮލަށް ބަލައިލަމުން އަލީޒީ ބުންޏެވެ.
ބުނަން އުޅެނީ ކީކޭކަން ނޭގެނީ އަޔާން އަށެވެ. އައިޝާއާއި މުންޝިރްގެ ކަންފަތް އެ ޖުމުލައަށް ފަރިތަވެއްޖެ އެވެ. މަންމަގެ ޝަރުތަކީ ކޮބައިކަން އެނގެން ކެތްމަދުވެފައިވާ ދަރިފުޅު، މަންމަގެ އަތްތިލަ ގެނެސް އެ ދަރިފުޅުގެ އަތްތިލައިގެ ތެރޭގައި ރައްކާކޮށްލި އެވެ. ހިއްވަރު ދިނުމުގެ ގޮތުން މަންމަގެ އަތްތިލައަށް ފިތައިލާފައި ފިރުމާލި އެވެ.
"މިރަށުން ބޭރަށް ދާންޖެހޭނެފަދަ އެއްވެސް ކަމަކަށް އަޔާން މަޖުބޫރު ނުކުރުމަށް މަންމަ އާދޭހާއެކު ދަރިފުޅުގެ ކިބައިން އެދެން.. ހަމަ އެއްވެސް ހާލަތެއްގައި، އެހެން އެއްގޮތެއް ނެތިގެންވެސް މިރަށުން ބޭރަށް މަންމަ ނުގެންދިއުމަކީ ހަމައއެކަނި ދަރިފުޅުގެ ކިބައިން މަންމަ އެދޭ އެދުން.. ގަދަވެ ސަލާމަތުން ދުނިޔޭގައި ހުރެ، ދަރިފުޅު ކިޔަވައިގެން މޮޅު ޑޮކްޓަރަކަށްވެގެން ރާއްޖެ އައި ދުވަހަކުން ދަރިފުޅާއެކު މަންމަ، ދަރިފުޅު ބުނި ބިމަކަށް ދާނަން.. މިއީ މަންމަގެ ވައުދެއް..! މާލޭ ދާން އެދުނުކަމުގައި ވިޔަސް، އެދުވަހަކުން ޝަކުވާއެއްނެތި ދަރިފުޅާއެކު މަންމަ ދާނަން.. އެނޫން އެއްވެސް ހާލެއްގައި މަންމަ މިރަށުން ދުރަށް ނުގެންދޭ..! ޕްލީޒް!" ފެންކަޅިވެފައި އާދޭހުގެ ނަޒަރަކުން އަޔާންގެ ލޮލަށް އަލީޒީ ބަލައިލި އެވެ.
"މަންމަ ބައްޔެއްވެ، މި ރަށުން ފަރުވާ ނުކުރެވިއްޖެ ހާލަތަކަށް ގޮސްގެން މާލެ ގެންދަން ޖެހިއްޖެއްޔާ ދެން ކިހިނެއް ހަދާނީ.؟" ސުވާލުގައި ބުރަދަން އެބަހުއްޓެވެ. ބިރުބޮޑު ސުވާލެކެވެ. ހަގީގަތް އެންމެ ރަގަޅަށް އެނގޭތީ، އައިޝާއަށް ތެޅެގަނެވުނެވެ. އަލީޒީގެ ޖަވާބުން މާހައުލު ހަލަބޮލިވެދާނެކަމަށް އައިޝާއަށް ތެޅެގަނެވުނެވެ.
"އެކަހަލަ ވަގުތެއް އައިސްފިއްޔާ ދެން ހެދެން އޮތް އެންމެ ރަގަޅު ގޮތެއް ހެދ.." އައިޝާ މަސައްކަތްކުރީ މައުލޫގައި ފުލްސްޓޮޕް ޖަހާށެވެ. ނަމަވެސް އަޔާން ހުށިޔާރެވެ.
"ބޮޑުދައިތާ..! ވަގުތަކީ ބުނެފައި ކުރިމަތިވާ އެއްޗެއް ނޫން.. ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް މެދުވެރިވެދާނެ.. އަޔާންއާމެދު ބޮޑުދައިތަ ނުވިސްނަންތަ؟" އަޔާންގެ ޖުމުލައާއެކު އައިޝާ އިސްޖަހައިލި އެވެ.
"މުޅި މި އާއިލާއަށްވެސް އެންމެ މުހިއްމުވާނީ ދަރިފުޅު..! މަންމަގެ އުއްމީދަކީ މަންމަގެ ދަރިފުޅަށް މަންމަ މިކުރާ އުއްމީދު، އެގޮތުގައި ދެމެހެއްޓުން.. ހިތްދަތިވެ، ހިތްވަރު އެލިގެންދާ ކޮންމެ ވަގުތެއްގައި ދަރިފުޅުގެ އެންމެ ގާތުގައި ހުންނާނީ މަންމަ.. މަންމަ ނެތްނަމަ، ބޮޑުދައިތަ އާއި އަންކަލް ހުންނާނެ..! ހަމައެކަނި އުފާވެރި ހަނދާނެއްގެ ގޮތުގައި ހުންނާންޖެހުނަސް، އަބަދުވެސް މަންމަ ހުންނާނެކަމަށް ދަރިފުޅު ގަބޫލުކުރަންވާނެ.. ހަގީގަތަކީ ކޮންމެ ދިރުމަކަށް ނިމުމެއް ލެއްވި ފަދައިން، ކޮންމެ ފުރާނައެއްވެސް މުއްދަތު ހަމަވުމުން އޭގެ ދާއިމީ މަންޒިލަށް ދަތުރުކުރާނެ..! ފުރާނައަކީ ވަގުތު އެނގިގެން ބައްދަލުކުރާ މެހެމާނެއް ނޫން.. ވަގުތުޖެހުމުން ޖެހޭނީ ލޯ މަރައިލާން.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ދިމާވިޔަސް، މި މަންމަގެ ފަހުނޭވާއަކީވެސް ދަރިފުޅުގެ ހައްގެއް..! ދެދުނިޔޭގައިވެސް މަންމަގެ ހުރިހައިވެސް މީހަކީ މަންމަގެ އަޔާން.." އަލީޒީގެ ހިތުގައި ފޮރުވަމުންދިޔަ އިހްސާސްތައް ބަންޑުންވިޔަނުދީ ހިފަހަށްޓަން ކިތަންމެ މަސައްކަތެއް ކުރިއަސް، އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ކިތަންމެ ވަގުތެއް ބައްދަލުކުރެ އެވެ.
"ކޮންކަހަލަ ވާހަކައެއް އަލީޒީ ތި ދައްކަނީ؟ އަޔާންގެ ހިތަށް ވަމުންދާ ތަދު އަލީޒީއަށް އިހްސާސްނުވޭތަ..؟ ތިކަހަލަ ވާހަކަ ދަންކަށް އެންމެ ރަގަޅު ވަގުތެއް ނޫން މިއީ.. އަހަރުމެންނާއި އެތައް ހާސް މޭލެއް ދުރަށް ފުރައިގެން އަޔާން އެދަނީ.. ނުތަނަވަސް ހިތަކާއެކު މާދަމާ އެދަރިފުޅު ފުރައިގެންދިޔާމާ، ދެން ވާނީ ކިހިނެއް؟ އެތާގަ ނުހުންނާނެ އަޔާން ކޭތޯ ނުކައި ތޯ ވެސް ބަލާލާނެ މީހަކު.. " ހިތްހަމަ ނުޖެހުމާއެކު މުންޝިރަށް ބުނެވުނީ ތަންކޮޅެއް ހަރުކަށި ރާގުގަ އެވެ.
"އަޔާން ކުރިން ކުރި ސުވާލަށް މަންމަގެ ޖަވާބެއް ބޭނުން..!" މާހައުލު ހޫނުވަމުންދިޔައިރުވެސް އަޔާން ގެ ޖަވާބު އޭނާއަށް މުހިއްމުވި އެވެ.
އަތުގައި ހިފަހައްޓާލައިގެން އިނދެ އަޔާން ބަލަމުންދިޔައީ އަލީޒީގެ ލޮލަށެވެ.
ފާއިތުވެގެންދަނީ ހަމަހިމޭން ވަގުތުތަކެކެވެ. އަލީޒީ ވިސްނަމުންދަނީ ހިތުގައި އޮތް ޖަވާބުގެ ޖުމުލަތައް އަތުރާލާނެ ތަރުތީބަކާމެދު އެވެ.
"މަންމަގެ ފުރާނަ ދިޔައަސް، މިރަށުން މަންމަ ނުބޭލުމަށް ދަރިފުޅުގެ ކިބައިން މަންމަ އެދެފިއްޔާ އެކަން ކޮށްދޭނަންތަ؟" ވަރަށް ހިތްވަރުކޮށްފައި ދެ ލޯ މަރައިލަމުން އަލީޒީ ބުންޏެވެ.
އަޔާންގެ ފައިދަށުން ބިންގަނޑު ދެމިގެން ފަދަ އެވެ. ސީރިއަސް މޫނަކާއެކު ހަށިގަނޑު ސީދާކޮށްލާފައި މުންޝިރަށް ބަލައިލި އެވެ.
"އުއްމީދުކުރަން، އަޔާންއަށްޓަކައި މަންމަ އަބަދުވެސް ހެޔޮހާލުގައި ހުރުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނެކަމަށް.. އަބަދުވެސް މި ދަރިފުޅަށް އިންތިޒާރުކުރާތި..! އުއްމީދަކީ އަލިކަމެއް މަންމާ! އަޔާން މި ފުރަނީވެސް ހަމައެކަނި މަންމައަށްޓަކައި..! މަންމަ ނުރުހުމުގައި އެސްފިޔައެއްވެސް މި ދަރިފުޅު ތަޅުވާނުލާނެ!" އަލީޒީގެ އަތްގެނެސް ނިއްކުރީގައި ފިއްތާލަމުން އަޔާން ބުންޏެވެ.
އެއްޗެއް ނުބުނެ އެގޮތުގައި އިރުކޮޅަކު އިނދެފައި އަލީޒީގެ ނިއްކުރީގައި ބޮސްދިނެވެ. ހަމައެވަގުތުގައި ނުހަނު ބާރަށް އަޔާން ނިކުތީ ކޮޓަރީން ބޭރަށެވެ. އައިޝާއާއި މުންޝިރް އަޔާންގެ ފަހަތުން ދުއްވައިގަތުމުން އެކަން ހުއްޓުވީ އަލީޒީ އެވެ.
"އައިޝާ މަޑުކޮށްލާ... މުންޝިރްބެ ފޮނުވާ.." އެވަގުތު އަޔާންއަށް މުންޝިރްގެ އެހީ ބޭނުންވަނީ ކިހައި ވަރަކަށްކަން އަލީޒީއަށް އަންދާޒާކުރެވެ އެވެ. މައިވަންތަ ނަފުސަށް ކުރެވެމުންދާ ވޭނީ އަސަރުތައް އަލީޒީއަށް ވަޒަންކުރެވެ އެވެ.
"ދަރިފުޅު ކައިފިންތަ..؟" ކަންފަތުގައި ފޯނުޖައްސައިގެން ހިޔާލްގެ ތެރެއަށް ގެއްލިފައި އަޔާންއަށް އިނދެވުނީކިހައި އިރަކުކަމެއް ނޭގެ އެވެ. ލޮލަށް ފެންނަ ހިސާބުގައި ނެތަސް އެ ދަރިފުޅުގެ ހާލަތު އިނގޭތީ އެއްޗެއް ނުބުނެ މުންޝިރް މަޑުކޮށްލީ އެވެ.
"ޔެސް..! ކައިގެން އައިފަހުން މިހާރު އަނެއްކާ ބަނޑުހައިވެސް ވެއްޖެ..!" އަތުގައި އޮތް ގަޑިއަށް ބަލައިލަމުން އަޔާން ހީލި އެވެ. ސަބަބެއް އޮތީތީ އެވެ.
"އަޔާންއަށް އިނގޭ މަންމަ ބަލިކަން.. ހަގީގަތަށް އަޔާން ގާތުގައި ބުނަން އަންކަލްއަށް އުނދަގޫވާނެކކަންވެސް އިނގޭ.. ދެން މާ ގިނަދުވަހެއް ނުވާނެ.. އިން ޝާ ﷲ ހައެއްކަ މަސް ފަހުން މާލެއަށް ދެވޭނެ.." ފުން ނޭވާއެއްލަމުން އަޔާން ބުންޏެވެ.
"މަންމަ ވަރަށް ހިތްވަރު ދަގަވާނެ ދަރިފުޅާ.. އެކަން އަހަރުމެން އެންމެނަށްވެސް އިގޭ ދޯ.. ހޮސްޕިޓަލް ކަންތައް ކިހިނެއް..؟" އަޔާންއާއި ވާހަކަ ދައްކާލެވޭ ވަގުތަކީ މުންޝިރުގެ އެންމެ އުފާވެރި ވަގުތުކޮޅެވެ.
"އަޔާންގެ އެންމެ ބޮޑު ބިރަކީ، މަންމަގެ ހިތްވަރު! އިންސާނެއްގެ ހިތްވަރުގެ ސަބަބުން ބަލި އެނދުގައި އޮންނަށްޖެހޭ ނުރައްކާތެރި ކިތަންމެ ހާދިސާއެއް މިދަނީ ތަޖުރިބާކުރަމުން.. ތަނެއްގައި ކިތަންމެ ރިއްސިއަސް، އެތައް އުނދަގުލެއް ތަހަންމަލް ކުރަމުންދާއިރުވެސް ޑޮކްޓަރަކާއި ހަމައަށް އައިސް އަމިއްލައަށް ހައްލު ހޯދުމަކީ ނުރައްކަލެއް.. އެކަމާ ވަރަށް ވިސެނޭ..! މަންމަގެ ހިތްވަރާއި ހަމަހިމޭންކަމުގެ ފަހަތުގައި އޮތް ސިއްރުއެއީ ވަރަށް ބޮޑު ނުރައްކަލެއް.. މިހައި ދުރުގައި ހުރެގެން އެކަންކަން ހިއްސާއެއްވެސް ނުކުރެވޭނެ.. އަބަދުވެސް ނުފިލާ އޮންނަ ބިރެއް އެއީ.. މިއަދުވެސް ފުރާނައެއް ސަލާމަތްކުރުމަށް ވަރަށް މަސައްކަތްކުރިން.. އެކަމަކު ވަގުތުން ޖެހުމުން އަހަރުމެން ދޫކޮށްފައި ލޯ މަރައިލީ.. ހަތަރު ޑޮކްޓަރުންނަށް ކުރެވުނު އެއްކަމެއްވެސް ނެތް، އަލްވަދާއުކީ އެތައް ބަޔަކު ރޮއްވާފައި" ކިތަންމެ އުނދަގުލަސް، ހިތުގައި އޮތްގޮތަށް އަޔާން ވާހަކަދެއްކި އެވެ.
"ދުނިޔެއަކީ ވަގުތީ މަންޒިލެއް ދަރިފުޅާ.. ރާއްޖެއަށް ބަދަލުވެވޭނީ ކިހާތާކު؟ "އަޔާންއަށް ހިއްވަރު ދިނުން މުންޝިރަށް މުހިއްމެވެ.
"ޕޭ ޓްރެއިނިންގ ނިމޭނެ ޖެނުއަރީގެ ނަވާވީސްވަނަ ދުވަހު.. އޭރުން 3 އަހަރު ފުރިހަމަވީ..! ދެން އޭގެ ފަހުގައި އަމިއްލަ ގައުމަށްގޮސް، ވަޒީފާގެ ޒިންމާ ފަށަންވީ..! އިން ޝާ ﷲ ވީ އެންމެ އަވަހަކަށް މަންމަ ކައިރިއަށް ދާނަން.." އަޔާން ކެތްމަދުވެފައިވާވަރު މުންޝިރަށް އިހްސާސްކުރެވެ އެވެ.
އެޕާޓްމެންޓް ދޮރުގައި ޓަކިޖަހައިލި އަޑު އިވުމުން އެ ދިމާއަށް އަޔާން ބަލައިލި އެވެ.
"ވަރަށް ސަލާމް އަންކަލް.. ވަރަށް ލޯބިވޭ.. ދެން މިވަގުތު ބާއްބާލާނަން.." ކުއްލިޔަކަށް އަޔާން ފޯނު ބާއްވަން އުޅުމުން މުންޝިރްގެ ދެ ބުމަ ގާތްކޮށްލެވުނެވެ. މުންޝިރަށް ނުފެންނަނީ ދެފަހަރަކު އަޔާން ގަޑިއަށް ބަލައިލި މަންޒަރެވެ. ހިނިތުންވެފައި ހުރި މޫނު އެވަގުތު ފެނުނުނަމަ މުންޝިރުގެ ހިތް އުފަލުން ފުރުނީހެވެ.
"ވަރަށް ސަލާމް ދަރިފުޅާ.. ވަރަށް ލޯބިވޭ.." މުންޝިރްގެ ޖުމުލަ ނިންމާނުލަނީސް، އަޔާންގެ ދޮރުގައި ތަންކޮޅެއް ބާރަށް ޖަހައިލިއަޑު އިވުނެވެ. އަދި އަންހެން ކުއްޖެއްގެ އަޑު އިވުމުން މުންޝިރުގެ ތުންފަތްމަތީން ތަފާތު ހިނިތުންވުމެއް ފެނިލި އެވެ.
..............
މޭމަތީގައި ފޮތް ބާއްވާލައިގެން ލޯ މަރާލައިގެން އަލީޒީ އޮތެވެ. ލިޔަން ގެންގުޅުނު ގަލަން އޭރުވެސް އޮތީ އަތުގަ އެވެ. ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނައިން ބާލީސް ތެމެމުންދިޔަ އެވެ. ހަށިގަނޑުގެ ގުނަވަންތަކުގައި އަޅާވޭން، އާވިފަދައިން ބޭރުވެގެން ނުދަނީ ކީއްވެތޯ ސުވާލުކުރެވުނު ކިތަންމެ ފަހަރެއް ހިގައްޖެ އެވެ. ކަރުނައަކީ ކިލަނބުކަމެއް ނުވާ ސާފު ފެންފޮދެކެވެ. އޭގައި ކުލައެއް ނުވިޔަސް، ރަހައެއް ވާކަން ދެނެގަތީ ކިތަށް އިންސާނުން ހެއްޔެވެ؟
-ނުނިމޭ-