ގާސިމް މިހެން ވިދާޅުވީ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ގާސިމް ވިދާޅުވީ އިހުލާސްތެރި ނިޔަތެއް ނެތް މީހަކަށް ރަނގަޅަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އިހުލާސްތެރިކަމުގެ ނިޔަތާއެކު ރެޔާދުވާލު މަސައްކަތްކުރާ މީހަކަށް ކާމިޔާބު ދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަަސައްކަތްކުރައްވަނީ އެ ނިޔަތުގައި ކަމަށް ބަލައިގަންނަ ކަމަށެވެ.
އެހެންކަމުން އެމަނިކުފާނާ ހަވާލުކޮށްފައި ހުރި ޒިންމާތަކާއި މަސްއޫލިއްޔަތު ފުނޑުފުނޑުކޮށް ނިންމާލުމަށްޓަކައި, މަޖިލީހުގެ ބާރުވެރިކަމުގައި ލޯބީގެ ކަތުރަކުން ކަފައިލަން ވިސްނުމަކީ އެއްގޮތަކަށް ވެސް ރަނގަޅުގޮތެއްނޫން ކަމަށް ޕީއެންސީގެ ސްޕަރ މެޖޯރިޓީ އޮންނަ މަޖިލީހުގެ މެންބަރުންނަށް އިޝާރަތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
''ލޯބީގެ ކަތުރަކުން ކަފައިލުމަކީ އަދި އިސްލާހުވުމެއް ނޫންކަން ދަންނަވައިލަމުން އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުއާކުރަން....''
ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ހުށަހެޅި ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަތު ހުސައިން ޝަރީފެވެ. ބިލު ހުށަހަޅުއްވައިފައިވަނީ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަނަައިބު އުނިކުރުމަށެވެ. އެ ބަދަލު ގެންނަންޖެހޭ ސަބަބެއްކަމަށް ބިލުގައި ފާހަގަކޮށްފައިވަނީ ބާ ކައުންސިލަށް ހަގީގީ މިނިވަންކަން ދިނުމަށެވެ.
ނަމަވެސް ގާސިމް ވިދާޅުވީ ބިލުގައިވާ ބަންޑާރަނައިބު އުނިކުރާ މާއްދާ ފިޔަވައި އެހެން ހުރިހާ ބަޔަކަށް ތާއީދުކުރައްވާ ކަމަށެވެ.