ހެލްތު އަދި ފިނޭންސް މިނިސްޓްރީއާއި އެންސްޕާއާއި އާސަންދައިގެ އިތުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި އެސްޓީއޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، ފެންވަރު ރަނގަޅު ބޭސް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، ސަރުކާރުން ޔޫއެންޑީޕީއާ ގުޅިގެން ފެންވަރު ރަނގަޅު ބޭސް ޕޫލް ޕްރޮކިއުމެންޓެއްގެ ތެރެއިން، ބަލްކް ޕްރޮކިޔޮކޮށް ގެންނަން ފަށައިފައިވާ ކަމަށެވެ.
އެ ފިޔަވަޅުގެ ދަށުން އަސާސީ ހުރިހާ ބޭހެއް ރާއްޖެއިން ލިބެން ހުންނާނެ ކަމާއި، ގެނެވޭ ބޭސްތަކަކީ ސީދާ ބޭސް އުފައްދާ ކުންފުނިން ގަނެ، ބޭސް އުފެއްދުމާ ހަމައިން ފެށިގެން ބަލި މީހާއާ ހަމައަށް ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ބޭސްކަން ކަށަވަރު ކުރެވޭނެ ކަމަށް ބަޔާނުގައިވެ އެވެ.
ސިޔާސަތަށް ގެނެވުނު މި ބަދަލާ ގުޅޭ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށް ވެސް ފޯރުކޮށްދެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ބަދަލަށް އަހުލުވެރިވެ ތައްޔާރުވުމަށް ބޭނުންވާ ފަރާތްތަކަށް އެކަށޭނަ ވަގުތު ދިނުމުގެ ގޮތުން އަންނަ އޮކްޓޯބަރު މަހާ ހަމައަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަދަލާއިއެކު އާސަންދައިގެ އަސާސީ އަގު ކަނޑައަޅާނީ ރީޓެއިލް ފައިދާއަކާއެކު ވިއްކޭ ވަރަށް ކަމަށް ސަރުކާރުން ބުނެއެވެ. އެސްޓީއޯއިން ބޭސް ގަނެ އަމިއްލަ ފާމަސީތަަކަށް ފައިދާއާކއެކު ވިއްކޭނެ ކަމަށާއި ނަމަވެސް އެއީ ކުރިން ނަގަމުންދިޔަހާ އިންތިހާ ބޮޑު ފައިދާއެއް ނޫން ކަމަށެވެ.