ads
ރާއްޖެ-ޗައިނާއިން ބޭއްވި މަޝްވަރާތައް
ރާއްޖެއިން އެދެނީ މާލީ އިސްލާހީ ޕްރޮގްރާމަށް ޗައިނާއިން އެހީވުމަށް
ރާއްޖޭގެ އިގުތިސާދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިގުތިސާދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެދިވަޑައިގެންފި އެވެ.
Advertisement

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ މިއަދު ބެއިޖިންގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ވަން-ޗައިނާ އުސޫލާއި، ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާރޓްނަރޝިޕަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި އެވެ. 

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޓަކައި މުހިންމު ގިނަ މައުލޫތަކަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި 50 އަހަރަށްވުރެ ގިނަ ދުވަހު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޒަމީރު ވަނީ ދެގއުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. 

މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) މެދުވެރިކޮށް ޗައިނާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ. 

އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމާއި، އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަދަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިގުތިސާދީ އަދި މާލީ ޙާލަތާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖީ ވަޒީރާ ހިއްސާ ކުރައްވައި، ރައީސް މުއިއްޒު އިއުލާން ކުރެއްވި ފަދައިން ފިސްކަލް އިސްލާހުތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިގުތިސާދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިގުތިސާދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ އެއްބާރުލުން ދިނުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. 

ޗައިނާ އެމްބަސީން ކުރި ޕޯސްޓެއްގައިވަނީ ޗައިނާ-މޯލްޑިވްސް ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ކުރިއެރުވުމަށާއި، ފެންވަރު ރަނގަޅު ބެލްޓް އެންޑް ރޯޑް ގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެފަރާތުން އެއްބަސްވެފައިވާކަން ފާހަގަކޮށްފައެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީޤާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ.ޢަބްދުالله މުއްތަލިބާއި، ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، ޗައިނާގައި ހުންނަ ދިވެހި އެމްބަސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް