އެ އޮފީހުން ބުނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމަށެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އޮޑިޓަރ ޖެނެރަލްގެ އެހީތެރިކަން ހޯދުމަށް އެ އޮފީހާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ބަންޑަރަ ނައިބުގެ އޮފީހުން ބުނެއެވެ. މި މަޝްވަރާތަކުގައި ބަންޑާރަ ނައިބު އަހްމަދު އުޝާމާއި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވަނީ ބައިވެރިވެޑައިގެންފައެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން ދާދި ފަހުން ބުނެފައިވަނީ އެ ކޮމިޝަނުން ތަހުގީގު ކޮށް ނިންމާފައިވާ މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 50 މިލިއަނަށްް ވުރެ މައްޗަށް އަރާކަކަމަށެވެ. އެހެންނަމަވެސް އެ ފައިސާ ހޯދަން ދައުލަތުގެ އިދާރާތަކުން މަސައްކަތް ނުކުރާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާއިން އެންމެ ގިނައީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް ހޯދަން އަންގާފައިވާ ފައިސާކަމަށާއި އެ އަދަދު 40.4 މިލިއަނަށް އަރާކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެމްޓީސީސީން 8.4 މިލިޔަން އަދި ފެނަކައިން ވެސް ގާތްގަނޑަކަށް 1.4 މިލިޔަން ރުފިޔާ ދައުލަތަށް ލިބެންޖެހޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.