މައުލޫމާތު ލިބިފައިވާ ގޮތުގައި އޮންލީވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް އެންމެ ބޮޑު ދެ މުބާރާރުގައި އޮންލީއަކަށް ނުކުޅެވޭނެއެވެ. އެއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންނަ ގޯލްޑަން ފުޓްސަލް މުބާރާތާއި އޮފީސް ކުންފުނިތަކުގެ ކްލަބް މޯލްޑިވްސް ކަޕެވެ.
އޮންލީ އޮޕަރޭޝަނެއް ކުރަން ޖެހުނީ މިދިޔަ އީދުގައި އޮތް މުބާރާތެއްގައި ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެއީ، ށ. މިލަންދޫގައި އޮތް މުބާރާތެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ހަތެއް ނުވަތަ އަށް މަހެއްހާ ދުވަހަށް އޮންލީ ހުންނަން ޖެހޭނީ ނުކުޅެއެވެ.
އޮންލީވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުން, 2022 ވަނަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕް ފެނަކަ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި 2023 ވަނަ އަހަރު ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތް ލ. ގަން ޓީމަށް ހޯދައިދިން އިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އޮފް ދި ޓޯނަމެންޓަކީ ވެސް އޮންލީ އެވެ.