ads
ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފް, ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލު ކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ޑިމޮކްރެޓްސް އޮތީ ސަރުކާރަށް ވަރަށް ބޮޑަށް އެއްބާރުލުންދޭ ގޮތަށް
ގާނޫނުއަސާސީ އިސްލާހުކުރުމުގައާއި ރާއްޖޭގެ މިހާރުގެ އިގުތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ދިނުމަށް ދަ ޑިމޮކްރެޓްސްއިން ނިންމައިފި އެވެ.

ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފާއި އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ މުހައްމަދު ޝިފާޒް (ޝިއްޕެ) އިއްޔެ ވަނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް އޮފީހުގަ އެވެ.

ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ''ސީއެންއެމް'' އަށް މައުލޫމާތު ދެއްވަމުން ހަސަން މިއަދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރަން ބޭނުންފުޅުވާ ވާހަކަ ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވާ ކަމަށާއި އެގޮތުން އެބޭފުޅު އެދިވަޑައިގެންނެވީ ގާނޫނު އަސާސީ އިސްލާހުކުރެވޭއިރު ޑިމޮކްރެޓްސްއިން އެ މަސައްކަތުގަ ފުރިހަމައަށް ބައިވެރިވާން ބޭނުންވާ ވާހަކަ ކަމަށެވެ.

އެ ޕާޓީގައި އެ ފަންނުގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި އެ ބޭފުޅުންގެ މަޝްވަރާއާއި ލަފާއާއި ކޮށްފައި ހުރި މަސައްކަތްތައް ވެސް އެކަންކަމުގައި ހިމެނޭ ގޮތަށް އިންތިޒާމުކޮށް ދެއްވުމަކީ ވަރަށް ބޮޑަށް އެދޭ ކަމެއް ރައީސަށް ދެންނެވި ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"އެހެންގޮތަކަށް ދަންނަވަންޏާ ގާނޫނުއަސާސީ އިސްލާހުކުރާއިރު އެ މަސައްކަތުގަ ޑިމޮކްރެޓުންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނަން ބޭނުމޭ" ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މީގެކުރިންވެސް ޑިމޮކްރެޓުންގެ ފަރާތުން މުއިއްޒުއާ ކުރިން ވެސް ބައްދަލުކުރައްވާފައިވާ ހަސަން ވިދާޅުވި އެވެ.

މީގެއިތުރުން އިގުތިސާދީ ގޮތުން ރާއްޖެ މިހާރު އޮތް ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރާއިރު އެ ޕާޓީގައި ވެސް އެ ދާއިރާގެ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި ރައީސް އެކަހަލަ އިންތިޒާމެއް ހަމަައްސަަވައިދެއްވައިފިއްޔާ އެ ބޭފުޅުން ވެސް ތިއްބެވީ ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިވެ ކުރިއަށް ދިއުމަށް ކަމަށް ހަސަން ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް