ކުރީގެ ނާއިބު ރައީސްގެ އިތުރުން، ކުރިން ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވައި އަދި މި ސަރުކާރުގައި، އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖިހާދު ސޮއި ކުރެއްވި މައްސަލައިގައެވެ. އެއީ، 2013 ވަނަ އަހަރު، ފިނޭންސް މިނިސްޓަރު ކަމުގައި ޖިހާދު ހުންނެވި އިރުއެވެ.
އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިން ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ފާހަގަ ކުރެއްވި ކަމަކީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭ ކަމަށެވެ. އެކަމަކު ދައުލަތަށް އެ ކަން ބުނެނުދެވޭ ކަމަށް ނިންމި އެވެ. ދެވަނަ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވީ މުޅި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަސްތަކަށް ކަމަށް ވުމުން އަދީބު ދައްކަވާ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތުމެވެ.
މި ކަންކަމަށް ބަލައި އެ ދައުވާ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ.