މި ހިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ ނ. މަނަދޫގައެވެ. މި ހިދުމަތް އެ އަތޮޅުގައި ރަސްމީކޮށް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.
މި ރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތާރިގު އިބްރާހީމްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިޔާދާއި ރައްޔިތުންގެ މަޖިލީހުގައި ނ. އަތޮޅަށް ނިސްބަތްވާ ދާއިރާތަކުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހިދުމަތާއި އެކު އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ގުޅާލާނެއެވެ. ނ. އަތޮޅުގައި ފެރީގެ ހިދުމަތް ބޭނުންކުރަނީ އެކަމަށް ހާއްސަކޮށް ބަނދެފައިވާ ދެ އުޅަނދު ބޭނުން ކޮށްގެންނެވެ.
ނ. އަތޮޅުގައި މި ހިދުމަތް ހަފްތާގެ 7 ދުވަހު ލިބޭނެކަމަށްް އެމްޓީސީސީން ބުނެއެވެ. އަދި ދަތުރު ކުރާނީ 3 ރޫޓަކުންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި ހިދުމަތް ނ. އަތޮޅުގައި މިއަދު އިފްތިތާހުކުރި ނަމަވެސް ފޭރީތައް ދުއްވަން ފަށާނީ މާދަމާއިން ފެށިގެންނެވެ. މާދަމާއިން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާއި ހަމައަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހިލެއެވެ. ހިލޭ ދަތުރުތައް ކުރުމުގެ ބޭނުމަކީ ޝެޑިއުލް ދަތުރުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުންކަމަށް އެމްޓީސީސީން ބުނެއެވެ.
އެެމްޓީސީސީން ބުނީ އަގު ނަގައިގެން ހިދުމަތް ދޭން ފަށާނީ އަންނަމަހުގެ 2 ވަނދުވަހު ކަމަށެވެ. އަދި އެ ހިސާބުން ކައުންސިލް މެދުވެރިކޮށް ފެރީ ޖާގަ ދިނުން ހުއްޓާލާ ޓިކެޓް ގަންނަން ލިބޭނީ އެކަމަށް ހާއްސަކޮށްފައިވާ އާރުޓީއެލް އެޕުންކަމަށް އެމްޓީސީސީން ބުނެއެވެ.
ޖީބަށް ލުއި ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުންނެވެ. ނ އަތޮޅުގައި މި ހިދުމަތް ފެށުމުން 9 އަތޮޅުގައި މި ހިދުމަތް މިހާރު ލިބޭނެއެވެ. އެ އަތޮޅުތަކަކީ ހއ، ހދ، ށ، ނ، ޅ،ގއ، ގދ އަދި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއެވެ.
އެމްޓީސީސީން ބުނީ ބާކީ އޮތް 11 އަތޮޅުގައި މި ހިދުމަތް ފެށުމަށްް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.