މި ކެމްޕެއިނެއް ފެށުމުގެ މައިގަނޑު ބޭނުމަކީ، މިދިޔަ 45 އަހަރު ދުވަހު ގައުމު ހިންގިގޮތުގެ އޮނިގަނޑުގެ ތާރީހުން ދެއްކި ހަގީގަތްތަކާއި ފާއިތުވެދިޔަ 15 އަހަރުގެ ތަޖުރިބާގެ އަލީގައި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ލިޔެވިގެން އަމަލު ކުރަމުންދިޔަ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، ފެހި ގާނޫނު އަސާސީން ތަސައްވަރު ކުރި ތެދުވެރި އިހްލާސްތެރި މީހާ އާއި މީހުންނަކީ އިނގިލިން ގުނާލެވޭހާ ވެސް މަދު ބަޔެކެވެ. އަދި ގާނޫނު އަސާސީން ދެކޭ ފަދަ މުޖުތަމައުއެއް ވެސް ރާއްޖޭގައި ނެތުމުގެ ސަބަބުން ރާއްޖެ ހިންގުމަށް އެކަށައެޅި އޮނިގަނޑުން ލިބުނު މަންފާ އަށްވުރެ ގެއްލުން އަންނަނީ އިންތިހާއަށް ބޮޑުވަމުންނެ އެވެ. އަދި މިހާރު ހިންގާ އޮނިގަނޑު ބަދަލުކޮށް އާ އޮނިގަނޑެއް ހޯދަން ވެސް މިހާރު މިވަނީ ޖެހިފަ އެވެ.
މީގެ ނަތީޖާއަކީ ރާއްޖެ ހިންގުމަށް އެކަށައެޅި އުންމީދީ ބަދަލުގެ އޮނިގަނޑުން ލިބުނު މަންފާ އަށްވުރެ ލިބޭ ފައިދާއަށް ވުރެ ގެއްލުން އިންތިހާއަށް ބޮޑުވަމުން އައުމެވެ. އެހެންކަމުން ދިވެހިން މިހާރު ތަޖުރިބާ ކުރަމުން މިދާ ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވެ އެދޭ ދިރިއުޅުން ލިބޭ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ވާހަކަ ދައްކަން ޖެހިއްޖެކަމަށް ކެމްޕެއިން ހިންގާ ފަރާތުން ދެކެ އެވެ.
"މިކަމަކީ ވަކި ފަރުދެއްގެ ކަމެއްކަމަށް ނުބަލާ އެންމެން މިވަނީ އަމިއްލަ އާމްދަނީން ދިރިއުޅުން ބިނާކޮށް ދިރިއުޅުމުގެ ނަމުގައި ގަނަތެޅުން މިދާ އުޅުން ނިމުމަކަށް ގެނެސް އެދޭ ރާއްޖެ ހޯދުމަށް އޮޑިޔަށް އަރަންޖެހިފައި. ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކާ އަތޮޅު ތަކުގައި ހުރި ވަސީލަތްތަކާއި އެސެޓްތައް ރައްކާތެރި ކުރުމަށް އެންމެން އެކުގައި މިވަނީ ނުކުންނަން ޖެހިފައި،" ކެމްޕެއިން ހިންގާ ފަރާތުން ބުންޏެވެ.
"އެދޭ ރާއްޖެ" ކެމްޕެއިނުގެ ތެރެއިން ރާއްޖެ ހިންގުމުގެ އާ އޮނިގަނޑެއް އެކުލަވާލުމަށް ހޭލުންތެރިކުރުމަށް ތަފާތު ދާއިރާތަކުން ފަންނީ ބޭބޭފުޅުންގެ ބައިވެރިވުމާ އެކު ކުރިއަށްދާ "ޕޮޑްކާސްޓް" ތަކާއި ރިޕޯޓްތަކާއި އަދި ހާއްސަ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށް މި މަސައްކަތުގައި އިސްކޮށްއުޅޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.