ads
އިބްރާހިމް ނާސިރު (ވ) ރައީސްކަމުގައި މޮރޮކޯ ސަފީރާ ސަލާމްކުރައްވަނީ. -- ފޮޓޯ: ހަސަން ނަޖްމީ
ނާސިރުގެ ހިދުމަތްތަކުގައި މިން އަޅާނެ، "ފީތާ" އެއް, ނެތް..!
''މިއަދު މާލޭ ގަޑިން 10 ޖެހިއިރު ދިވެހިރާއްޖޭގެ އާ އެގްރީމެންޓް ގައި ސޮއިކުރެވިއްޖެ އެވެ. މިކަމުގެ ރަސްމިއްޔާތު އޮތީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރުގެ ގޭގައެވެ.'' 78 އަހަރުގެ އަޅުވެތިކަމަށްފަހު ރާއްޖެ މިނިވަން ދުވަހު ''ވިޔަފާރި މިއަދު'' ގައިވާ ލިޔުމެއްގައިވެ އެވެ.

78 އަހަރުގެ އަޅުވެތިކަމަށްފަހު ރާއްޖެ މިނިވަންވީ 26 ޖުލައި 1965 ގަ އެވެ. ނުވަތަ ހިޖުރީ ގޮތުން 1385 ރަބީއުލްއައްވަލުމަހުގެ 27 ވީ ހޯމަ ދުވަހެވެ.

އިބްރާހިމް ޝިހާބު ވިދާޅުވެފައިވާ ފަދައިން މިއީ ދިވެހިރާއްޖޭގެ މައްޗަށް ގުދުރަތުވީ އޯގާވެރި ހިނިތުންވުމަކުން މުޅި ދިވެހި ޖައްވު އުފަލުން ފަރިކޮށްލި އެންމެ ތާރީހީ އެއްދުވަހެވެ. 

އިނގިރޭސިވިލާތާއެކު އެ ދުވަހުގައި ސޮއިކުރެވުނު އެއްބަސްވުމަށް މިއަަދަށް 59 އަހަރުވީ އެވެ.

26 ޖުލައި 1965 ގައި އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިނގިރޭސީންގެ ކިބައިން ސިޔާސީ މިނިވަންކަން ހޯއްދަވައި މިނިވަންކަމުގެ މަގުގައި ގައުމު ހިންގަވައިލެއްވި ހިންގުންތެރިޔާ ކަމުގައިވާ އޭރުގެ ވަޒީރުލްއައުޒަމް ސާހިބުއް ދައުލާ އިބްރާހިމް ނާސިރެވެ. 

އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި އޭރު ހުންނެވި ހައިކޮމިޝަނަރު މާއިކަލް ވޯކަރ އެވެ.

މި ރަސްމިއްޔާތުގައި އަބްދުއްސައްތާރު މޫސާ ދީދީއާއި ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު އަލީ މަނިކާއި ސަފީރު އޮފީހުގެ 3 ވަަނަ ސެކްރެޓަރީ އަހުމަދު އިސްމާއީލް ބައިވެރިވެވަަޑައިގެންނެވި އެެވެ. އިނގިރޭސި ވިލާތުުގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ މިސްޓަރ ޖީޑީ އެންޑަރ ސަން އާއި އެއްވަނަ ސެކްރެޓަރީ މިސްޓަރ ޕީ ޑަބްލިޔޫ ހީތު އާއި އިންފޮމޭޝން ސަރވިސްގެ ޑިރެކްޓަރުމިސްޓަރ ބީޑީ ބްރައުން ބައިވެރިވެވަަޑައިގެންނެވި އެެވެ.

"މި މަތިވެރި ނިއުމަތް އަޅުގަނޑުމެންނަށް ހާސިލުވުމުގެ ހުރިހާ ވެސް ސިއްރަކީ ދިވެހި ޒައީމެއްގެ ހިތްޕުޅުގައި މާތްވެގެންވާ އިސްލާމްދީނަށާއި ވަތަނުގެ އިސްތިގުލާލަށް އުފެދި ތަމްކީމުނުވެފައިވާ ވަރުގަދަ ލޯތްބެކެވެ. އާދޭހެވެ. ގައުމުގެ މިނިވަންކަމަކީ އެހެން އެއްވެސް އެއްޗަކާ އަޅާކިރުމުގައި ވަޒަންކުރެވޭ ވަރަށްވުރެ ބޮޑު ނިއުމަތެއްކަން އޭނާ ކުރެއްވި ޔަގީނެވެ." ރާއްޖެެއަށް މިނިވަންކަން ލިބުމާ ގުޅިގެން ނާސިރުގެ ހިކުމަތާއި ހިތްވަރާއި ހިދުމަތުގެ މައްޗަށް އިޝާރަތްކުރައްވައި އޭރުގެ ބަންޑާރަނައިބު ޝިހާބު ވިދާޅުވެފައިވެ އެވެ.

ރާއްޖެ މިނިވަންވި ދުވަހުގެ ރޭ ހުކުރު މިސްކިތުގައި ޝުކުރުގެ ދެ ރަކުއަތގެ ނަމާދަކާއި ސަލަވާތް ކިޔެވުން އޮތެވެ. އިސްވެ ނަމާދު ކުރައްވައި ސަލަވާތް ވިދާޅުވީ އައްޝައިޚް މުހައްމަދު ޖަމީލް އުއްތަމަ ފަނޑިޔާރު މަނިކުފާނެވެ.

ނާސިރުގެ ހަޔާތްޕުޅުގެ މައްޗަށް އަވަސް ކަަޅިއެއް:

ވަނަވަރު:

ނާސިރު އުފަންވެވަޑައިގަތީ 1926 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 02 ވަނަ ދުވަހު ފުވައްމުލަކުގަ އެވެ. އެމަނިކުފާނަކީ ޔަމަނުކަރައިގެ ހަޟަރަމައުތުގެ ބާޢަލަވީ ނުވަތަ ބަޢުލަވީ ދަރިކޮޅުގެ ކަތްޕެއްކަމަށްވާ މަލާބާރީ ޚާންދާނުގެ ބޭފުޅެކެވެ.

ނާސިރަކީ ކޯލާޑި ސައްޔިދު މުޙައްމަދު ހޮޅިނަހާ މަލާބާރީގެ ފުތް ހަސަން ބޮޑުހަކުރާ މަނިކުފާނާއި، އަތިރީކަމަނާފާނުގެ ހަސަން ހޮޅިހަކުރާ މަނިކުފާނުގެ ފުތް ވީރު އަލީދޮށިމޭނާ ކިލެގެފާނުގެ ފުތް ކީހި އިބްރާހިމްދީދީގެ ފުތް ވީރު ހަސަންދީދީގެ ފުތް އަލީ މަލިމް މަނިކުފާނުގެ ފުތް މަލިންގޭ ހަސަންދީދީ ވެލާނާ މަނިކުފާނުގެ ފުތް ވެލާނާގެ މުހައްމަދުދީދީގެ ފުތް ވެލާނާ އަހްމަދުދީދީ ފުވައްމުލަކު ގަނޑުވަރު މޫސާދީދީގެ އައިޝާދީދީއާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދަރިކަލުންނެވެ.

your imageބޮޑުވަޒީރު ނާސިރު ބަޔަކާ އެކު ރަށަކަށް އަރާ ވަޑައިގަންނަވަނީ--

ތައުލީމީ ދައުރު:

ނާސިރު އެންމެ ފުރަތަމަ ތައުލީމު ހާސިލުކުރެއްވީ މަދަރުސަތުއްސަނިއްޔާ (މިހާރުގެ މަޖީދިއްޔާ ސުކޫލް) އިން ނެވެ. އޭގެފަހުން 1945 މާޗް 23 ގައި ސިލޯނަށް ވަޑައިގެން އެ ތަނުގެ ސެންޓް ލޯރެންސް ސްކޫލުން ތައުލީމު ހާސިލުކުރެއްވި އެވެ. އެތަނުގައި ތައުލީމު ހާސިލުކުރައްވަން މަޑުކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވީ 1949 ޖެނުއަރީ 18 ވަނަ ދުވަހު އެވެ.

ހިދުމަތުގެ ފެށުން:

ސެންޓް ލޯރެންސް ސްކޫލުން ތައުލީމު ހާސިލުކުރެއްވުމަށްފަހު މާލެ ވަޑައިގެން 1949 ފެބްރުއަރީ 29 ގައި ސިފައިންގެ އޮފިސަރެއްގެ މަގާމު ފުރުއްވާން ފެށްޓެވި އެވެ.

މީގެ އިތުރުން ފުރުއްވި މަގާމުތަކުގެ ތެރޭގައި ވަޔަރުލެސް އޮފީހާއި ވުޒާރަތުއް ސިއްހާގެ މަގާމާއި މަޖީދީ ކުތުބުހާނާގެ ވެރިކަމާއި ވުޒާރަތުލް މުއާސަލާތުގެ މަގާމާއި އިލެކްޓްރިކް އޮފީހުގެ ވެރިކަމާއި ވުޒާރަތުލް މާލިއްޔާގެ ވަކީލުކަމާއި މަޙްކަމަތުލް އަމަންއާންމުގެ ވަކީލުކަން ހިމެނެއެވެ. 

ރައްޔިތުން މަޖިލީހުގެ ހެންވޭރު މެންބަރުކަމާއި ހެންވޭރު އަވަށުވެރިކަމާއި ވަޒީރުލް އައުޒަމްގެ ނާއިބުގެ ބަދަލުކަމާއި ސިފައިންގެ ވެރިކަމާއި މަހްކަމަތުލް އަމީންއާންމުގެ ވެރިކަމާއި ވަޒީރުލް މާލިއްޔާގެ ނާއިބުކަމާއި މުނިސިޕަލް ކައުންސިލްގެ ރައީސްކަން ވެސް ހިމެނެއެވެ. އަދި ވަޒީރުލް އައުޒަމްގެ ގާއިމު މަގާމުކަމާއި އައްޑޫ ލިއެޒަން އޮފީހުގެ މާލޭގެ ވެރިކަމާއި ވަޒީރުއް ދާޚިލިއްޔާކަމާއި ވަޒީރުލް އައުޒަމްކަމާއި ކަސްޓަމްގެ ވެރިކަމާއި މަހްކަމަތުލް އަޝްޣާލުގެ މަގާމާއި ވަޒީރުލް މައާރިފުުުކަމާއި ވަޒީރުއްތިޖާރާ ވައްތަންވީނުކަމާއި އައްޑޫގެ މައްސަލަ ހަމަޖައްސާ ވެރިކަން ވެސް ހިމެނެއެވެ.

މި ހުރިހާ މަގާމުތައް ފުރުއްވެވުމަށްފަހު 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމަށް އެ މަނިކުފާނު އިސްވެވަޑައިގެންނެވި ދުވަހެވެ.

ހިދުމަތްތަކުގެ މިންވަރެއް:

ގަވަރމަންޓް ހޮސްޕިޓަލެއްގެ ނަމުގައި ރާއްޖޭގައި ޒަމާނީ ހޮސްޕިޓަލެއް ހުޅުއްވައިދެއްވުން.

1972 ގައި ދިވެހިންނަށް ފަތުރުވެރިކަމުގެ ސިނާއަތު ތައާރަފުކޮށްދެއްވި.

1978 ގައި ރާއްޖޭގެ ކަންކޮޅުތަކުގައި ކޮމިއުނިޓީ ސުކޫލުތައް ހުޅުއްވައިދެއްވި

މަސްވެރިކަމަށް ބޭނުންކުރާ އޮޑިފަހަރުގައި އިންޖީނު އެޅުން ތައާރަފުކުރެއްވި.

1966 ގައި ރާއްޖޭގައި ވައިގެ ބަނދަރު އެޅުމުގެ މަސައްކަތް ފެށްޓެވި.

ވޯރާ ވިޔަފާރިވެރިންގެ އިގުތިސާދީ އަޅުވެތިކަމުގެ 105 އަހަރަށްފަހު ރާއްޖޭގެ ވިޔަފާރިތައް މިނިވަންކުރެއްވި.

ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެެއްވުމުގެ މުނާސަބާގައި މިނިވަންކަމުގެ ބަތަލަށް ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މަހާރަދުން ނާސިރަށް އަގުހުރި ދެ އިއްޒަތް ދެއްވި އެވެ. 

އެއީ ކިލެގެކަމާއި ނިޝާން ގާޒީގެ އިއްޒަތްތެރި ވެރިކަމެވެ. އެމަނިކުފާނަށް ރަންނަބަނޑޭރިކަމަށް ކޮލިލެއްވީ 1965 އޮގަސްޓް ނުވަވަނަ ދުވަހު އެވެ.

ސުއްމުވުލްއަމީރު މުހައްމަދު އަމީން ޙަސަން ފަރީދަށް އިޝާރަތް ކުރައްވައި ވިދާޅުވި ފަދައިން ނާސިރުގެ ހިދުމަތްތަކުގައި މިން އަޅާނެ "ފީތާ" އެއް, ބަރުދަން ބަލާނެ "ތިލަފަތެއް" ނެތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް