ބިރު ދައްކައިގެން ކޭޝް ކާޑުގެ ޕިން ނަމްބަރު ހޯދުމަށް ފަހު އެކައުންޓްގައިވާ ފައިސާތައް ފޭރުނު މއ.މަސްފަންގެއަކީ އެފަދަ މައްސަލަތަކުގެ ރެކޯޑު އޮންނަ ގެއެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް ތިން މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ އިއްޔެ ހައްޔަރުކުރި 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި މިއަދު ހައްޔަރުކުރި 43 އަހަރުގެ އަންހެނެކެވެ.
އޭގެ ތެރެއިން 26 އަހަރުގެ މީހާގެ 60 ދުވަހަށް ބަންދު ކުރަން އަދި 35 އަހަރުގެ މީހާގެ ބަންދަށް ވަނީ 30 ދުވަސް ދީ ފައެވެ.
މިއަދު ހައްޔަރުކުރި އަންހެން މީހާ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.
ފުލުހުން ބުނީ އެ ގެެއައަކީ ތަކުރާރުކޮށް އެކި ބޭނުންތަކަށް މީހުން ވެއްދުމަށް ފަހު ބިރުދެއްމުގެ ރެކޯޑް އޮތް ތަނެއް ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނެފައިވަނީ އަނިޔާ ލިބުނު މީހާ މަސްފަންގެ އަށް ވެއްދި ކަމަށް ބެލެވެނީ އަންހެނެއް ކަމަށާއި އޭނާ އެގެ އަށް ވަނުމުން ދެ ފިރިހެނުން އޭނާ ހިފަހައްޓައި ވަޅިއަކުން ބިރުދައްކައި ބަރަހަނާކޮށް އޭނާގެ ފޯނު އަތުލި ކަމަށެވެ.
އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000ރ. ފޮނުވާފައިވާ ކަމަށާއި އަނިޔާ ލިބުނު މީހާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000ރ. ނަގާފައިވާ ކަމަށް ވެސް އަމުރުގައި ވެ އެވެ.