މިފަހަކަށް އައިސް މާލޭގައި ފޭރޭ މައްސަަލަތަކަކީ ވަރަށް ގިނައިން ފެންމަތިވާ މައްސަލައެކެވެ. މިފަދަ މައްސަލަތަކުގައި މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އެތައް ބަޔަކު އެބަ ތިއްބެވެ. މީގެ ކުރިންވެސް އެތައް ބައެއްގެ އަތުން އެތައް ލައްކަ ފައިސާއެއް މިގޮތަށް ފޭރިގެންފައި އެބަ ހުއްޓެވެ. މިކަހަލަ މައްސަލަތަކަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދަނީ ކަމާބެހޭ ފަރާތްތަކުން އެކަޝީގެންވާ ފިޔަވަޅުތަކެއް މާޒީގައި އެޅިފައި ނެތުމުންނެވެ.
މިފަދަ މައްސަލައެއް މިމަހުގެ 24 ވަނަ ދުވަހުވެސް ވަނީ މާލޭގައި ހިނގައިފަ އެވެ. މާލޭގެ މަގެއް ކަމުގައިވާ ދިލްބަހާރު މަގުގައި ގޯޅިއެއްގެ ތެރޭގައި ހުރި ގެއެއްގެ ތެރެއަށް މީހަކު ވައްދައި، އޭނާ ބަރަހަނާކޮށް އޭނާގެ އަތުން ވަނީ ފޭރިފަ އެވެ. މި ހާދިސާ މިފަހަރު ކުރިމަތިވެފައިވަނީ، ހއ. އިހަވަންދޫ ކައުންސިލަރެއް ކަމަށްވާ އަހުމަދު ރިލްވާނަށެވެ.
ރިލްވާން ކިޔައިދިން ގޮތުގައި، އޭނަ ދިލްބަހާރު މަގުގައި ހުއްޓިލައިގެން ހުއްޓައި ދެބައި އުމުރުގެ އަންހެނަކު އޭނާއަށް ގޮވައިލަނީ ކޮއްކޯއޭ ބޮކި ބަދަލުކޮށްލަ ދޭން ދެވިދާނެ ހެއްޔެއެވެ. ދެން އޭނާ ބުނީ ދެވިދާނެއެވެ. އެހެން ބުނެފައި އޭނާ އެ އަންހެން މީހާގެ ފަހަތުން އެ ގޯޅިތެރޭގައި ހުރި ގެޔައް ވަން އިރު އެ ގޭގައި ކުޑަކުއްޖެއް ގޮވައިގެން އިތުރު އަންހެނެއްވެސް ހުއްޓެވެ. ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި އެ ގޭގެ ކޮޓަރިއަކަށް، އެ އަންހެން މީހާއާއެކު، އޭނާ ވަނެވެ. އެއީ، އެ ކޮޓަރީގައި ހުރި ބޮތްކެއް ބަދަލުކޮށްދޭން އެދުމުންނެވެ.
ރިލްވާން ވިދާޅުވީ، ދެން އޭނާ ބިންމައްޗަށް ވައްޓާލުމަށްފަހު، އެ ކޮޓަރިޔަށް ދެ ފިރިހެނުން ވަނީ އޭނާގެ ފޯނު ދޭން އެދިފަ އެވެ. އަދި އެކަމަށް އިންކާރު ކުރުމުން ގަދަކަމުން އޭނާގެ ވޮލެޓު ނަގައި އޭގައި އޮތް ކޭޝް ކާޑު ނަގައި ޕިން ނަންބަރު ދިނުމަށް އެދުނު ކަމަށެވެ.
ރިލްވާން ވިދާޅުވި ގޮތުގައި، އޭނާ ކޭޝް ކާޑުގެ ޕިން ނަންބަރު ދިނީ މަޖުބޫރީ ހާލަތުގައެވެ. އަދި ޕިން ނަންބަރު ދިނުމުން އޭނާގެ މޯބައިލް ބޭންކިންއަށް ވަދެ، އޭނާގެ އެކައުންޓުން ގާތްގަނޑަކަށް 20،000 ރުފިޔާ އެހެން އެކައުންޓަކަށް ޓްރާންސްފާކޮށް، އެ ކާޑު ހިފައިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ ބީއެމްއެލްގެ އޭޓީއެމަށް ގޮސް، އެތަނުން 25،000 ރުފިޔާ ނަގައިފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.
އެ މައްސަލައާ ގުޅިގެން، ފުލުހުން ވަނީ، އެ ތިން މީހުން ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ 26 އަހަރާއި 35 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 43 އަހަރުގެ އަންހެނެކެވެ. އެ ދެ ފިރިހެނުންގެ ތެރެއިން 35 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް އަދި 26 އަހަރުގެ މީހާގެ 60 ދުވަސް ޖަހާފައިވާ އިރު، އެ ކުށުގައި އިސްކޮށް އުޅުނު އަންހެން މީހާ ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފަ އެވެ.