ads
ޑޮލަރު އަގު ވަނީ އުފުލެން ފަށައިފަ
ޑޮލަރުގެ އަގު ބޮޑުވުން، ގަސްތުގައި ކުރުވާކަމެއް!
ޑޮލަރުގެ އަގު ބޮޑު ވުމަކީ ރާއްޖޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އެތަކެއް އަސަރުތަކެއް ކުރަމުން އަންނަ ކަމެކެވެ. ރާއްޖޭގައި ބޭނުން ކުރާ ގިނަ އެއްޗެހި އެއީ އިމްޕޯޓު ކުރެވޭ އެއްޗިހި ކަމަށް ވާތީ ޑޮލަރުގެ ބޭނުން ވިޔަފާރިތަކަށް ވަރަށް ބޮޑަށް ޖެހެ އެވެ. ޑޮލަރުގެ އަގު ހިފެއްޓިގެން ނޫނީ އިގްތިސާދު މިހާރު މިއޮތް ހީނަރު ކަމުން އަރައި ގަނެވޭކަށް ނޯންނާނެ އެވެ.
Advertisement

ޑޮލަރުގެ އަގު މައްޗަށްދާ މައްސަލާގައި އިގުތިސާދު ދިރާސާ ކުރައްވާ ބޭފުޅުންގެ ތެރެއިން ސީއެންއެމް އާ ވާހަކަ ދެއްކި ހުރިހާ ބޭފުޅުން ވެސް ދައްކަވަނީ މައިގަނޑު އެއް ކަހަލަ ކަންތައްތަކެއްގެ ވާހަކަ އެވެ. ނަމަވެސް ސުވާލަކީ އެ ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވާ ކަންކަން ކުރުމަށް ސަރުކާރުތަކުން ފަސްޖެހިގެން އުޅެނީ ކީއްވެތޯ އެވެ. ޑޮލަރުގެ އަގު ހިފެއްޓުމެއް ނެތި މައްޗަށް އަރައިން ދާން ދިމާވާ ސަބަބުތަކަކީ ހައްލު ކުރެވޭނެ ކަންކަން ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އިގުތިސާދު ދިރާސާ ކުރައްވާ އިކޮނޮމިސްޓެއްކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ޑޮލަރުގެ އަގު މައްޗަށްދާ ދިޔުމާ ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް  ވާހަކަ ދެއްކެވި އެވެ. ނަސީމް ފާހަގަ ކުރިގޮތުގައި މިކަން މިހިސާބަށް އައިސްފއި މިވަނީ އަސާސީ ބައެއް ކަންކަން ރޭވިފަ ހުރި ގޮތުން ނެވެ. 

your imageއިކޮނޮމިސްޓު މުހައްމަދު ނަސީމް (ނަފާ ނަސީމް)

ޑޮލަރުގެ ކަޅު ބާޒާރެއް އުފެދެން ދިމާވާ އެންމެ ބޮޑު ކަމަކަށް ނަސީމް ފާހަގަ ކުރައްވާގޮތުގައި އާންމުން އަތުގައި ޑޮލަރު މާގިނަވުން ކަމަށެވެ. ރިސޯޓުތަކުންނާ ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގއި ވެސް މުވައްޒަފުންނަށް ޑޮލަރު އެބަ ދެ އެވެ. މީގެ ސަބަބުން އެ ޑޮލަރުތައް މާރު ކުރަން ޖެހޭ ޖެހުމާ ހެދި އެ މީހުން ވެސް އަގު ބޮޑުކޮށް ވިއްކާނީ ކަމަށާއި އެއީ އެހެން ގައުމުތަކުގައި ކުރާކަމެއް ނޫން ކަމަށް ވިދާޅުވެ މިސާލު ދެއްކެވި އެވެ.

"އަޅުގަނޑު ދުބާއިގައި ހުރެ އެކޮޅުގެ ބޭންކަކުން ޑޮލަރު އެކައުންޓެއް ހުޅުވަން ދިޔައިމަ އެބޭންކުން ކީއްކުރަންހޭ ޑޮލަރު އެކައުންޓެއް ހުޅުވުމުގެ ބޭނުމަކީ ކޮބާހޭ އެބަ އަހާ. އަޅުގަނޑަށް ޑޮލަރު އެކައުންޓެއް އެތާ ހުޅުވަން ބޭނުންވާ މަގްސަދެއް އެބޭންކަށް ޖަސްޓިފައި އެއް ނުކޮއްދެވޭ. އެއީ ދުބާއިގައި ހުރިހާ މާލީ މުއާމަލާތެއް ހިނގަނީ އެ ގައުމުގެ ލާރި ކަމަށްވާ ދިރްހަމުން ވީމަ އަސްލު ޑޮލަރެއް އެހެންނެއް ބޭނުމެއް ނުވާނެތާ އެވެ،" ނަސީމް ވިދާޅުވި އެވެ.

އެ ކަމުގެ ހައްލަކަށް ނަސީމް އެންމެ ފުރަތަމަ ފާހަގަ ކުރެއްވީ ރާއްޖޭގައި ގާއިމުކޮށްފައިވާ ސިސްޓަމަށް އަންނަށް ޖެހޭނެ ބަދަލުގެ ވާހަކަ އެވެ. އާންމުންގެ ޑޮލަރު އެކައުންޓުތައް ބަންދުކޮށް ރާއްޖެ ތެރޭގެ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރާގޮތަށް ހަދަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާ ރިސޯޓު ތަކުން މުވައްޒަފުންގެ މުސާރަ ޑޮލަރުން ދިނުން ހުއްޓަން ޖެހޭ ކަމަށް ނަސީމް ވިދާޅުވި އެވެ.

އިގްތިސާދު ދިރާސާ ކުރައްވާ، އެހެން ބޭފުޅަކު ވެސް ފާހަގަ ކުރައްވަނީ ނަސީމު ނަންގަވާ ނުކުތާ އެވެ. ނަން ނުޖެހުމަށް އެދި ސީއެންއެމް އާ ވާހަކަ ދެއްކި ބޭފުޅާ ވަނީ 

ނަސީމުގެ ވާހަކައަށް ތާއިދު ކުރައްވާފަ އެވެ. އެއީ އާންމުންގެ ތެރޭގައި ޑޮލަރު ގެންގުޅުން މަދު ކުރަން ޖެހޭ ޖެހުމުގެ ވާހަކަ އެވެ. މީގެ އިތުރުން ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ އާންމުންގެ ތެރޭގައި ޑޮލަރުގެ ޑިމާންޑު ކުޑަ ކުރަން ޖެހޭކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ކޮންމެ ވެސް ވަރަކަށް ރައްޔިތުން ހިތްހަމަ ނުޖެހޭނެ ކަމަށެވެ. 

"ޑޮލަރުގެ ޑިމާންޑް ކުރަން ކުރަން ޖެހޭ. އެކަން ކުރަން ފަށާއިރު ރައްޔިތުންގެ ތެރެއިން ބަޔަކު ހިތްހަމަނުޖެހޭނެ. ހިތްހަމަނުޖެހޭގޮތް ވަނީ ވަރަށް ދުވަސްވަން ދެން ރާއްޖޭގައި ޑޮލަރަކީ ދިވެހި ރުފިޔާގޮތަށް ދިވެހިން ބޭނުން ކުރަމުން އަންނަ ފައިސާއަކަށްވުމުން. ނަމަވެސް ޑޮލަރުގެ ބޭނުން ނެތް ހާލަތަށް ގައުމު ގެން ގޮސްގެން ނޫނީ ޑޮލަރުގެ އަގު ނުހިފޭއްޓޭނެ،" ތަޖުރިބާކާރުން ވިދާޅުވި އެވެ. 

ޑޮލަރު އަގު މައްޗަށްދާ މައްސަލާގައި އިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގް ވިދާޅުވީ ޑޮލަރު މައްސަލަ ހައްލު ކުރުމަށް އޮތް ގޮތަކީ ކުރިން ވާހަކަ ދެއްކެވި ދެ ބޭފުޅުން ވިދާޅުވާގޮތަށް ޑޮލަރު ބޭނުން ކުރުން މަދުކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ މީރާއަށް ޓެކްސްގެ ގޮތުގައި ޑޮލަރުން ފައިސާ ދައްކަން ޖެހުމަކީ މިހާރު ކުރިމަތިވެގެން އުޅޭ މައްސަލާގައޮ ބޮޑު ދައުރެއް އަދާ ކުރާނެ ކަމެއް ކަމަށެވެ.

"މިކަންކަން ހުއްޓިގެން ނޫނީ ޑޮލަރުގެ އަގު ނުހިފޭއްޓެނެ. އެއީ ކޮންމެހެން ވެސް ކުރަން ޖެހޭނެކަމެއް،" ފިރާގު ވިދާޅުވި އެވެ.

your imageއިނާ މޯލްޑިވްސްގެ ސީއީއޯ، މުހައްމަދު ފިރާގު

މިކަން މިގޮތަށް ބަދަލު ނުވެ މިހާހިސާބަށް އައި އިރު މިއޮތީ ކީއްވެތޯ ސުވާލު ކުރުމުން ނަސީމް ބުނެފާވަނީ ވެރިން ތިބެނީ ވިޔަފާރިވެރިންނަށް ދަރާފަ ކަމަށެވެ. "އެންމެނަށްވެސް އިނގޭ ކެމްޕޭން ތެރޭގަ ލާރި އާންމުންނަށް ދޭކަން، މި ކަމަށް ސީޔާސީ މީހުން މި ޖެހެނީ ބޮޑެތި ވިޔަފާރި ވެރިން އަތުން ނަގަން. އެހެންވެ ވެރިކަމަށް އަންނަ ހިސާބުން އެމީހުންނަށް ކޮންމެވެސް ކަމެއް ކޮއްދޭން ޖެހޭ،" ނަސީމް ބުންޏެވެ.

ސިޔާސީ ވެރިންގެ ގޮތުގާ ތިބެނީވެސް ވިޔަފާރިވެރިން ކަމަށް ބުނެފައެވެ. ރައްޔިތުން މަޖިލިސް ތެރެއިން މިކަން ބަދަލު ނުކުރެވި މިދަނީ މިހެންވެ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ދިވެހި ރުފިޔާގެ އަގު އަރައިގެން ނޫނީ ޑޮލަރުގެ އަގު ނުހިފޭއްޓެނެކަން ސާފެވެ. އިގްތިސާދީ މާހިރުންވެސް އެއްބަސްވާކަމެކެވެ. އެންމެ އަސާސީ ލެވެލްއިން މިކަން ބަދަލު ކުރެވި އިގްތިސާދު ކުރިނާރާނެކަންވެސް ސާފެވެ. މަޖިލިސް ތެރެއިން މީގެ ހައްލެއް ގެނެވި ގާނޫނާ ގަވާއިދުގައި މިކަން އިސްލާހު ކުރެވިގެން ނޫނީ އިގްތިސާދު ރަނގަޅެއް ނުވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް