ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ސައުދުﷲ ވިދާޅުވީ، އަހަރަކު ދެ ފަހަރު ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުން ރައްޔިތުންނަށާއި، ދައުލަތަށްވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
ސައުދުﷲ އިތުރަށް ވިދާޅުވީ، ގިނަ ރައްޔިތުން ކަތީބު ސިސްޓަމް ބޭނުންވާ ސަބަބަކީ އެ ސިސްޓަމަށް އަންނަނީ ތައުލީމާ، ތަޖުރިބާއެއް އޮވެގެން ކަމަށް ވާތީ ކަމަށާއި، މީ ކަތީބު ސިސްޓަމުގެ ޒަމާނެއް ނޫންކަމަށާއި، އިންތިހާބީ ޒަމާނެއް ކަމަށްވާތީ ކޮންމެވެސްބަޔަކު އިންތިހާބު ކުރުން އޮންނަ ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެމްޑީޕީ ނޫން ވެރިކަމެއް އޮންނައިރު ފެންނީ ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ތަން ކަމަށެވެ. އެކަމަކު، އެމްޑީޕީގެ ވެރިކަމެއް އަންނައިރަށް ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މަސައްކަތް ކުރާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ދިވެހި ދައުލަތް ލާމަރުކަޒީ ނިޒާމުން ހިންގުމުގައި އެމްޑީޕީއަށް ވުރެ ދޮށީ ވާހަކަ އެހެން ޕާޓީތަކުން ދައްކާއިރު، ހަގީގަތަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި މިއަދު ކުރައްވަން އުޅޭ ކަމަކީ ރައްޔިތުންނަށް ޚިދުމަތް ކުރަން ތިބި ބަޔަކު "ސައިޒު"ކޮށްލުން ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.