ހިޒްބުﷲ އިން މިހެން ބުނީ ޔަހޫދީ އިސްރާއީލުން ހާނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް ތައުޒިޔާ ކިޔާ ފޮނުވި މެސެޖްގައި އެވެ.
އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލާފައިވަނީ އީރާނުގެ އިންތިހާބީ ރައީސް މަސްއޫދު ބަޒެޝްކިޔާން ރައީސްކަމުގެ ގާނޫނީ ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެރިވުމަށް ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށެވެ.
ފަލަސްތީނުގެ ބިންތައް ޔަހޫދީންގެ އަތްދަށުން ސަލާމަތްކުރުމަށް ހަނގުރާމަކުރާ ހަމާސްގެ ލީޑަރު ހަނިއްޔާ އަކީ އިޒްރޭލުން ނައްތާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ބޭފުޅެކެވެ. އެހެންވެ އޭނާ އާންމުކޮށް ދިރިއުޅުއްވަނީ ގަތަރާއި ތުރުކީގަ އެވެ. އިޒްރޭލުގެ އެކި ހަމަލާތަކުގައި އޭނާގެ ބޭފުޅުންނާއި އާއިލާގެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ޝަހީދުކޮށްލައިފަ އެވެ.
ހަނިއްޔާ އަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ.
މިއީ އިޒްރޭލުގެ އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ނުހިފާ ދޫކޮށްނުލާނެ ކަމަށް ބުނެ ހަމާސް އިން ވަނީ އިންޒާރުގެ ބަޔާނެއް ނެރެފަ އެވެ.
ހަމާސްގެ ބަޔާނުގައި ބުނީ އިސްރާއީލުން ހިންގީ ވަރަށް "ފިނޑި" އަމަލެއް ކަމަށާއި އެކަމުގެ ބަދަލު ލުއިކޮށް ނުގެންދާނެ ކަމަށެވެ. އެކަމުގައި ހިމެނޭ އިސްރާއީލް މީހުންނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.
ހަމާސް އިން ބުނެފައިވާ ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ތެހެރާންގައި ހުންނަ އޭނާގެ ގެއަށް ޒަޔަނިސްޓުން ހިންގި ހިޔާނާތްތެރި ރޭޑެއްގަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހަނިއްޔާ ޝަހީދު ކޮށްލުން ކުށްވެރި ކުރަމުންނެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަހުމޫދު އައްބާސް އެ ކަން ކުށްވެރި ކުރައްވައި, ފަލަސްތީނުގެ މުސްލިމުން އެއްބައިވަންތަކަން އިސްކޮށް އެކަތިގަނޑަކަށް ވުމަށް ވަނީ ގޮވައިލައްވާފައި އެވެ. ޔަހޫދީންގެ ހަމަލާއަކީ ވަރަށް ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އައްބާސް ވިދާޅުވީ ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން މަސްރަހު އިތުރަށް ނުރައްކާތެރިވެފައިވާ ކަމުގަ އެވެ.
- އިތުރަށް ކިޔާލަން: ހަމާސްގެ ލީޑަރު ޝަހީދުކޮށްލުން ކުށްވެރިކުރަން: ފަލަސްތީނުގެ ރައީސް