ads
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު
ބައި-އިލެކްޝަންސް މަދުނުކޮށް ދާންވީ އީ-ވޯޓިންނަށް: މައުރޫފް
ހަރަދު ކުޑަކުރުމުގެ ނަމުގައި ބައި އިލެކްޝަންތައް މަދުނުކޮށް އީ-ވޯޓިން އަށް ދާން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ގޮވާލައްވައިފިއެވެ.
Advertisement

މައުރޫފް މިހެން ވިދާޅުވީ ބައި-އިލެކްޝަންތައް ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. 

މައުރޫފް ވިދާޅުވީ ހަރަދުކުޑަ ކުރުމުގެ ނަމުގައި ބަައި-އިލެކްޝަންތައް މަދުކުރުމުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، އީ-ވޯޓިންއަށް ދިޔުމަކީ ރަނގަޅު ގޮތްކަމަށެވެ. 

ހަރަދުކުޑަކުރަން ކަމަށް ބުނެ އެންމެ ފުރަތަމަ ކަމަކަށްވެސް އިންތިހާބުތައް މަދުކޮށް، ޑިމޮކްރެޓިކް ނިޒާމު ނައްތާލަން އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހަރަދު ބޮޑުވެގެން އިންތިހާބުތައް ނުބޭއްވުމަކީ 21 ވަނަ ގަރުނުގައި ބަލައިގަންނަ ކަމެއް ނޫންކަމަށްވެސް މައުރީޫފް ވިދާޅުވިއެވެ. 

"މިއަދުގެ ޒުވާނުން، ހާއްސަކޮށް ޖެންޒީސް، އެއްގޮތަކަށް ވެސް ޝައުގުވެރިކަމެއް ނުހުރެޔޭ ވޯޓުލާން ނުކުންނާ ކަށެއް. އެހެންވީމާ މި ޑިމޮކްރެޓިކް ޕްރޮސެސް އަޅުގަނޑުމެން ޕްރެކްޓިސް ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން އިހުތިޔާރުކުރާ މަގަކީ އިންތިހާބުތައް ނުބޭއްވުން ކައުމުގައިވާ ނަމަ، އެއީ އަޅުގަނޑުމެންނަށް ޑިމޮކްރަސީގަ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ފާހަގަކޮށްލަން." އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ އެމްޑީޕީ ސަރުކާރުން ފުރިހަމަކުރި ލަމަރުކަޒީ ނިޒާމު ފުނޑާލުމަށްކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގައި ތިބި މީހުން ނާގާބިލްވުމަކީ ޑިމޮކްރެޓިކް ޕްރޮސެސްއަށް އަމަލު ކުރަން ނުޖެހޭ ސަބަބަކަށް ވެގެން ނުވާނެކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. 

މައުރޫފް ވިދާޅުވީ ބައި-އިލެކްޝަންތަކުގައި އީވޯޓިން ތައާރަފުކޮށް ފެއްޓުން ރަނގަޅުކަމަށެވެ.

" ބައި-އިލެކްޝަންތަކަކީ ކުދި ކުދި އިންތިހާބުތަކެއް. އެހެންވީމާ ބައި-އިލެކްޝަންތަކުގައި އަޅުގަނޑުމެން އީ-ވޯޓިން މެދުވެރިކޮށްގެން ޕްރެކްޓިސް ކުރަން ނުވަތަ ފައްޓަން ރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން." މައުރޫފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުން ހުސްވާ ގޮނޑިތަކަށް ބާއްވާ ބައި-އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުއެވެ. 

މި އިސްލާހުގައި ވަނީ މި މީގެ ފަހުން ބައި-އިލެކްޝަން ބާއްވާނީ އަހަރަކު ދެ ފަހަރުކަމަށެެވެ. އެހެެންނަމަވެސް ކައުންސިލުގެ ނުވަތަ ކޮމިޓީގެ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތް ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެ ކަމަށްވެސް އިސްލާހުގައިވެއެވެ. އަދި އިންތިހާބަށް ކުރިމަތިލާން ހުޅުވާލަންޖެހޭ މުއްދަތެއް ހިމަނާނީ ގާނޫނުގެ ދަށުން ހަދާ ގަވައިދުންކަމަށްވެސް މި އިސްލާހުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް