އީރާންގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ދައުވަތަަކަށް ހަނިއްޔާ އެ ގައުމަށް ވަޑައިގެން ހުންނަވަނިކޮށް އިއްޔެ ފަތިހުގެ ވަގުތެއްގައި އޭނާ އަވަހާރަކޮށްލީ އިޒުރޭލުން ކަމަށް އިރާނުން ތުހުމަތުކުރެ އެވެ. އަދި މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އިޒުރޭލަށް ހަމަލާދޭނެ ކަމަށް އިރާނުން މިހާރު ވަނީ ބުނެފަ އެވެ.
ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް އީރާނާއި ހަމާސް އިން ބުނި ނަމަވެސް އިޒްރޭލުން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އިޒުރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ބުނެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލަން ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނެތް ކަމަށެވެ.
ހަނިއްޔާގެ މައްޗަށް އީރާންގައި މިއަދު ކަށުނަމާދުކޮށް ރަސްމީ އިއްޒަތުގައި އިހުތިރާމް އަދާކުރުމަށް ފަހު މިހާރު ވަނީ ފަސްދާނުލުމަށް ގަތަރަށް ގެންގޮސްފަ އެވެ. ގަތަރުގައި ހަނިއްޔާ ފަސްދާނުލާނީ ހުކުރު ނަމާދަށް ފަހުގަ އެވެ.
މިއަދު ކުރެވުނު ކަށުނަމާދުގައި އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާގެ ކަށުނަމާދުގައި ތެހެރާންގައި ބައިވެރިވެވަޑައިގެންފި އެވެ.
ހާމަނާއީ ވަނީ އިޒްރޭލަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ވިދާޅުވީ "އީރާނުގެ ސަރަހައްދުގައި އޭނާ ޝަހީދުކޮށްލުމުގެ ލޭގެ ބަދަލު ހިފުމަކީ އަޅުގަނޑުމެންގެ ވާޖިބެއް" ކަމަށެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހަނިއްޔާ ޝަހީދު ކޮށްލުން ކުށްވެރި ކުރަމުންނެވެ. ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ފަލަސްތީނިޔަން އޮތޯރިޓީ، ޕީއޭގެ ރައީސް މަހުމޫދު އައްބާސް އެކަން ކުށްވެރި ކުރައްވައި, ފަލަސްތީނުގެ މުސްލިމުން އެއްބައިވަންތަކަން އިސްކޮށް އެކަތިގަނޑަކަށް ވުމަށް ގޮވައިލެއްވި އެވެ.