ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ އިސް ވެރިޔާ އިސްމާއީލު ހަނިއްޔާ ޝަހީދުކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެޑަގަތުމަށް އެ ގައުމަށް ވަޑައިގެން ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
އިސްމާއީލު ހަނިއްޔާ މައްޗަށް ގައިބަށް ރާއްޖޭގައި ކަށު ނަމާދުކޮށްދިނުމަށްް އެދި އަދާލަތު ޕާޓީން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފޮނުވި ސިޓީއެއްގައި ވަނީ ފަލަސްތީނުގެ މިނިވަންކަމާއި އިސްލާމީ އުއްމަތަށްޓަކައި މަތިވެރި ގުރުބާނީތަކެއް ވެވަޑައިގެންނެވި އަބުތާލެއްކަމުން، އެފަދަ ބޭފުޅުންގެ އަގު ވަޒަން ކުރުމަކީ އުއްމަތުގެ ކޮންމެ ފަރުދަކުވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން ހަނިއްޔާގެ މައްޗަށް ގައިބަށް ކަށު ނަމާދުކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނާއި އަދި އިސްލާމީ އުންމަތުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމުގައިދެކޭކަމަށްވެސް އެ ސިޓީގައިވެއެވެ. އެހެންވެ މިއަދުގެ ހުކުރު ނަމާދަށްފަހު ކަށުނަމާދުގެ ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާދިނުމަށް އަދާކަތުން ވަނީ ޝަހީމަށް ފޮނުވި ސިޓީގައި އެދިފައެވެ.
އެހެންނަމަވެސް މިކަމުގައި އިސްލާމިކް މިނިސްޓްރީން ގޮތެއް ނިންމިކަމެއް އަދި ހާމައެއް ނުކުރެއެވެ.
ހަނިއްޔާގެ މައްޗަށް އީރާންގައި އިއްޔެވަނީ ކަށުނަމާދުކޮށް ރަސްމީ އިއްޒަތުގައި އިހުތިރާމް އަދާކުރުމަށް ފަހު މިހާރު ވަނީ ފަސްދާނުލުމަށް ގަތަރަށް ގެންގޮސްފައެވެ. ގަތަރުގައި ހަނިއްޔާ ފަސްދާނުލާނީ މިއަދު ހުކުރު ނަމާދަށް ފަހުގައެވެ.
ހަނިއްޔާގެ މައްޗަށް ކުރި ކަށުނަމާދު އިމާމުވެ ކޮށްދެއްވީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ހާމަނާއީއެވެ.
ހަނިއްޔާ ޝަހީދުކޮށްލީ އިޒުރޭލުން ކަމަށް އިރާނުން ތުހުމަތުކުރެ އެވެ. އަދި މިކަމުގެ ބަދަލު ހިފުމުގެ ގޮތުން އިޒުރޭލަށް ހަމަލާދޭނެ ކަމަށް އިރާނުން މިހާރު ވަނީ ބުނެފަ އެވެ.
ހަނިއްޔާ ޝަހީދުކޮށްލީ އިޒްރޭލުން ކަމަށް އީރާނާއި ހަމާސް އިން ބުނި ނަމަވެސް އިޒްރޭލުން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަދި އިޒުރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ބުނެފައިވަނީ ހަނިއްޔާ ޝަހީދުކޮށްލަން ދިން ހަމަލާގެ އެއްވެސް މައުލޫމާތެއް ކުރިން ލިބިފައި ނެތް ކަމަށެވެ.