ads
ހަނިއްޔާ އީރާނުގައި ހުންނެވި ގެސްޓް ހައުސް
ހަނިއްޔާ އަވަހާރަކޮށްލީ ކުރު ރާސްތާ މިސައިލެއް ފޮނުވާލައިގެން: އިރާން
އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ ޝަހީދުވީ އޭނާ ހުންނެވި ގެސްޓް ހައުސްގައި ބޮމެއް ގޮއްވާލައިގެން ނޫން ކަމަށާއި ހަނިއްޔާ ޝަހީދުވެފައި ވަނީ އެ އިމާރާތަށް އަމާޒުވި ރޮކެޓް ޝެލްއަކުން ކަމަށް އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާރޑް ކޯރޕްސް (އައިއާރުޖީސީ)ން ބުނެފި އެވެ.
Advertisement

ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްއޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަހްރާނަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ގަތަރުގައި އުޅުއްވާ ހަނިއްޔާ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ހަމަލާދިން ގޮތުގެ އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަ ނުކޮށް ތިބުމަށް ފަހު އީރާން ސިފައިން ނެރުނު ބަޔާނުގައި ބުނީ ހަމަލާ ދީފައިވަނީ ހަނިއްޔާ ހުންނެވި އިމާރާތުގެ ބޭރުން ކަމަށެވެ.

އީރާނުން މިހެން ބުނެފައި ވާއިރު ނިއު ޔޯކް ޓައިމްސް އިން މެދުއިރުމައްޗާއި އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލީ މީގެ ދެ މަސް ކުރިން، އީރާން ސަރުކާރުގެ ގެސްޓް ހައުސްގައި ހަރުކުރި ބޮމެއް ރިމޯޓުކޮށް ގޮއްވާލައިގެން ކަމަށެވެ.

ނަމަވެސް ރޮކެޓް ޝެލް އައީ ޑްރޯނަކުންކަން ނޫނީ އެ ނޫންގޮތަކުންކަން ތަހުގީގުތަކުން އަދި ސާފުނުވާކަމަށާއި އަދި ހަމަލާއައީ އީރާނުގެ އެތެރޭގެ ކުރުދީ ސަރަހައްދު ފަދަ ސަރަހައްދަކުންކަން ނޫނީ އީރާނުގެ އަވަށްޓެރި އަޒަރުބައިޖާނުން ނޫނީ ގަލްފުގެ ކަނޑުގެ ސަރަަހައްދުންކަން ވެސް އަދިވަނީ ނޭންގުމެއްގެ ތެރޭގައި ކަމަށް އައިއާރުޖީސީ ހަވާލާދީ ފާރިސް ނޫސް އެޖެންސީ ބުނެ އެވެ.

އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންގެންދާތާ 15 ވަރަކަށް އަހަރުވެފައިވާއިރު އިސްރާއީލުން ހިންގާ މިފަދަ ޓެރަރިސްޓް ހަރަކާތްތަކަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އެތައް ގައުމެއްގެ ޖާސޫސީ އިދާރާތަކުން އިންތިހާއަށް އެހީތެރިވެ އިސްރާއީލަށް ބޭނުންވާ ޖާސޫސީ މައުލޫމާތުތައް ފޯރުކޮށްދޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

your imageހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ (ވ) އާއި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ (ކ). ފޮޓޯ: އީރާން އިންޓަނޭޝަނަލް

މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގައި ޔަހޫދީ އިސްރާއީލުން ހިންގާ މިފަދަ ޓެރަރިސްޓް ހަމަލާތަކުގެ އަޑީގައި ނުފެންނަގޮތަށް އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ހުޅަނގުގެ އެތައް ގައުމެއްގެ ޖާސޫސީ އިދާރާތައް އޮންނާނެކަމަށް ބެލެވެ އެވެ. އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ވަނި މިކަމަށް ވެސް އިޝާރާތްކޮށްފަ އެވެ. އެގޮތުން ހަނިއްޔާ ޝަހީދު ކޮށްލަން ދިން ހަމަލާގެ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ ކަމުގައި އައިއާރްޖީސީން ބުންޏެވެ. ސަބަބަކީ, އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި ވުމެވެ. އަދި, އިސްރާއީލާއި ޔަހޫދީން ހިމާޔަތް ކޮށްދޭން އެމެރިކާއިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔުމެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ އީރާންގައި ހުއްޓައި އިޒުރޭލުން ހަމަލާދީ މަރާލުމަކީ ބަދަލުހިފުން ވާޖިބު ކަމެއް ކަމަށް އިރާނުން އޮތީ ބުނެފަ އެވެ.

ހަނިއްޔާ ޝަހީދު ކޮށްލަން ދިން ހަމަލާގެ ޒިންމާ އުފުލަން ޔަހޫދީ އިޒްރޭލު ފައުުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. ހަނިއްޔާ އަވަރާކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށް އީރާނާއި ހަމާސް އިން ވެސް ބުނާއިރު މިކަން އިޒްރޭލުން ދޮގެއް ނުކުރެ އެވެ. އެކަމަކު ހަމަލާގެ ޒިންމާއެއް ވެސް ނުއުފުލަ އެވެ. ސަބަބަކީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެކްސިސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާއަތްތަކުން ދީފާނެ ހަމަލާއަކަށް ޖެހިލުންވުމެވެ.

"ޓެރަރިސްޓް ޒަޔަނިސްޓް ވެރިކަމުން ވަނީ އަހަރެމެންގެ ގޭގައި ހުރި އަހަރެމެންގެ ލޮބުވެތި މެހެމާން ޝަހީދުކޮށް އަހަރެމެން ރޮއްވައިލައިފައި. އެމީހުން އެ ތައްޔާރުވީ އަމިއްލައަށް ހަރުކަށި އަދަބެއް ލިބިގަތުމަށް." އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ހަނިއްޔާ އިއްޔެ ވަނީ އޭނާ އާންމުކޮށް އުޅުއްވާ ގަތަރުގައި ފަސްދާނުލައިފަ އެވެ. ހަމާސް އިން ބުނީ ހަނިއްޔާ އަވަހާރަކޮށްލި ނަމަވެސް ޖަމާއަތުގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށާއި އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީނު މިނިވަންކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން ހަމާސްގެ ސިޔާސީ ބިއުރޯގެ ޗެއާމަންކަން ކުރައްވައިފައިވާ ހަނިއްޔާ ދިރިއުޅުއްވީ ގަތަރުގަ އެވެ. ހަމާސް އާ ހަނިއްޔާ ފުރަތަމަ ގުޅިވަޑައިގަތީ އިސްލާމިކް ޔުނިވާސިޓީ އޮފް ޣައްޒާ އިން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު އެވެ. ހަމާސް އޮފީހުގެ ވެރިއަކަށް ހަނިއްޔާ ފުރަތަމަ އައްޔަނުކުރެއްވީ 1997 ވަނަ އަހަރު އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް