ބަންގުލަދޭޝްގެ ބައެއް ނޫސްތައް ބުނާ ގޮތުން މުޒާހަރާތަކުގައި މަރުވި މީހުންގެ ފުރިހަމަ އަދަދު ނޫސްތަކަކަށް ނުލިބެ އެވެ. ހަމަނުޖެހުންތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ހިއްސާކުރަން ސަރުކާރުން އެކުލަވާލާފައި އޮތް ކޮމިޓީން އެ މައުލޫމާތު ސިއްރުކުރާ ކަމުގެ ޝަކުވާތައް އޮތް ކަމަށްވެސް ނޫސްތަކުން ބުނެ އެވެ.
ބަންގުލާދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާގެ އިސްތިއުފާއަށް ގޮވާލުމަށް މިއަދު ބޭއްވި އާ ބުރުގެ މުޒާހަރާތަކުގައި، މުޒާހަރާ ކުރާ މީހުންނާއި ފުލުހުންނާ ކުރިމަތިލައި، ހިނގި ހަމަނުޖެހުންތަކުގައި 60 އާންމުންގެ މީހަކު މަރުވުމުގެ އިތުރަށް 15 ފުލުހަކު މަރުވެ، އެތައް ބަޔަކު މިއަދު ޒަހަމްވެއްޖެ އެވެ.
މުޒާހަރާތަކާ ގުޅިގެން ހަސީނާ ވަނީ މުޒާހަރާ ލީޑްކުރާ މީހުންނަށް ބައްދަލު ކުރުމަށް ފުރުސަތު އޮތް ކަމަށް ބުނެ، އިތުރު ހަމަ ނުޖެހުމެއް ގައުމުގައި ދިމާވާން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެއިތުރުން ހަސީނާ ވަނީ މުޒާހަރާ ލީޑްކުރާ މީހުންނާ މަޝްވަރާ ކުރުމަށް ސަރުކާރުގެ އިސް ތިން އޮފިޝަލަކު ހަމަޖައްސާފަ އެވެ.
ނަމަވެސް މިފަހުން ކުރި މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މީހުން މަރުވުމުން އެމީހުންނަށް އިންސާފު ހޯދުމަށް ގޮވާލާ، މުޒާހަރާ އިތުރަށް ހޫނުވެ، ހަސީނާގެ އިސްތިއުފާއަށް ގޮވާ އަޑުވަނީ ގަދަވެފަ އެވެ. މީގެ އިތުރުން, މަދަނީ ބަސްނޭހުމެއް ފަށާފައިވާ ކަމުގައި ވެސް މުޒާހަރާ އިންްތިޒާމު ކުރާ ހަރަކާތުން މިއަދު ވަނީ އިއުލާނު ކޮށްފަ އެވެ.
ހަސީނާގެ ސަރުކާރުން މިހާރު ވަނީ އިންޓަނެޓް ބަންދުކޮށް، ހަމަނުޖެހުން ހިންގާ ނަމަ، ވަގުތުން ބަޑި ޖެހުމަށް އަމުރުކޮށްފަ އެވެ. ފާއިތުވި ހަފުތާތަކުގައި މަދުވެގެން 13000 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މުޒާހަރާތައް ރާވާފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ހަރަކާތް, އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓުގެ ދަރިވަރުންނެވެ. އެމީހުންގެ ގޮވާލުމަކީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ މީހުންނަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާ ދެކޮޅު ނުޖެހުމެވެ. އަދި ސަރުކާރުގެ އެ ނިންމުމާއި ދެކޮޅު ހެދުމެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، ބަންގްލަދޭޝްގެ ސުޕްރިމް ކޯޓުން ވަނީ ފަސް ޕަސަންޓަށް ކޯޓާގެ އަދަދު ކުޑަކޮށްފަ އެވެ.
ބަންގްލަދޭޝް ސަރުކާރާއި ދެކޮޅަށް ރައްޔިތުން ނިކުތުމުން އުފެދިފައިވާ ހަމަނުޖެހުންތަކާއި ގުޅިގެން ބައެއް ގައުމުތަކުން މިހާރު ވަނީ ބަންގްލަދޭޝްއަށް ދަތުރުކުރުމުގައި ރައްކާތެރިވުމަށް ގޮވާލައިފަ އެވެ.