މޯލްޑިވްސް ގޭސްގެ އެމްޑީކަން، މައުމޫން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ސަރުކާރުގައެވެ. އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުގެ އިތުރުން ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެއްވެސް ވަނީ އުފުލާފައެވެ.
މައްސަލަތައް ފެންމަތިވުމުން މައުމޫން ވަނީ ރާއްޖެ ދޫކޮށް ގޮަސްފައެވެ. އެހެންނަމަވެސް އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން މައުމޫން ވަނީ ރާއްޖެ އައިސްފައެވެ.
މައުމޫން ރައްޖެއައުމުން އޭނާ ފުރުން މަނާކޮށް އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ތަހުގީގުތައް ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.
މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އުފުލާ އެ މައްސަލަތައް ވަނީ ކްރިމިނަލްކޯޓްގައި ފަށާފައެވެ. އެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ، ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ.
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ އަބްދުﷲ މަޢުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދުނީ އޭސީސީންނެވެ. އޭސީސީން އިސްނަގައިގެން ބެލި މައުމޫންއާ ގުޅޭ މައްސަލަތަކަކީ މޯލްޑިވް ގޭސް ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުޢާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3،106،189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހުގީގަށް ހޯދުނު މައްސަލައެވެ.
އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީން ބުންޏެވެ. މި މައްސަލައިގައި ހިމެނޭ 3،106،189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) އަންބުރާ ހޯދުމަށް ވަނީ ނިންމާފައި ކަމަށްވެސް އޭސީސީން ބުންޏެވެ.