އިދާރީ އޮނިގަނޑަށްް ބަދަލު ގެންނަން ފާސްކުރީ އެމްއެމްއޭގެ ބޯޑުންނެވެ. ބޯޑުން ގެނައި އެންމެ މުހިއްމު ބަދަލެއްގެ ގޮތުގައި އޮތީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުން ކަމަށެވެ.
އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އުވާލުމާއި އެކު އެ މަގާމުގައި ތިއްބެވި ބޭފުޅުން އެޑްވައިޒަރުންގެ މަގާމަށް ބަދަލުކުރަން ނިންމާފައެވެ. އެސިސްޓެންޓް ގަވަރުނަރުގެ ގޮތުގައި މި ވަގުތު އެމްއެމްއޭގައި ތިން ބޭފުޅުން ތިއްބަވައެވެ.
މީގެ އިތުރުން ފަސް ދާއިރާއަކުން މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަންވެސް ބޯޑުން ވަނީ ފާސްކޮށްފައެވެ. މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށްް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގެ މުވައްޒަފުންގެ އިތުރުން އާއްމުންނަށްވެސް އޮންނާނެއެވެ. މީގެ ސަބަބުން އެމްއެމްއޭގައި މިހާރު ތިބި ގާބިލު ފަރާތްތަކަށް އާ ފުރުސަތުތައް ހުޅުވިގެންދާނެކަމަށާއި ފަންނީ ގާބިލު މީހުންނަށް އެމްއެމްއޭ އަށް ވަނުމަށްވެސް ފުރުސަތު ހުޅުވިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ.
ޒަމާނީ ސެންޓްރަލް ބޭންކަކަށް އަދި ހެޔޮ ނަތީޖާ ނެރޭ ބޭންކަކަށް އެމްއެމްއޭ ހެދުމަށް އެތާގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާވެ އަދި ހެޔޮ ނަތިޖާތަކެއް ނެރުމަށް ފަސޭހަވާނެކަމަށް އެބޭންކުން ބުނެއެވެ.
އެމްއެމްއޭގެ އިދާރީ އޮނިގަނޑަށް ބަދަލުތައް ގެންނަން ނިންމާފައިމިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު މަގާމާއި ހަވާލުވިތާ ހަތަރު ދުވަސް ފަހުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަންކުރީ މިދިޔަ މަހުގެ 31 ވަނަދުވަހުއެވެ.