ގައުމުގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްކަރިއްޔާގެ ޗީފު ވާކިރުއްޒަމާނު ވަނީ ހަސީނާ އިސްތިއުފާދެއްވިކަން ޔަގީންކޮށްދެއްވާފަ އެވެ. އަދި، ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކާއެކު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހަސީނާ ސަރުކާރުން ވަނީ ދަރިވަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނެރެ މަދުވެގެން 300 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. ހަސީނާއަށް ތާއީދު ކުރާ އެ ގައުމުގެ ގޭންގުތަކުން ވެސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ތެދުވެފަ އެވެ.
މިވަގުތު ވެސް މިލިއަނަކަށް ވުރެ ގިނަ ރައްޔިތުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުން ކަމަށްވެ އެވެ. މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި މުޒާހަރަކުރާ ދަރިވަރުންނާ މަޝްވަރާކުރުމަށް ޝައިހު ހަސީނާގެ ސަރުކާރުން ހުށަހެޅުމުން މުޒާހަރާގެ ބައިވެރިން ވަނީ ހަސީނާ އިސްތިއުފާ ނުދެއްވަނީސް މަޝްވަރާ ކުރުމަށް ދެކޮޅު ހަދާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަސީނާ ހެލިކޮޕްޓަރުގައި އިންޑިއާއަށް ފިލީ ވެރިރަށް ޑާކާގައި ހުންނަ އެކަމަނާގެ ރަސްމީ ގެކޮޅަށް އެތައް ހާސް ބަޔަކު ވަދެފައި ވަނިކޮށެވެ.
އިސްތިއުފާ ދެއްވުމަށް ހަސީނާއަށް މަޖުބޫރުވީ އެ ގައުމުގައި ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ނެގުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނައުމަށް އާންމުން ކުރި އާދޭހާއި މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުންތަކަށް ބީރުކަންފަތެއް ދެއްވުމާ ގުޅިގެން ގޮތް ހުސްވެގެން ކަމަށްވެ އެވެ.
ބަންގްލަދޭޝްގެ ސަލާމަތީ ބާރުތަކުން ދަނީ ބަރު ހަތިޔާރާއެކު މަގުތަކުގައި ފޯރި މަރަމުންނެވެ.