ads
ހަސީނާ އިސްތިއުފާ ދެއްވުމުން ސިފައިން އާންމުންގެ ތެރެއަށް ނިކުމެ އުފާ ފާޅުކުރަނީ
ސިފައިން އިސްވެ، ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލަނީ
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒަހަރާއާއި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެ ގައުމުގެ ބޮޑު ވަޒީރު ޝައިހު ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައި ވަޑައިގަތުމުން އެ ގައުމުގައި ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
Advertisement

ވިދިވިދިގެން ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންދިޔަ ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ފިއްލަވާފައި މިވަނީ އެ ގައުމުގައި އޭނާގެ ވެރިކަމާ ދެކޮޅަށް ވަރުގަދަަ މުޒާހަރާތަކެއް ފަށައި، އެތައް ބަޔަކު މަރުވެފައި ވަނިކޮށް ކަމަށެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަސީނާ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހެލިކޮޕްޓަރެއްގައި ފުރާވަޑައިގަތީ އެ ގައުމުގައި މުޒާހަރާ ކުރާ މީހުން ރިޔާސީ ގަނޑުވަރާ ހަމައަށް ކައިރިވެ ގަނޑުވަރަށް ގާއުކަން ފެށުމުން ގޮތް ހުސްވެގެންނެވެ.

އުމުރުން 76 އަހަރުގެ ހަސީނާ ފިއްލަވައިގެން ވަޑައިގެންނެވީ އަވަށްޓެރި އިންޑިއާއަށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެެވެ. 

ގައުމުގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަސްކަރިއްޔާގެ ޗީފު ވާކިރުއްޒަމާނު ވަނީ ހަސީނާ އިސްތިއުފާދެއްވިކަން ޔަގީންކޮށްދެއްވާފަ އެވެ. އަދި، ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ސިޔާސީ ޕާޓީތަކާއެކު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ގައުމު މިއޮތީ ކާރިސާއެއްގެ ތެރޭގައި. އަޅުގަނޑު ވާނީ ބައްދަލުކޮށްފައި އިދިކޮޅު ލީޑަރުންނާ. އަޅުގަނޑުމެން ނިންމާފައިވާނީ ގައުމު ހިންގުމަށްޓަކައި ވަގުތީ ސަރުކާރެއް ގާއިމުކުރަން. އަޅުގަނޑު ފުރިހަމަ ޒިންމާ އަދި ވައުދުވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް. ރައްޔިތުންގެ ޑިމާންޑުތައް ހާސިލްވާނެ." ކާފިއު އުވާލާ އާއްމު ހާލަތަކަށް ސިފައިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެން ބަންގްލަދޭޝްގެ ސިފައިންގެ ވެރިޔާ ވާކިރުއްޒަމާނު ވިދާޅުވި އެވެ.

ވަގުތީ ސަރުކާރު އެކުލަވައިލުމުގައި މިރޭ ރަނގަޅު މަގެއް ފެންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިވަގުތު ސީދާ އެކަމާ ގުޅޭ ގޮތުން ތަފުސީލު ދެވެން ނެތްކަމަށް ވިދާޅުވެ އޭނާ ވަނީ ވަނީ އާންމުން ގޭގައި މަޑުކުރަންވެސް ނަސޭހަތްތެރިވެފަ އެވެ.

ހަސީނާ ވަނީ ދަރިވަރުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ނެރެ މަދުވެގެން 350 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. ހަސީނާއަށް ތާއީދު ކުރާ އެ ގައުމުގެ ގޭންގުތަކުން ވެސް ވަނީ މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ތެދުވެފަ އެވެ.

ވާކިރުއްޒަމާނު ވިދާޅުވީ ބަންގްލަދޭޝްގައި ހަމަޖެހުން ގާއިމު ކުރުމާ އެކުގައި މި ފަހުން ހިނގައިދިޔަ މަރުތައް ވެސް ތަހުގީގު ކުރާނެ ކަމަށެވެ. ވަގުތީ ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ރައީސް މުހައްމަދު ޝަހަބުއްދީންއާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ސަރުކާރު ވަޒީފާތަކަށް މީހުން އައްޔަން ކުރުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް އަޑުއުފުލައި ޖުލައި މަހުން ފެށިގެން މުޒާހަރާ ކުރަމުން އަންނައިރު، މިއަދަކީ މުޒާހަރާތައް އެންމެ ވަރުގަދަކުރި ދުވަހެވެ.

ބަންގްލަދޭޝްގެ ޓީވީ ޗެނަލް، ޗެނަލް 24 އިން އާންމުކޮށްފައިވާ ވީޑިއޯތަކުގައި ފެންނަ ގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރަށް ވަދެ، ގޮނޑި މޭޒު ފަދަ ތަކެތި އުކައި، ބިއްލޫރި ދޮރުތައް ތަޅައިލައި، އެތަނުގައި ހުރި ފޮތާއި އެނޫންވެސް ތަކެތި ގެންގޮސްފަ އެވެ.

your imageބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރު ތެރޭގައި އެނދެއް މަތީ ބަޔަކު: އެ މުޒާހަރާގެ ބައިވެރިން ވަނީ ގަނޑުވަރަށް ވަދެ ގެއްލުންތައް ދީފައި -- 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން މީހުން ގަނޑުވަރުގައި ހުރި ކާއެއްޗެހި ކައި، ހިފާ ގެންގުޅޭ ތަކެތި ގެންދާ މަންޒަަރު ފެނެ އެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ މިނިވަން ކަމުގެ ބާނީ ކަމުގައިވާ ހަސީނާގެ ބައްޕަ ޝައިހު މުޖިއްބުރް ރަހުމާނުގެ ހަނދާނުގައި ޑާކާގައި ހުންނަ ބުދަށް ވެސް ބަޔަކު ވަނީ ގެއްލުން ދީފަ އެވެ. 

އިސްތިއުފާ ދެއްވުމަށް ހަސީނާއަށް މަޖުބޫރުވީ އެ ގައުމުގައި ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ނެގުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނައުމަށް އާންމުން ކުރި އާދޭހާއި މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުންތަކަށް ބީރުކަންފަތެއް ދެއްވުމާ ގުޅިގެން ގޮތް ހުސްވެގެން ކަމަށްވެ އެވެ.

މިދިޔަ މަހު މުޒާހަރާކުރި އިރު ސިފައިންނާއި ފުލުހުން ވެސް މުޒާހަރާގެ ބައިވެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ކުރިމަތިލި ނަމަވެސް އިއްޔެ ކިތަންމެ ސަރަހައްދެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން ދޫކޮށްލާފައި ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް