ސަރުކާރާ ދެކޮޅު މުޒާހަރާތައް ލޭއޮހޮރުވުމަކަށް ބަދަލުވެ އުފެދުނު ބޮޑު ހާސްކަމުގެ ތެރޭގައި އުމުރުން 76 އަހަރުގެ ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމާ އެކު ޚާލިދާ މިނިވަންކުރަން ނިންމީ އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމަކަށް ފަހުގައި ކަމަށް، އެކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވާ ކަމަށް ހިންދުސްތާން ޓައިމްސްގައިވެ އެވެ.
އަދި މާދަމާ ހެނދުނުން ފެށިގެން ބަންގްލަދޭޝްގައި އިއުލާންކޮށްފައި ކާފިއު އުވާލައި، ސަރުކާރުގެ އިދާރާތައް އަލުން ހިންގަން ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.
ހާލިދާ ޒިއާ 17 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ކޮރޮޕްޝަންގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. އުމުރުން 78 އަހަރުގެ ހާލިދާ ޖަލަށް ލި އިރު ވެސް އޭނާ އުޅުއްވަމުގެން ގެންދެވީ އާލާސްކަންފުޅާ އެވެ. އެހެންވެ އޭނާ އޮންނަވަނީ ހޮސްޕިޓަލްގަ އެވެ.
ދުނިޔޭގެ ބޮޑެތި މީޑިއާ ހައުސްތަކުން ބުނިގޮތުގައި ހަސީނާ ހެލިކޮޕްޓަރެއްގައި ވަޑައިގަތީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ. ހަސީނާގެ އަރިސް ބޭފުޅަކު އޭއެފްޕީ އަށް ބުނި ގޮތުގައި ހަސީނާ ގައުމު ދޫކޮށް ވަޑައިގަތީ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށެވެ.
ބަންގާޅު ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގައި މަޑު ކުރެއްވުމަށްފަހު ހަސީނާ ދެން ވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށެވެ. އަދި އެގައުމުން ހަސީނާ އަދި އޭނާގެ އާއިލާއަށް ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
އިސްތިއުފާ ދެއްވުމަށް ހަސީނާއަށް މަޖުބޫރުވީ އެ ގައުމުގައި ސިވިލް ސާވިސްގެ މަގާމުތަކަށް މީހުން ނެގުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނައުމަށް އާންމުން ކުރި އާދޭހާއި މިނިވަން އިންތިހާބެއް ބޭއްވުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ހުށަހެޅި ހުށަހެޅުންތަކަށް ބީރުކަންފަތެއް ދެއްވުމާ ގުޅިގެން ނެވެ.
ބަންގްލަދޭޝްގައި ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނާއި ސަރުކާރު ހިންގާ ޕާޓީއާ ދެމެދު ހަމަނުޖެހުންތައް ހިންގައި މަރުވި މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ. ނަމަވެސް އެ އަދަދު އިތުރު ވާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބަންގްލަދޭޝްގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާކުރި މީހުން މެރި މައްސަލަތައް ބަލާނެ ކަމަށް އެ ގައުމުގެ އާމީ ޗީފު ވާކިރުއްޒަމާނު މިއަދު ވަނީ ވިދާޅުވެފައި އެވެ.
ގައުމާ މުހާތަބު ކުރައްވާ ވާކިރުއްޒަމާނު ވިދާޅުވީ ފާއިތުވެދިޔަ ހަފްތާތަކުގައި ގައުމުގައި މީހުން މެރި މައްސަލަ ތަހުގީގުކޮށް، މަރުވި އެންމެންނަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.
އަސްކަރިއްޔާއާ މަޝްވަރާކުރަން ބޮޑެތި ހުރިހާ ޕާޓީތަކުން އެއްބަސްވެފައިވާކަން ފާހަގަކުރައްވާ ވާކިރުއްޒަމާނު ވިދާޅުވީ މިވަގުތު ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި މަޝްވަރާކޮށްގެން ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރާނެ ކަމަށެވެ.