ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ މައުލޫމާތުދެއްވަމުން އައިކޮމް ގެ އެސްޖީ އިދްރީސް ވިދާޅުވީ މިއަހަރު ފުރަތަމަ 6 މަހުގެ ޑޭޓާއަށް ބަލާލާއިރުގައި މަހެއްގެ މައްޗަށް 35 މައްސަލަ އިންފޯމޭޝަން ކޮމިޝަން އޮފީހަށް ހުށަހެޅޭކަމަށެވެ.
މިހާރު މަހެއްގެ މައްޗަށް 35 މައްސަލަ ކޮމިޝަނަަށް ހުށަހެޅޭކަން ހާމަކުރުމުގެ ބޮޑު ސަބަބެއް އޮތްކަމަށް ފާހަގަށް އިދްރިސް ވިދާޅުވީ 2017 ވަނަ އަހަރުން ފަށައިގެން މިދިޔަ އަހަރު ނިމެންދެން އައިކޮމްގެ މުވައްޒްފުންގެ އަދަދު އިތުރެއްނުވާކަމަށެވެ. އެގޮތުން މިހާރު ކުރަން ޖެހޭ މަސައްކަތް 7 ގުނަ އިތުރުވެފައިވާއިރު މިއަހަރު އިތުރު 2 ސްޓާފުން ލިބިފައިވާކަން އިދްރީސް ފާހަގކުރެއްވިއެވެ.
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދަށް ބަލާއިރުގައި މިދިޔަ އަހަރަކީ އަދަދު އެންމެ ގިނަވި އަހަރު ކަމަށް ފާހަގަކޮށް އިދްރީސް ވިދާޅުވީ އެއިރު 413 މައްސަަލަ ހުށަހަޅާފައިވާކަމަށެވެ. އަދި މިއަހަރުގެެ ފުރަތަމަ 6 މަހަށް ބަލައިފި ކަމަށްވާނަމަ މިދިޔަ އަހަރަށްވުރެއްވެސް ބޮޑުވާނެކަމަށް ލަފާ ކުރެވޭކަމަށް އެސްޖީ ވިދާޅުވި އެވެ.
އޭގެއިތުރުން ހުށަހެޅޭ މައްސަލތަކުގެ ތެރެއިން ގާތްގަނޑަކަށް 90 އިންސައްތަ މައްސަަލައަކީ އިދާރާއަށް މައުލޫމާތުހޯދުމަށް އެދި ހުށަހެޅޭ ހުށަހެޅުމަށް އެއްވެސް ޖަވާބެއްނުދީގެން ހުށަހެޅޭ މައްސަލަކަމަށްވެސް އިދުރީސް ފާހަގަކުރެއްވި އެވެ.
އިންފޯމޭޝަން ކޮމިޝަނުގެ އޮފީސް އުފެދިފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު ތަންފީޒްކުރަން ފެށުނު، 2014 ވަނަ އަހަރުގަ އެވެ.
އިންފޯމޭޝަން ކޮމިޝަމުގެ އޮފީހަށް މައިގަނޑު ގޮތެއްގައި ހަވާލުކުރެވިފައިވާ މައްސޫލިއްޔަތު ތަކަަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާ ގުޅޭގޮތުން ހުށަހެޅޭ އިލްތިމާސްތަކާއި ޝަކުވާތައް ބަލާ އެއަށް ގޮތެއް ނިންމުމެވެ. އަދި ދައުލަތުގެ ހުރިހާ އިދާރާއެއްގެ އައްޔަނުކޮށްފައި، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކަށް ޖަވާބު ދިނުމަށް މައުލޫމާތު ފޯރުކޮށްދިނުމަށް އައްޔަނުކޮށްފައި ހުންނަ އިންފޯމޭޝަން އޮފިސަރުންނާއި މުރާޖާ ކޮމިޓީގެ މެމްމަރުން ޓްރެއިން ކޮށްދިނުމަކީ ވެސް އެ ކޮމިޝަނުގެ މުހިއްމު މައްސޫލިއްޔަތެކެވެ.
އާންމުންގެ ހޭލުންތެރިކަންމަށް މައުލޫމާތު ހޯދަ ލިބިގަތުމުގެ ހައްގަށް ހޭލުންތެރިކަން އިތުރުކޮށްދިނުމާއި ދައުލަތުގެ އިދާރާތަކުގައި އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ޖެހޭ މައުލޫމާތުތައް ހާމަކުރާ މިންވަރު މޮނީޓާ ކުރުމަކީވެސް އިންފޯމޭޝަން ކޮމިޝަން އޮފ|ީހުގެ މައްސޫލިއްޔަތެކެވެ.