ads
އެމްޑީޕީން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން --- ފޮޓޯ: އެމްޑީޕީ
ސަރުކާރުން އުޅެނީ ސިޔާސީ މުވައްޒަފުން ރަށު ކައުންސިލްތަކަށް ފޮނުވަން: އިދިކޮޅު
މި ސަރުކާރުން އުޅެނީ މާލެއިން ޖާގަ ނުދެވޭ ސިޔާސީ މުވައްޒަފުން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވަން ކަމަށް އިދިކޮޅު އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސެން ވިދާޅުވެއްޖެ އެވެ.
Advertisement

އެ ޕާޓީން ސިލްސިލާކޮށް މިހާރު ބާއްވާ ޕެނަލް ޑިސްކަޝަންގެ ރޭގެ ބައްދަލުވުން ހާއްސަކުރީ ލާމަރުކަޒީ ނިޒާމަށެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ އާ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ، މި ސަރުކާރުން އުޅެނީ ކައުންސިލްތައް ސައިޒު ކުރަން ކަމަށެވެ.

"އެއްވެސް ރަށެއްގައި އާ ކައުންސިލް އިމާރާތެއް އެޅުމުގެ މަސައްކަތެއް ހިނގަނީއެއް ނޫން. އެކަމް މިކޮޅުން ބަރާބަރަށް ސިޔާސީ މުވައްޒަފުން އެތަނަށް އެބަ އައްޔަން ކުރޭ. ކައުންސިލަރުންގެ މޭޒުގައި ތޯ އެބޭފުޅުން އިންނަންވީ،" ހިސާން ވިދާޅުވި އެވެ.

ކައުންސިލްތަކުން ހިދުމަތް ދިނުމަށް މަގުފަހިކޮށް ދިނުމަށް ދޭންޖެހޭ މާލީ ބާރުވެރިކަމާއި އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ބަދަލުގައި ފެންނަނީ ކައުންސިލްތަކުގެ އަތުގައި އޮތް އެއްޗެއް ސަރުކާރުން އަތުލާ މަންޒަރު ކަމަށް ހިސާން ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ތަފާތު އެކި ޕްލެޓްފޯމްތަކުގައި ކައުންސިލަރުން މަދުކުރުމަށް ބާރު އަޅުއްވާ ވާހަކަދައްކަވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ހިސާން ވިދާޅުވީ ކުދި ކުދި ރަށްތަކުގައި 5-7 ކައުންސިލަރުން ތިބުން މުހިންމު ނޫން ކަމަށް ރައީސް މުއިއްޒު ވިދާޅުވާ ސަބަބާއި މެދު ސުވާލު އުފެދޭ ކަަމަށެވެ. ސަރުކާރު ހިންގާ ނިޒާމަށް ބަލާއިރު ބައެއް ވުޒާރާތަކުގައި 125 މީހުން ސިޔާސީ މީހުން އެބަ ތިބި ކަމަށާއި އެހެންވީމަ ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމުގެ ވާހަކަ ސަރުކާރުން ދެއްކުމަކީ އެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ހިސާން ވިދާޅުވި އެވެ.

އާބާދީގައި 3،000 އަށް ވުރެ މަދުން މީހުން ދިރިއުޅޭ ރަށަކަށް ތިން ކައުންސިލަރުން ހޮވުމުން ފުދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ވިދާޅުވެފައި އެވެ.

ހޯމް މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް އިފުތިތާހުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކައުންސިލުތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެއްކަމަށް އެ މަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުތަކުގައި ތިބޭ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.

"އަޅުގަނޑު ހިތުން 3،000 މީހުންނަށް ވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށުގައި ތިން ބޭފުޅަކު އިންތިހާބުކުރީމަ ފުދޭނެ،" ރައީސް ވިދާޅުވި އެވެ. "ކައުންސިލުގެ ރައީސަކާއި އަދި އިތުރު ދެ ބޭފުޅުން. އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބުކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއް ބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބުކުރެވޭ ޒުވާނުންގެ ރައީސެއްގެ ގޮތުގައި ހުންނަ ބޭފުޅަކަށް ވެ، ތިން ބޭފުޅުން ތިބެ ކައުންސިލްގެ ރައީސްގެ ގޮތުގައި ހޮވާ މީހާގެ އިތުރަށް ދެން ހޮވާ ދެ ބޭފުޅުންގެ ތެރެއިން އެކަކު އެއީ ނައިބު ރައީސަކަށް ކަނޑައެޅިދާނެ."

މި އުސޫލަށް ބަދަލުކުރެއްވިއްޖެ ނަމަ ކައުންސިލްތަކާއި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން ވެސް އޮންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު ވެސް ވިދާޅުވީ، ސަރުކާރުން ކުރަން އުޅޭ ކަމަކީ އިންތިހާބުކޮށްފައި ތިބި މީހުން މަދުކޮށް، އައްޔަން ކޮށްފައި ތިބި މީހުން ގިނަ ކުރުން ކަމަށެވެ. އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ލޯކަލް ގަވަރުމަންޓް އޮތޯރިޓީން އެބަ ޕުޝްކުރޭ، ސަރުކާރުގެ ސިޔާސީ މުވައްޒަފުން ގެންގުޅޭން އެއްބަސްވުމެއް ހަދަން ވެސް، ކައުންސިލަރުންގެ ބަދަލުގައި މި މީހުން ބައިތިއްބަން އެ އުޅެނީ އެ މީހުން، ކައުންސިލަރަކަށް ލިބޭ މުސާރައަށް ވުރެ މުސާރަ ވެސް ބޮޑު ވާނެ،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ، މާލެ އިން އަތޮޅުވެރިންނަށް އަންގައިގެން، ރަށުގައި ހުންނަ ކަތީބު ކަންކަން ނިންމާ ނިޒާމު ކަމުނުދާ ކަމަށެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ބަޖެޓު 30 ބިލިއަނަށް އަރާފައިވާއިރު، އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ 184 ރަށުގެ އިދާރީ ހިންގުމަށް ބޮޑު ނަމަ އޭގައި މައްސަލަތަކެއް އުޅޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް