ads
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް
ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވައިލައިފި
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒަހަރާއާއި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އެ ގައުމުގެ ބޮޑު ވަޒީރު ޝައިހު ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫކުރައްވައި ވަޑައިގެންފައިވާއިރު، މުޒާހަރާގެ ބައިވެރިން އެދުމުގެ މަތިން ބަންގްލަދޭޝް ގާނޫނު ހަދާ މަޖިލިސް އުވައިލާފައިވާ ކަން އެ ގައުމުގެ ރިޔާސީ ގަނޑުވަރުން އިއުލާންކޮށްފި އެވެ.
Advertisement

ބަންގްލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވައިލީ މުޒާހަރާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތްތެރިވާ ހަރަކާތުގެ އިސް އޮފިޝަލެއް ކަމުގައިވާ ނާހިދު އަލް-އިސްލާމް ފޭސްބުކްގައި ޝާއިއުކުރި ޕޯސްޓެއްގައި މިއަދުގެ މެންދުރު 3ގެ ކުރިން ޤާނޫނު ހަދާ މަޖިލިސް އުވައިލަން ދައުލަތަށް މުހުލަތު ދީފައިވަނިކޮށެވެ.  

ހަސީނާގެ އިސްތިއުފާ ދެއްވަން މަޖުބޫރުވި، ދަރިވަރުންގެ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލަން ވެސް ވަނީ ނިންމައިފައި ކަމަށް އެ ގައުމުގެ ރައީސް ޝަހާބުއްދީން ވިދާޅުވި އެވެ.

"މަޖިލިސް އުވާލައި ވީހާވެސް އަވަހަކަށް އިންތިގާލީ ސަރުކާރެއް އުފައްދަން ނިންމައިފިން. އަސްކަރިއްޔާ އިން ވެސް މިހާރު ދަނީ މިހާރު އޮތް ނާމާން ހާލަތު އާންމު ހާލަތަކަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅަމުން،" ރައީސް ވިދާޅުވި އެވެ.

މުޒާހަރާގެ ބައިވެރިން ވަނީ, އެކުލަވައިލެވޭ ވަގުތީ ސަރުކާރެއްގެ އިސް މުޝީރުގެ މަގާމު ނޮބެލް ސުލްހައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުހައްމަދު ޔޫނުސަށް އެރުވުމަށް ގޮވައިލައި, އެ ކަމަށް ބާރު އަޅާފަ އެވެ. އަދި, އޭނާގެ ބައިވެރިވުން ނެތް ސަރުކާރެއް ބަލައިނުގަންނާނެ ކަމަށް ބުނެ, މުޒާހަރާ އިންތިޒާމު ކުރާ ޙަރަކާތުން ވަނީ އިންޒާރު ދީފައެވެ.

ބަންގްލަދޭޝްގެ ހާލަތު ގޯސްވީ 1971 ގައި ޕާކިސްތާނާ ދެކޮޅަށް ހަނގުރާމަކުރި އެ ގައުމުގެ އަސްކަރިއްޔާގެ އާއިލާތަކަށް ސަރުކާރުން ދޭ 30 ޕަސަންޓުގެ ވަޒީފާގެ ކޯޓާއާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މިދިޔަ މަހު ފެށި މުޒާހަރާތަކުގައި 2،000 އަށްވުރެ ގިނަ ދަރިވަރުން ހައްޔަރުކުރި އެވެ.

ސަލާމަތީ ބާރުތަކާއި މުޒާހަރާ ކުރި މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ގާތްގަނޑަކަށް 300އެއްހާ މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެކަނި ވެސް ވަނީ 100އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ އާ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ހަސީނާ ގައުމު ދޫކުރައްވާ ވަޑައިގެންނެވުމުން އެ ގައުމުގެ އެތައް މިލިއަން މީހުންނެއް ވަނީ މަގުތައް މައްޗަށް ނުކުމެ އުފާ ފާޅުކޮށްފަ އެވެ.

ހަސީނާ އިސްތިއުފާދެއްވައި މިހާރު ހުންނެވީ އިންޑިއާ ގައެވެ. ހަބަރުތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ހިމާޔަތް ލިބިވަޑައިގަންނަވަންދެން އިންޑިއާގައި އޭނާ މަޑުކުރައްވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް