މިދިޔަ ހޯމަދުވަހު ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ މިހާރުގެ އެމްޑީީ އަލީ ޒުހެއިރު ވިދާޅުވީ މިދިޔަ ސަރުކާރުގެ ދުވަސްވަރު އެކުންފުނިން 161 މިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދޫކޮށްފައިވާކަމަށާއި އޭގެ އެއްވެސް ލިޔެކިޔުމެއް ފެންނަން ނެތްކަމަށެވެ. އަދި ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއްކޮށް، ކުންފުނި އޮތީ 837 މިލިއަން ރުފިޔާ އިން ދަރާފައި ކަމަށް ޒުހެއިރު ވިދާޅުވިއެވެ.
މިވާހަކަތަކާއި ގުޅިގެން މިދިޔަ ސަރުކާރުގައި އެކުންފުނީގެ އެމްޑީއަކަށްް ހުންނެވި މޫސާ އަލިމަނިކު (މޫކޭ) ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ.
އެސިޓީގައި އޭނާ ވިދާޅުވީ އާރުޑީސީގެ މިހާރުގެ ވެރިން އެ ކުންފުނީގެ ކުރީގެ ވެރިންނާއި ގުޅޭގޮތުން ކޮމެޓީގައި ދޮގު ތުހުމަތުތަކެއްކޮށް ދައްކާފައިވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި އެ ވާހަކަތައް ދައްކާފައިވަނީ ކުންފުނީގެ ދަރަންޏާއި ބެހޭގޮތުން އެއްވެސް އޮޑިޓެއް ނުވަތަ އެސެސްމަންޓެއްވެސް ހެދުމަކާއި ނުލާކަމަށްވެސް މޫސާ އަލިމަނިކު ވިދާޅުވިއެވެ.
މޫސާ އަލިމަނިކުގެ ސިޓީގައި ވިދާޅުވީ އެ ކޮމެޓީއަށް ހާޒިރުވުމުގެ ފުރުސަތު ދެއްވުން އެދޭކަމަށެވެ. އަދި ކޮމެޓީން ކުރާ ކޮންމެ ސުވާލަކަށް ޖަވާބުދޭން ތައްޔާރަށް ހުންނެވިކަމަށާއި ކަމެއް ކޮށްފައި އޮތިއްްޔާ ތަހުގީގުކޮށް އަވަހަށް ފިޔަވަޅު އަޅާދެއްވުމަށްް އެދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެޓީއަށް މިހާރުގެ ވެރިން ހާޒިރުކޮށްގެން ގެންދިޔަ ބައްދަލުވުން ޓީވީތަކުން ލައިވްކޮށްފައިވާތީ ކުރީގެ ވެރިން ހާޒިރުކޮށް އެ ބައްދަލުވުންވެސް ޓީވީތަކުން ލައިވްކޮށް ދެއްކުމަށްވެސް އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް ފޮނުއްވި ސިޓީގައިވެއެވެ.