ގާނޫނު އަސާސީގެ 261 ވަނަ މާއްދާ ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައި ކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ގާނޫނު އަސާސީއަށް ބަދަލު ގެނެވިދާނެއެވެ.
މިއަދު މަޖލީހުގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ކުރިން އޮންނަ ގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނެވެނީ ހާއްސަ މަޖިލިސް އެއްކޮށްގެން ކަމަށާއި އެކަން އެގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ ބަދަލުކުރުމަށް މިހާރު މަޖިލީހަށް ލިބިފައިވާ ހުރިހާ ބަރާރެއް އެގޮތަށް އޮތުމުގެ ބަދަލުގައި ކޮންމެވެސް އެހެން ނިޒާމެއް ކަނޑައަޅަން ޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިހާރު އޮތް ގޮތުން ބައެއްގެ ވިސްނުމަށް އަންނަ ހިޔާލާތެއްގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި އިސްލާމްދީން ހިމާޔަތް ކުރުމަށް ގާނޫނު އަސާސީގައި ހިމަނާފައިވާ މާއްދާތަކަށް ހުރަސް އެޅި ބަދަލުތަކެއް ގެނެވިދާނެކަމަށެވެ.
ގާނޫނު އަސާސީއަށް ގެނައި އެންމެ ބޮޑު އެއް އިސްލާހެއް ގެނައީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ މެޖޯރިޓީ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެ މަޖިލީހުން ވަނީ ބޭރު ފަރާތްތަކަށް ރާއްޖެއިން 99 އަހަރަށް މިލްކު ކުރެވޭ ގޮތަށް ބަދަލު ގެނެސްފައެވެ. އެހެންނަމަވެސް މިދިޔަ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީން ވަނީ އެކަން ކުރިން އޮތް ގޮތަށް ބަދަލުކޮށްފައެވެ.
20 ވަނަ ރައްޔިތުންގެ މޖިލީހުގެ 75 ގޮނޑި ވެރިކަން ކުރާ ޕީއެންސީއަށް ލިބިފައިވާއިރު ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ތެރޭގައި ވެސް ގާނޫނުއަސާސީ އަށް ބޮޑެތި އިސްލާހުތަކެއް ގެނައުން ހިމެނެއެވެ.