ads
ރައްޔިތުންގެ މަޖިލިސް
ތޯރިގް ހުށަހެޅުއްވި އިންޝުއަރެންސް ބިލަށް ގިނަ މެމްބަރުން ހިޔާލުފާޅުކޮށްފި
މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ތޯރިގް ހުށަހެޅުއްވި އިންޝުއަރެންސް ބިލަށް ގިނަ މެމްބަރުންނެއް ހިޔާލުފާޅުކޮށްފި އެވެ.
Advertisement

މަހިބަދޫ ދާއިރާގެ މެންމަރު އަހުމަދު ތޯރިގް ހުށްހެޅުއްވި ބިލަށް ބަހުސް ކުރައްވަމުން ފުވައްމުލަ ދެކުނު މެމްބަރު އިބްރާހީމް ހުސެއިން ވަނީ ގާނޫނެއް ވުޖޫދަށް އަންނަ އިރުގައި ގާނޫނުގެ ދަށުން ރާއްޖޭގެ އިންޝޫރަންސް ކުރެވިގެން ދާއިރުގައި ޕްރިމިއަމް އަށް ދައްކާ ފައިސާގެ 20 ނުވަތަ 30 އިންސައްތަ ރާއްޖޭގައި ބެހެއްޓޭނެ ގޮތަށް ގާނޫނު ބައްޓަން ވެގެން ދާނެގޮތަށް ހައްދަވާދެއްވުމަށް ގޮވާލައްވާފަ އެވެ.

އެގޮތުން ޕްރީމިއަމްއަށް ދައްކާ ފައިސާގެ 30 ހަކަށް އިންސައްތަ ރާއްޖޭގައި ބެހެއްޓޭނެ ގޮތަށް ހަދައިފިނަމަ ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށް ހުސެއިން ވިދާޅުވި އެވެ.

އިންޝުއަރެންސްގެ ބޮޑު ބައެއް ކެންޑިގެންދަނީ އާސަންދައަަށް ކަމަށްވީނަމަވެސް އާސަންދައަކީ ޕްރިމިއަމް އެކައުންޓަކަށް ހަދާފައި އޮންނަ އޮތުމުން އެކަން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ހުސެއިން ވިދާޅުވިއެވެ. އިންޝުއަރެންސް ގާނޫނަށް އަންނައިރުގައި އެފަދައ އެސްލާހުތައް ހުށަހަޅަންޖެހޭކަމަށައި އެފަދަ ގާނޫނުތައް ވުޖޫދަށް އައިއްސިނަމަ ދިވެހު ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން އިންޝޫރަންސް ކުންފުނިން އެ ކުރާ ކަންތައް ހުއްޓިގެން ދާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ.

މާފަންނު އުތުރުދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ތޯރިގް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި އެވެ. ނާޒިމް ވިދާޅުވީ އިންޝުއަރެންސް އޭ ބުނީމަ ގިނަ މީހުންނަށް ފާހަގަވެގެންދަނީ، ގިނަ އަދަދެއްގެ ފައިސާ އިންޝޫރަންސް ކުންފުނިތަކަށް ދެއްކީމަ ނިމުނީކަމަށެވެ. އޭގެން ލިބޭ މަންފައާއި ނަފާ ހަގީގަތުގައި ނޭންގޭ ކަމަށާއި ގިނަ ބަޔަކު އިންޝޫރަންސް ނުކޮށް ހުރުމުގެ ސަބަބުން ތަފާތު އެކި އެކި ކަންކަން ދިމާވީމާ ލިބޭ ގެއްލުން ހަގީގަތަކަށް ވެގެން ދާނީ މާފަހުންކަމަށް ނާޒިމް ވިދާޅުވި އެވެ.

"ރާއްޖޭގައި އިންޝޫރަންސްގެ ކަންކަން ދަނީ އެންމެ ރަނގަޅަކަށް ނޫން، ރާއްޖޭގެ އިންޝުއާ ކުރެވިފައި ހުންނަ ސައިކަލުތައް، މިސާލަކަށް ތާޑް ޕާޓީ އިންޝުއަރެންސްއެއް ގޮތުގައި ސައިކަލު އިންޝުއާކޮށްފައި އޮތްނަަމަވެސް ފެނިގެން ދަނީ އޭގެން އެންމެ ރަނގަޅު ނަފާ ނުލިބޭތަން، އެކްސިޑެންޓެއްވެ ބަދަލުހޯދަން ދިޔާމަ އެއްވެސް ބަދަލެއް ނުލިބޭ، އެކަންކަމުގެ ނަފާ ލިބޭގޮތަކަށް ނޫން ހުރީ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ދިމާވާ މައްސަަލައަކީ އިންޝުއާ ކުރަން މީހުން ބޭނުމެއް ނުވޭ" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި އުފެދޭ އިންޝުއަރެންސް ކުންފުނިޠައް އޮންނަނީ ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ގުޅިފައި ކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ އިންޝޫއަރެންސް އާ ގުޅިގެން ފައިސާ ދޭން ޖެހޭ ހާލަތެއް އައިއްސިއްޔާ އެ ފައިސާ އަންނަނީ  ބޭރުން ކަމަށެވެ. ރާއްޖޭއަށް ގިނަ އަދަދެއްގެ ފައިސާ ލިބޭ ކަމަށާއި ރާއްޖޭގައި އިންޝުއަރެންސް ކުންފުނިތައް އުފައްދަން ހިތްވަރު ދޭން ޖެހޭ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ތޯރިގު ފާހަގަކުރެއްވީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ.

އަދި އިންޝުއަރެންސް ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމުކުރުމަކީ ވެސް މި ބިލުގެ މަގުސަދެއްކަން ތޯރިގު ފާހަަގަކުރެއްވިއެވެ.

ރާއްޖޭގައި އޮޅުވައިލައިގެން އިންޝުއަރެންސް ހޯދުމުގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. އޭގެތެރޭގައި، ދޯނިފަހަރު ފަރަށް އަރުވާލައިގެންނާއި އަލިފާން ރޯކޮށްލައިގެން އާމްދަނީ ހޯދުމުގެ މައްސަލަތައް ހިމެނެއެވެ.

މި ބިލްގައި އިންޝުއަރެންސްގެ ވިޔަފާރި ބަހާފައިވަނީ ޖެނެރަލް އިންޝުއަރެންސް ވިޔަފާރި އަށާއި ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރި އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޝުއަރެންސް ބިލަށް ބަހުސްކުރައްވަމުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ހިނގަމުންދާތާ ގިނަ އަހަރުތައް ވެފައިވާއިރު، މިހާތަނަށް އައިއިރު އިންޝުއަރެންސް ޤާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެންނަމަވެސް 30 ޖެނުއަރީ 1985 ގައި އާންމު ޤާނޫނުތަކާއި ބެހޭ ޤަވާއިދު 6/2008 ގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކެއްގެ ދަށުން އިންޝުއަރެންސް ކަންތައް ރާއްޖޭގައި ފެށިންގެ ދާތާ މިހާރު 40 އަހަރާއި ގާތްވީ ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ ވިދާޅުވިގޮތުގައި ފަތުރުވެރިކަން ރާއްޖޭގައި ކުރިއަރާފައިވާއިރު ގިނަ ރިސޯޓްތައް އިންޝުއަރެންސްކޮށްފައިވަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އިންޝުއަރެންސްގައެވެ. ސަބަބެއް ކަމަށް ވިދާޅުވީ އިންޝުއަރެންސާއި ބެހޭ ޤާނޫނެއް ރާއްޖޭގައި ނެތުމެވެ.

ސަރުކާރުގެ ފަރާތުން، މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠޯރިޤް ހުށަހަޅުއްވާފައިވާ، އިންޝުއަރެންސްގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި އިންޝުއަރެންސް ކުންފުންޏެއްގެ ގޮތުގައި އޮންނަނީ އެލައިޑް އިންޝުއަރެންސް އެކަނި ކަމަށާއި އަމިއްލަ ފަރާތްތަކުން މިހާރު މި ދާއިރާގައި ހަރަކާތްތެރިވާން ފެށުމުން އިންޝުއަރެންސަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

"މި ބިލުގައި ޖުމްލަ ގޮތެއްގައި ހުރި ކަންތައްތައް ރަނގަޅު އެހެންނަމަވެސް ކޮމިޓީ މަރުހަލާގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް ހުރިކަން އަޅުގަނޑު ފާހަގަކުރަން،". ސައުދުﷲ ވިދާޅުވި އެވެ.

ހާއްސަކޮށް ދިވެހި އިންޝުއަރެންސް ކުންފުނިތަކުން ވަރަށް ބޮޑެތި ބަދަލުތައް ދިވެހި މުޖުތަމައުއަށް ގެންސްފައި ހުރިކަން ސައުދުﷲ ފާހަގަކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވައި މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރު ވިދާޅުވީ އިންޝުއަރެންސްގެ ގާނޫނެއް މުޅިން އަލަށް ހެދިގެން ދާއިރު ވިސްނަންޖެހޭ ކަމަކީ "މިއީ އިންޝުއަރެންސްގެ ޅަފަތުގެ ދައުރުކަން" ކަމަށެވެ. އެހެންކަމުން ޅަފަތުގެ ދައުރުގައި ގިނަ ކުންފުނިތައް މި ދާއިރާގެ ތެރެއަށް ވައްދަންޖެހޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.

އެކަން ކުރުމަށްޓަކައި މި ގާނޫނަށް ކޮންމެވެސް ވަރަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ޒަރީރު ވިދާޅުވިއެވެ.

އިންޝުއަރެންސްގެ ބިލެއް މަޖިލީހަށް ހުށަހެޅިފައި މިވަނީ މުޅިން އަލަށެވެ. މީގެ ކުރިން އިންޝުއަރެންސްގެ ކަންކަން ރާއްޖޭގައި ކުރެވެމުން އައީ ގާނޫނެއް ނެތިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް