ads
ދޫކޮށްފައި ނުދާށޭ.. - 27 ވަނަ ބައި
އެޕިސޯޑް 27
Advertisement

ހޯމަ ދުވަހުގެ އަދަދާއި ގުޅޭ

ދާދި އަވަހަށް ލޮލުކުރިމަތީން އަޔާން ފެންނާނެކަމުގެ އުފާވެރި ހަބަރާއެކު މުންޝިރުގެ މޫނުމަތީން އުފާވެރިކަން ފެނުނެވެ. ހަގީގަތަކަށްވެއްޖެނަމަ އެއަށްވުރެން ކުލަ ރީތި ހުވަފެނެއް ހޭލަހުރެ، ނުވަތަ ނިދީގައިވެސް އެ ދެމަފިރީންނަށް ނުފެންނާނެ އެވެ. އަލީޒީގެ ހާލަތު ހާމަކުރާނީ ކިހިނަކުން ހެއްޔެވެ؟ ކޮންމެ ނޭވާއެއް ދުނިޔެއަށް އުފަންވަނީ އަޔާންގެ ނަމުގަ އެވެ. ރޭދުވާ ހޭދަވަނީ ލޯބިވާ ދަރިފުޅު ދެކިލުމުގެ އުއްމީދުގަ އެވެ. ހިތުގެ ކޮންމެ އިހްސާސެއް ގުޅިފައިވަނީ ލޯބިވާ ދަރިފުޅާ އެވެ. މަދު ހަފްތާއެއްގައި ނޫނީ ވީޑިއޯ ކޯލް ކުރެ އެވެ. މަދު ދުވަހެއްގައި ނޫނީ އަޔާންގެ ފޯން ކޯލެއް ނުލިބި ނުދާނެ އެވެ. އެކަމަކު އެ ދަރިފުޅު ގާތުގައި ނެތްކަމުގެ އިހްސާސް އެންމެ ހިނދުކޮޅަކަށްވެސް ނެތި ނުދެ އެވެ. އުއްމީދާއި އަޒުމު، ދުނިޔޭގައި ހާސިލްކުރަންޖެހިއްޖެނަމަ، ތަހަންމަލްކުރަންޖެހޭ ވޭނާއި ވާންޖެހޭ ގުރުބާނީ ވަޒަންކުރެވޭނީ 'ނިކަމެތީން'ނަށެވެ. އެކަން މިއަދު އިހްސާސްކުރަމުންދަނީ މުންޝިރުގެ އާއިލާ އެވެ. 

"އަޔާން އަންނަ ވާހަކަ އަލީޒީ ގާތުގައިވެސް އަހަރެން ބުނާނަން އިނގޭ.." އުފަލުން ފެންކަޅިވެފައިހުރި އައިޝާ ބުންޏެވެ. އެއީ އެންމެ ރަގަޅުގޮތަށް ވިޔަސް ނުވިޔަސް އެވާހަކަ ބުނަން އައިޝާގެ ހިތް ބޭނުންވީ އެވެ. 

"ނޫނޭ ނޫނޭ.. އޭރުން ކަމަކު ނުދާނެ.. އަޔާން ގެނައުން މިހާލަތުގައި މަނާ ނުކޮށްފާނެ..! އެކަމަކު މާބޮޑަށް ކަމަކަށް އިންތިޒާރުކުރުވުމަކީ ނުވަތަ ކުއްލި ހަބަރެއް ދިނުމަކީ މިވަގުތު ރަގަޅު ކަމަކަށް ނުވެދާނެ... އަހަރެން އެކަމާއި ޑޮކްޓަރާއި މަޝްވަރާކޮށްލާނަން.. އޭގެ ފަހުގައި ގޮތެއް ނިންމާނީ.." އައިޝާގެ ބުރަކަށީގައި ފިރުމާލަމުން މުންޝިރު ވާހަކަ ދެއްކި އެވެ. އެ ގޮތް އައިޝާއަށް އެންމެ ރަގަޅުކަމަށްބުނެ ބޮލުން އިޝާރާތް ކޮށްލި އެވެ. 

..................

ފިނިފިނި ވިއްސާރައިން ސަލާމަތްވުމަށް، ކުލަކުލައިގެ ކުޑަ އަޅައިގެން މަގުތަކުގެ އެއްފަރާތުން ހިނގަމުންދިޔަ މީހުންނަށް ސަމާލުކަމެއް ނުދިނަސް ޕާކުގައި އިށީންދެއިން ދިމާލު މަގުމަތިން ފެންނަމުންދިޔަ މަންޒަރަށް އަޔާން ބަލައިލލި އެވެ. 

މެދުކެނޑުމެއްނެތި ތުނިކޮށް  ވެހެމުންދިޔަ ވާރެއަށް ސަމާލުކަމެއްނުދީ، އިހްސާސްވަމުންދިޔަ ފިނިކަމަށްވެސް ފަރުވާލެއް ނުބަހައްޓާ އަޔާން އިނީ ޕާކުގެ ބޮޑު ގަހެއްގެ ހިޔަލުގަ އެވެ. ގަހުގެ ފަތްތަކުން ބިމަށް ފައިބަމުންދިޔަ ވާރޭގެ ތިކިތަކަށް ބަލަން އިނީ އެމަންޒަރުގެ ޝައުގުވެރިކަމަކުން ނޫނެވެ.

އެ ގޮނޑީގައި ދެގަޑީރުވަންދެން އެ އިނީ ކުރާނެ ކަމެއް ނެތީމައެއްވެސް ނޫނެވެ. ލައިގެން އިން ވިއްސާރަކޯޓުގެ ޖީބުގައި އޮތް ފޯނު ބަލައިނުލައި އެތައް ގަޑީރެއް ފާއިތުވެގެން އެދިޔައީ އެ ފޯނަށް ގުޅާނެ މީހަކު ނެތީމައެއްވެސް ނޫނެވެ. ފާއިތުވެދިޔަ ދެ ދުވަހަކީ އަޔާންއަށް ބުރަ ވަގުތުތަކެކެވެ. ކެއުމާއި ނިންޖަކީ ކޮބައިކަން ހަންދާންނެތުނަސް، އެކަންކަން މަޖުބޫރުން އަޔާންލައްވާ ކުރުވާނެ މީހަކު ދާދި ގާތުގައި ހުރުން އެއީ އަޔާންގެ ނަސީބުކަން ނުވަތަ ނޫންކަން ނިންމާކަށް އަޔާންއަކަށް ނޭގެ އެވެ. މަންމަ ދެކިލުމަށް ހިތް އެދޭއެދުން އެހެން މީހަކަށް ބުނެދިޔަސް އިހްސާސްނުކުރެވޭނެކަން އަޔާންއަށް އެގެ އެވެ. އަމިއްލަ ސިކުނޑިން ވިސްނިޔަސް، ޖަވާބު ނުލިބޭ އެތައް ސުވާލެއް ހިތުގައި ބޮނޑިވެއްޖެ އެވެ. ލިބުނު ޗުއްޓީއަކީ މިކަންކަމަށް ވިސްނަން އޮތް ވަގުތުތަކެއް ނޫންކަންވެސް އަޔާންއަށް އިގެ އެވެ. އެއިން ކޮންމެ ސިކުންތެއްގެ ހައްގުވެރިޔަކީ ހަމައެކަނި މަންމަ އެވެ.

ކަން މިކުރެވެނީ އެންމެ ރަގަޅަށް ހެއްޔެވެ؟ 

އަމީރާގެ މަންމައާއި ބައްޕައަކީ އަޔާންއަށް ކޮން ބައެއް ހެއްޔެވެ؟ 

ދުވަހެއްގައިވެސް ގުޅުމެއް ނެތްބަޔަކު ދެއަހަރެއްހާ ދުވަހުގެ ތެރޭގައި 'އާއިލީ ކުލުނު'ޖެހުނީ ކީއްވެހެއްޔެވެ؟ 

އަޔާންއާއި އަމީރާއާއި ދެމެދުއުފެދިފައިވާ ގުޅުމަކީ "ހަމައެކަނި އެކުވެރިކަން" ހެއްޔެވެ؟

މިހާތަނަށް މަންމަ ގާތުގައި ނުވަތަ ބޮޑުދައިތައާއި އަންކަލްގާތުގައި އަމީރާގެ އާއިލާގެ ވާހަކަ ކިޔައިދޭން އަޔާންއަށް ފަސްޖެހެވުނީ ކީއްވެހެއްޔެވެ؟

ކުއްލިޔަކަށް  މަންމަގެ ކުރިމައްޗަށް ނުވަތަ އަޔާންގެ އާއިލާގެ ކުރިމައްޗަށް އެހެން ބަޔަކު ގެންދިއުމަކީ އެންމެ ރަގަޅުގޮތަކަމަށްވެދާނެ ބާއެވެ؟

އާއިލާގެ ސުވާލުތަކަށް، އަޔާން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

އެހެން ބައެއްގެ މިފަދަ ބޮޑު އެހީއެއް ލިބިގަތުމަށް އަޔާން ތައްޔާރު ހެއްޔެވެ؟

ރަށަށް ދާއިރު ހަގީގަތުގައިވެސް ވަރަށްބޮޑަށް މަންމަ ބަލިކަމަށްވަންޏާ ދެންވާނީ ކިހިނެއް ހެއްޔެވެ؟

ޗުއްޓީއަށް އެދުނީ ފަނަރަ ދުވަހަށެވެ. އެ މުއްދަތުގައި ނާދެވިއްޖެނަމަ، މަންމައާއި އަޔާންގެ ހުވަފެންތަކަށް ދެންވާނީ ކިހިނެއް ހެއްޔެވެ؟ 

ރަށަށް ދިއުމަށްފަހު، މަންމަގެ ފަރުވާއަށް އަޔާން މާލެބަދަލުވާން ޖެހިއްޖެނަމަ، އަޔާންގެ މުސްތަގުބަލަށްވާނީ ކިހިނެއް ހެއްޔެވެ؟

ހުރިހައި ކަމަކަށްވުރެން ބޮޑު ސުވާލަކީ އަމީރާއާއި މުޅިންވަކީން ދިރިއުޅެން ޖެހިއްޖެނަމަ، ދެން ވާނީ ކިހިނެއްތޯ؟

އަމީރާއަކީ އަޔާންގެ ކާކު ހެއްޔެވެ؟ އަޔާންއަކީ އަމީރާގެ ކާކު ހެއްޔެވެ؟ އެދެމެދުގައި ވަނީ އެކުވެރިކަމުގެ އިހްސާސް ހެއްޔެވެ؟ އެހެން އެކުވެރިންނާއިމެދު މިފަދަ ބާރުގަދަ ޝުއޫރެއް ނުހިނގަނީ ކީއްވެ ހެއްޔެވެ؟

އެންމެ ސުވާލަކަށްވެސް ޖަވާބެއް ނުލިބުނެވެ. ވިސްނާ ވިސްނާ ބޯ ހަލާކުވެއްޖެ އެވެ. 

"އަޔާން.." ދާދި ގާތުން ގޮވާލިހެން ހީވެގެން އިސްއުފުލައި އަޔާން ބަލައިލި އެވެ.

ދެބުމަ ގާތްކޮށްލާފައި ދެ ލޯ ކުޑަކޮށްލާފައިވެސް އަޔާން ބަލައިލި އެވެ. ހަރަކާތެއް ނެތިފައި އަޔާންއަށް އިނދެވުނީ އެހެން  ދުނިޔެއެއްގަ އެވެ. ދާދި ގާތުގައި ހުރެގެން އަމީރާ އަޔާންއަށް ދެތިންފަހަރު ގޮވައިލުމުންވެސް ހިލަމެއްނުވީތީ އަމީރާ ކަންބޮޑުވި އެވެ. 

"އަޔާން... ބޭބީ.. އޯލް އޯކޭ..؟" އިށީންދެގެން އިން އަޔާންއާއި އެއްހަމައަކަށް ކަނދުރާ ތިރިކޮށްލުމމަށްފަހު އަޔާންގެ މޫނުގެ ދެފަރާތުގައި މަޑުމަޑުން ހިފަހަށްޓާލާފައި އަމީރާގެ މޫނާއި ސީދާކޮށްލި އެވެ.

ކަންބޮޑުވުމާއެކު ތަފާތު ނަޒަރަކުން އަމީރާއަށް ބަލައިލެވުނީ އަޔާންގެ މޫނުމަތީން އެއްވެސް އަސަރެއް ފާހަގަކުރާން އޭނާއަށް ނޭގުނީތީ އެވެ. އަޔާންގެ މޫނަކީ ނުވަތަ ހަމައެކަނި އަޔާންގެ ލޮލަކީވެސް އަމީރާއަށް ހުޅުވިފައިވާ ސަފްހާތަކެކެވެ. އެ އާމަންޑް ބައްޓަމުގެ ރީތި ދެލޮލާއި އެ ފިރިހެންވަންތަ މޫނުން ކޮންމެ އިހްސާސެއް އަމީރާއަށް، މޫނުބަލާ ލޯގަނޑެއްފަދަ ސާފުކޮށް ފެނެ އެވެ. ނަމަވެސް މިވަގުތު އަމީރާ ބިރުގަތްފި އެވެ. ފުރަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް އަޔާންއަށް މިވީ ކީއްހެއްޔެވެ؟

"ވަޓްސް ރޯންގް މައި ލަވް..؟ އަޔާން..!؟" ފިކުރުބޮޑުވެފައި އަމީރާ ސުވާލުކޮށްލީ ނުހަނު މަޑުމަޑުންނެވެ. ނަމަވެސް އަޔާންގެ އިޝާރާތެއް ނެތެވެ. އެސްފިޔަވެސް ތަޅުވައިނުލި އެވެ.

ދެން ފާއިތުވި ހިނދުކޮޅުގައި ދެމީހުންގެ ފައިދަށުން ބިންގަނޑު ދެމިގަތްފަދަ އެވެ. އެކަކުގެ ދެ ލޯ ބޮޑުވެ ހަށިގަނޑުގެ ލޭހިނގުން ހުއްޓުނެވެ. އަނެކަކުގެ އެސްފިޔަތައް ލެއްޕި، ލޯބީގެ ވައިރޯޅިއާއެކު ޕާކުގެ މާމެލާމެލީގެ ދާނެއްގައި އުދުހެނީ އެވެ. އެވަގުތު އަމީރާކުރީ އޭނާއަށް ކުރަންފެނުނު އެންމެ މުހިއްމު ކަންތަކެވެ. އެއީ އެންމެ ރަގަޅު ވަގުތައް ނުވެދާނެ އެވެ. ހަރަކާތެއް ނެތަސް، އަޔާންގެ މުޅި ހަށިގަނޑަށް ހުއްޓުން އައިކަން އަމީރާއަށް އެނގުނެވެ. އަޔާންގެ އެއްވެސް ހަރަކާތެއް ނެތެވެ. އަމީރާއާއި ދުރަށްޖެހުން ނުވަތަ ހާލަތުން އެކަހެރިވުމަށްވެސް މަސައްކަތެއް ނުކުރި އެވެ. އަމީރާގެ ހަރަކާތް ހަލުވިކުރި އެވެ. ތިރީ ތުންފަތުގައި މަޑުމަޑުން ދަތްއެޅީ މިއީ ހުވަފެނެއް ނޫންކަން އަޔާންއަށް ސާބިތުކޮށްދިނުމަށެވެ. އެފަދަ ބާރަކާއި ހިތްވަރެއް ލިބުނީ ކިހިނެއްކަން އަމީރާއަށްވެސް ނޭގެ އެވެ. އަންދާޒާކޮށްލާންވެސް ނޭގޭ ބާރުމިނެއްގައި ހިތް ތެޅެމުންދިޔައަޑު ބައިވެރިޔާގެ ކަންފަތަށް އިވޭނެކަން އަމީރާއަށް ޔަގީނެވެ. އަޔާންގެ ހަރަކާތެއް ނެތުމުން މާޔޫސްކަން ލިބުނަސް، ފަހަތައް ޖެހޭކަށް މިވަގުތު އަމީރާ ބޭނުމެއް ނޫނެވެ. ލިބެމުންދިޔައީ މުޅިން ތަފާތު އަރާމެކެވެ. 

ވިއްސާރަކޯޓުގެ ހުޑު އަޔާންގެ ކަނދުރާއަށް އަމީރާ ވައްޓާލި އެވެ. ފަށުވިކޮޅެއްފަދަ މަޑުމަޑު އިސްތަށިގަނޑުގެ ތެރެއަށް އަމީރާގެ އަތުގެ އިނގިލިތައް ވަދެގެން ދިޔައީ، ވަގުތާއި މާހައުލުގެ ސަބަބަކުން ނޫނެވެ. ނަމަވެސް ހިތާއި ހަށިގަނޑާއި، ކޮންމެ ގުނަވަނަކާއި ގުޅިފައިވާ ހިމަހިމަ ލޭނާރުވެސް މިވަގުތަށް ހުއްޓިފައި ވާތީ އެވެ. ކުއްލިޔަކަށް އަޔާންއަށް ދިރުން ލިބެމުންދިޔަކަށް އަމީރާއަށް އިހްސާސްވާން ފަށައިފި އެވެ.

އިވެމުންދިޔަ ގުދުތަރީ މިއުޒިކާއެކު ދެ ތުންފަތުގެ ހަރަކާތް ހުއްޓުވުމުގެ ބާރެއް ދެހިތުގައިވެސް ނެތެވެ. ލިބުނު ޝޮކްގައި ބޮޑުކޮށްލެވުނު ދެލޮލުގެ އެސްފިޔަތައް މެރެމުންދިޔައިރު އަޔާންގެ ދެއަތް އުފުލާލެވިއްޖެ އެވެ. އަމީރާގެ މަހްމާކޮޅެއްފަދަ މަޑުމަޑު އިސްތަށިގަނޑާއެކު ކަނާތު ކަންފަތްކައިރިން އަތުގެ އިނގިލިތައް ބީއްސާލިއިރު ވާއަތް އޮތީ އަމީރާގެ އުނގަނޑުގަ އެވެ. ބާރުގަދަ އަތުން އަމީރާގެ ހަށިގަނޑު ގެނެސް ފިއްތާލި އެވެ. ލިބެމުންދިޔަ ފޮނިއަރާމާއި ލައްޒަތުގައި އެކަކަށްވުރެން ކުރި ހޯދަން އަނެކަކު މަސަތްކުރި އެވެ. ތަޖުރިބާގެ ޒައްރެއްގެ މިންވަރު ދެމީހުންގެ ކިބައިގައިނެތަސް، މުޅިންއަލަށް ކުރެވެމުންދިޔަ އިހްސާސްތައް ދުލަކުން ނުވަތަ ގަލަމަކުން ބަޔާންނުކުރެވޭނެ އެވެ. ފެންނަމުންދިޔައީ ދެއަހަރުގެ ތަޖުރިބާއިންވެސް ނުލިބޭނެ އުފާވެރިކަމެވެ. ލޯތްބަށްޓަކައި ކެތްތެރިކަން ކުޑަވެފައިވާ މިންވަރެއް ހާމަކުރުމުގެ ބޭނުމެއް ނެތެވެ. ދެ ހިތް، އެއް މަންޒިލެއްގައި ވާކަން ކަށަވަރެވެ.

އިށީންދެ އިން ގޮނޑިން ތެދުވެވުނުކަން އެނގުނު އެކަކުވެސް ނެތެވެ. އަޔާންގެ ބާރުގެ ދަށަށް އަމީރާ ގެނެވުނުއިރެއްވެސް ނޭގެ އެވެ. ދެތުންފަތުގެ ހަރަކާތާއެކު ލޯބީގެ ލައްޒަތުން ދެހިތް ނަށަނީ އެވެ. ލޯބީގެ ފޮނިމީރުކަމަކީ އެއީކަމަށްވާނަމަ ހަޔާތުގައި ފުރަތަމަފަހަރަށް އެ ރަހަ، އެކަކު އަނެކެއްގެ ކިބައިން  ލިބިގަންނަނީ އެވެ. 

ވެހެމުންދިޔަ ތުނިތުނި ވާރޭގެ ހިމަފޮދު ތިކިވެސް އެދެމެދުން ފޭދިގެންދާނެ ޖާގައެއްނެތި ދެހަށިގަނޑު އެކުވެފައިވި އެވެ. ވިއްސަކަށް މިނެޓްފަހުން ދެމީހުންގެ މޫނު ދުރަށްޖައްސާލެވުނީ ނޭވާލުމަށް އޮކްސިޖަން ނުލިބުމުން އަމީރާ ހާސްވާ، މާނޭވާލެވެން ފެށުމުންނެވެ.

"އައި ލަވް ޔޫ ބޭބީ.. އައި ލަވް ޔޫ ސޯ މަޗް.. އައި ލަވް ޔޫ!" ނުހަނު ލޯތްބާއެކު އަމީރާ ބުނެލި އެވެ. ދެމީހުންގެ ތުންފަތް އެކަކު އަނެކަކާއި ވަކިވިގަތު އަޔާންގެ އަތުގެތެރޭގައި އަމީރާ ގެނެސް ބޮނޑިކޮށްލި އެވެ. 

"އައި ލަވް ޔޫ މޯ... ޑާލިންގ! އައި ލަވް ޔޫ ސޯ މަޗް..! ޔޫ އަރ މައި ޕްރިންސެސް..! އައި ލަވް ޔޫ..!" ވާރޭގެ ފިނިކަމުގައި ދެ ހަށިގަނޑުން ހޫނުކަން ހޯދަން މަސައްކަތްކުރަމުންދިޔައީ އިހްތިޔާރުން ބޭރުންނެވެ. ލޯބީގެ އެންމެ ލޮބުވެތި ބަސްތަކުން އެކަކު އަނެކަކަށް އެދޭމިންވަރު އިހްސާސްކޮށްދެމުން ދިޔަ އެވެ. 

"އޯހހހ ފްރީކ...." ވާނުވާ އެނގުނީ ގަހުން ވެއްޓުނު ފަތެއް އަޔާން ގައިގައި ޖެހުމުންނެވެ. އަވަސް އަވަހަށް ލައިގެންހުރި ވިއްސާރަކޯޓް ބާލާފައި  އަމީރާ ލެއްވި އެވެ. 

"ކީއްވެ ތެމުނީ...؟ ކިތަށްފަހަރު ޕްރިންސެސްގާތު ބުނިން ވާރެއާއި ނުތެމެއްޗޭ.." އަޔާންގެ އާންމުއުސޫލުން އަމީރާއަށް ބަސްތައް ބުނަމުންދިޔައީ ކަންބޮޑުވުމާއި ހާސްކަމާއެކު އެވެ.

ދާދިދެންމެ ހިނގާދިޔަކަންކަން އަޔާންގެ ހަނދާނުން ފިލައިދިޔަހެން ހީވުމުން އަމީރާއަށް އަޔާންގެ މޫނަށް ބަލައިލީ ހައިރާންކަމާއެކު އެވެ. ހަޔާތުގެ އެންމެ ލޮބުވެތި ވަގުތުކޮޅަށްވުރެން، އަމީރާ ވާރެއާއި ތެމިގެން ހުރީތީ އަޔާންއަށް އެކަން މާބޮޑުވެއްޖެ އެވެ.

"ވަޓް ބޭބީ...؟ ކޯންޗެއް ތި ބަލަނީ..؟ ވާރެއާއި ތެމުން މަނާކޮށްފައި އޮއްވައި މިތަނަށް އައީ ކީއްވެ؟ ކޯޓްނުލައި ބޭރަށް ނިކުތީ ކީއްވެ..؟" އަޔާންގެ ސުވާލާއެކު އަނެއްކާވެސް އަމީރާ ތަކުރާރުކޮށްލީ ކުރީގެ ހަރަކާތެވެ. 

އިތުރު އެންމެ އަކުރެއްގައި ފިއްޔެއް ޖަހަންވެސް އަޔާންއަށް ފުރުސަތެއް ނުލިބުނެވެ. ދެ ތުންފަތުގެ ހަރަކާތް ކުރިއަށްވުރެން ވާ އަވަހެވެ. އެކަކަށްވުރެން އަނެކަކު ލޯބީގެ ރޭހުގައި ކުރިއަރަން މަސައްކަތްކުރި އެވެ. 

"އައުޗް..!!!!!" ކުއްލިޔަކަށް އަމީރާ އަޔާންގެ ތުންފަތުގައި ދަތްއެޅިލެއް ބާރުކަމުން، އުނދަގުލުން އަޔާން ބުނެލިއަޑު އިވުނެވެ. 

ދެވަނަ ފަހަރުވެސް އަމީރާ ދަތް އަޅައިފި އެވެ. އަދި ކުރިއަށްވުރެން ބާރަށް އަޔާންގެ ކަނދުރާގައި އަމީރާ ބައްދާލި އެވެ.  ވާނުވާ އަޔާންއަށް ރޭކާލީ އެހިސާބުންނެވެ. ކުއްލިޔަކަށް އަމީރާގެ އުނގަނޑުން އަތް ނައްޓުވާލާފައި ބުރަކަށީގައި ފިރުމާލި އެވެ. ތުންފަތުގެ ހަރަކާތް އަޔާން ހުއްޓާލުމުން އަމީރާ ހައިރާންވެފައި ބަލައިލި އެވެ. ސާފު ލޯތްބާއި އިހްތިރާމުން ހިތް ތަޅުވައިލި އެވެ.

"ޕްރިންސެސް..!!!؟؟؟" އަޔާންގެ ސުވާލާއި މޫނުމަތީން އަމީރާ ބޭނުންވި އިހްސާސް ފެނިއްޖެ އެވެ.

"ފައިނަލީ...!!! ފައިނަލީ..!!" އަޔާންގެ މޫނަށް ބަލައިލާފައި އަމީރާގެ ނަޒަރު ހުއްޓާލީ އަޔާންގެ ތުންފަތަށެވެ.

އޭރުވެސް ކޮންމެވެސް ވަރަކަށް ލޭ ހުއްޓެވެ. ލާނެއް ހިނިތުންވުމަކާއެކު އަޔާން ބަލައިލީ އަމީރާގެ ތުންފަތާއި އިޝްގީ ލޮލަށެވެ. 

"ފިނިފިނި ހަވީރެއްގައި، ލަންޑަންގެ ބޮޑު އާންމު ޕާކެއްގެތެރޭގައި ލޯބިލޯބި އަންހެން ކުއްޖަކު ޕްރޮޕޯސްކުރީމައިވެސް ވާނުވާ ނޭގިފައި ހުރީމައި ދަތްވެސް އަޅާނެ ދޯ.."

ލާނެއް ރާގެއްގައި އަމީރާ ބުނެލިއިރު ތުނިތުނި މޫނުގައިވަނީ ފިނިފެންމަލުގެ ފިޔާތޮށިކުލަ އެވެ. ދެމީހުންގެ ދެމެދު ނިއްކުރިއާއި ކޮލުގައި އަދި އަތްތިލާގައި ކިސްކުރުމަކީ އާންމުކަމެކެވެ. ނަމަވެސް ހަގީގީ މާނައިގައި ލޯބިވެރިން ފަދައިނން 'ކިސް'ކުރި މިއީ ފުރަތަމަ ފަހަރެވެ. 

"އޯހް... ޕްރޮޕޯސް... ވައޮ... ޕްރޮޕޯސް..!! އިޒް ދެޓް ސޯ.. ޕްރިންސެސް..؟؟" ސަމާސާކޮށްލުމަށް އަޔާން އާންމުކޮށް ބޭނުންކުރާ ކުދިކުދި އުކުޅުތައް ބޭނުންކޮށްލި އެވެ. އަޔާންގެ މޭގައި މަޑުމަޑުން އަމީރާ ޖަހައިލީ ލަދުނުގެންނެވުމަށް އެދެމުންނެވެ.

"ބައި ދަ ވޭ... ޕްރިންސެސް...! އައި އެމް ސޯ ޕްރައުޑް އޮފް ޔޫ..!" އަޔާންގެ އަތުގެ ތެރޭގައި އަމީރާ ހައްޔަރުކޮށްލަމުން ބުންޏެވެ. 

"އައި ލަވް ޔޫ ސޯ މަޗް...! ކިތަންމެ ދުވަހަކު ބުނަން ބޭނުންވެގެން އެކަމަށް ޓްރައި ކުރިން.. އެކަމަކކު ދުވަހަކުވެސް ނުކެރޭ.. ހިތައް އަރަނީ އަންހެން ކުއްޖަކު އިސްނެގުމަކީ ހަޑިކަމެކޭ..! ނޫނީ އަޔާންގެ އިހްސާސްތައް އެހެން ގޮތަކަށް ހުރެދާނެޔޭ.. އިސްވެ އެވާހަކަ ދައްކަން ނުކެރިފަ ހުރީ.. އެކަމަކު މިއަދު ހަމަ ކޮންޓްރޯލެއް ނުކުރެވުނު.! ނޭގުނު ވީގޮތެއް!" އަޔާންގެ މޭގައި ބޮނޑިވެލަމުން އަމީރާ ވާހަކަދެއްކި އެވެ. 

"ވަރަށް ރަގަޅު..! ލޯތްބަކީ ހަމައެކަނި ފިރިހެންކުދިން ހުށަހަޅަންޖެހޭ އެއްޗެއް ނޫނޭ..! އައެމް ސޯ ޕްރައުޑް އޮފް ޔޫ ބޭބީ..! އައި ލަވް ޔޫ ސޯ ސޯ މަޗް.. ނައު ޔޫ ކާންޓް ސްޓޮޕް މީ ޑުއިން ދިޒް.." ބިމުން މައްޗަށް އަމީރާ އުފުލާލަމުން އަމީރާގެ ތުންފަތުގެ ހޫނުކަން އަޔާން ލިބިގަތެވެ.

މާމުތުގެ ދާނުގައި ކޮންމެ އިންޗިއެއް އަދި ކޮންމެ ކަނެއްގެ ރަހަ އަޔާން ލިބިގަތެވެ. އަޔާންގެ އުނަގަނޑުގައި ދެފައި ތަގުޅިކޮށްލައި، ލޯބިގަދަކޮށްލިވަގުތު ދާދި ގާތުން ބަޔަކު ކަރުކެހެލި އަޑު އިވުމުން ދެމީހުން އެކުގައި ބަލައިލި އެވެ. 

-ނުނިމޭ-

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް