ޒަމީރު އެގޮތަށް ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރެއްގައި މިއަދު ހަވީރު ރާއްޖެ ވަޑައިގަތުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މި ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް ރާއްޖެ ވަޑައިގެންނެވި ޖައިޝަންކަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިއީ ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވި ހަތަރު ވަނަ ފަހަރެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާގެ ސަރުކާރުގެ އިސް ވަޒީރަކު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވި ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
މި ދަތުރުގައި ރާއްޖެއާއި އިންޑިއާ ދެމެދު އެއްބަަސްވުންތަކުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އަދި މި ދަތުރުގައި އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާލައްވަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޒަމީރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މިއީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިވަމުންދާކަން ރަމްޒުކޮށްދޭނެ ދަތުރަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.