ads
އިންޑިއާގެ އެހީގައި ނިންމާފައިވާ މަޝްރޫތަކެއް އިފްތިތާހުކުރުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އިންޑިއާގެ އެހީގައި ނިމިފައިވާ މަޝްރޫއުތައް އިފްތިތާހުކޮށްފި
އިންޑިއާގެ އެކްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން ނިމިފައިވާ މަޝްރޫއުތަކެއް އިފްތިތާހުކޮށްފި އެވެ.
Advertisement

މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. 

މި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރީ ފޮރިން މިނިސްޓްރީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި މަޝްރޫއުތައް ރަސްމީކޮށް ހުޅުވާދެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ނިމުން ފާހަގަކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއުތަކުގެ އެވެ. އެއީ: 

* އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި މެންޓަލް ހެލްތު ޔުނިޓް
* ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ
* ތިނަދޫ ސިޓީ އަބޫބަކުރު ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
* ލ. އިހައްދޫ ސްކޫލްގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
* ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި ގާއިމު ކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް
* ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި ކުރިއަށްގެންދިޔަ މަގުބައްތި ހަރުކުރުމުގެ މަޝްރޫއު

މީގެއިތުރުން، މި ރަސްމިއްޔާތުގައި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނާ ދެމެދުވި އެއްބަސްވުމަކާއި ސިވިލް ސާވިސް ކޮމިޝަނުގެ 1،000 މުވައްޒަފަކު ތަމްރީނުކުރުމަށް، އެ ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދުވި އެއްބަސްވުމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ ރާއްޖެއާ ގާތް ގުޅުމެއް ބާއްވައި، އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއިން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ދަތުރެއްގައި ވެސް ކަމާ ގުޅޭ އެކި އިދާރާތަކާ ބައްދަލުކުރައްވައި، އެހީ ބޭނުންވާ މުހިއްމު ދާއިރާތައް ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.

"މި ދަތުރުގައި ވެސް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ އޮފިޝަލުންނާ ވެސް ބައްދަލުކުރައްވައި، އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެ.." ޖައިޝަންކަރު ވިދާޅުވި އެވެ.

ޒަމީރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. މިއީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިވަމުންދާކަން ރަމްޒުކޮށްދޭނެ ދަތުރަކަށް ވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

ތިން ދުވަހަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާ ބައްދަލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޖައިޝަންކަރުގެ މި ދަތުރުގައި މާލެ އާއި އައްޑޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް