ads
ރާއްޖެ އާއި އިންޑިއާ އިން މިރޭ ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެއަކީ ހާއްސަ އިސްކަމެއްދޭ ގައުމެއް، އޮތީ އޮމާން ގުޅުމެއް: ޖައިޝަންކަރު
އިންޑިއާއަކީ އަވަށްޓެރިންނަށާއި ޕާޓްނަރުންނާއި އެކުވެރިންނަށް ސުލްހައިގެ ބާރެއްކަމަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކުގެ ތެރެއިން ރާއްޖެއަކީ ހާއްސަ އިސްކަމެއް ދޭ ގައުމެއްކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، އަނެއްކާވެސް ރާއްޖެ އަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާތީ، މިއީ ދެ ގައުމުން ގުޅިގެން ހާސިލް ކޮށްފައިވާ ކަންކަން ރަނގަޅަށް ބަލައިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަވަށްޓެރި ގައުމުތައް މުހިއްމު ކަމަށާއި އޭގެ ތެރެއިން ރާއްޖެ މުހިއްމު ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ރާއްޖެއާ އެކު ގާއިމުކުރެވިފައިވަނީ ވަރަށް ދުވަސްވީ، ތާރީހީ ގުޅުމެއްކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ކަމާބެހޭ އެކި އިދާރާތަކާ ބައްދަލު ކުރައްވައި، އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،" އޭނާ ވިދާޅުވި އެވެ.

މި ދަތުރުފުޅަކީ ދެ ގައުމަށް އެކުގައި ހާސިލްކުރެވުނު ކަންކަމަށް އަލިއަޅުވައިލައި ކުރިއަށް ހުރި ދުވަސްތަކުގައި ދެ ގައުމު އެކުގައި މަސައްކަތްކުރާނެ ގޮތް ރާވައި މަޝްވަރާކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

އޭނާ ވަނީ ރާއްޖެއަކީ އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީގެ އެންމެ މުހިންމު އެއް ތަނބު ކަމަށް ވިދާޅުވެފަ އެވެ.

މިދަތުރުފުޅުގެ ތެރެއިން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް