އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ރައިސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހި ރައްޔިތުން އިންޑިއާ ރައްޔިތުންނާ އެކު އޮންނަ ގާތް އަދި ތާރީހީ ގުޅުމުގެ އަގު ވަޒަންކުރާކަމަށާއި އެ ގުޅުން ދެމެހެއްޓުމާ ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެކަަމަށެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައިވާ ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ރައީސްގެ ވާހަކަގައިވަނީ ދެއްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ގާއިމުކުރި ފެނާއި ނަރުދާމާގެ 28 މަޝްރޫއެއް ނިންމާ ސަރުކާރާއި ހަވާލުކޮށްފައެވެ، މި މަޝްރޫއުތަކީ 2019 ވަނަ އަހަރު އެ ގައުމުގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދިޔަ މަޝްރޫއުތަކެވެ،
މި މަޝްރޫއުތަކަށް އަލި އަޅުއްވާލައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މި މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބި، ރާއްޖޭގެ އިގްތިސާދުތަކަށް ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިންޑިއާއިން ދޭ އެހީތެރިކަން ރައީސްް ވަނީ ފާހަގަކުރައްވާފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިއަދު ވަނީ ބައްދަލުކުރައްވާފައެވެ.
3 ދުވަހަށްް ޖައިޝަންކަރު ކުރައްވާ މި ރަސްމީ ދަތުރުގައި އިންޑިއާއިން ލޯނު އެހީގައި ކުރިއަށް ގެންދާ ތިލަމާލެ ބްރިޖްގެ މަސައްކަތްތައްތައް ކުރިޔަށްދާ ގޮތް ބައްލަވައިލައްވާލައްވަން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އައްޑޫ ސިޓީއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.