ގިނަ ބަޔަކަށް މިހާރު ކަމުގޮސްފައިވާ "ސާޔާ" އަކީ ފަޅުރަށަކަށް ހަނީމޫނަށްދާ ދެމަފިރިއަކަށް ކުރިމަތިލާން ޖެހޭ ބިރުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. މީގެ ދެ ޓްރެއިލާއެއް ވެސް އާންމުކޮށްފައިވާ އިރު، މިއީ ބިރުވެރި ލޯބީގެ ފިލްމުތަކަށް ލޯބިކުރާ މީހުން ބޭނުންވާނެ ގިނަ ރަހަތަކެއް އެކުލެވޭނެ ފިލްމެއްކަން ޓްރެއިލާތަކުން ދައްކުވައި ދެ އެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ރެއާ ހަމައަށް އޮލިމްޕަހު ގައި ދައްކާ "ސާޔާ" ގެ ލީޑްގައި ހިމެނެނީ ޔޫއްޕެ އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން އިބްރާހީމް ޖިހާދު (ޖިމީ) އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ނިމާލު އަދި މުހައްމަދު މަނިކު ފަދަ ފަންނާނުން ވެސް ހިމެނެ އެވެ.
މި މަހުގެ 15 ވަނަ ދުވަހު ދެ ސަރަހައްދެއްގައި ސާޔާ އެޅުވުމަށް ވަނީ ތާވަލު ކުރެވިފަ އެވެ. މި ފިލްމު އެންމެ ފުރަތަމަ އަޅުވާނީ ހދ. ކުޅުދުއްފުށި އަދި އދ. ދަނގެތީގަ އެވެ. މި ޝޯތަކަށް މިހާރު އަންނަނީ ޓިކެޓުތައް ވިއްކަމުންނެވެ.
މި އަހަރު އޮލިމްޕަހުގައި އެޅުވި ހަ ވަނަ ދިވެހި ފިލްމު "ސާޔާ" އަކީ ވަރަށް ގިނަ ހާދިސާތަކެއްގެ މައްޗަށް އެކުލެވޭ ތަފާތު ގިނަ އިހުސާސްތައް އެކުލެވޭ މޮޅު ފިލްމެކެވެ. ލޯބްތާއި ރުޅިވެރިކަމާއި ނަފްރަތާއި ބިރުވެރިކަމާއި ނަމާންކަމާއި ހިތާމައާ ހިތްދަތިކަމުގެ އިހުސާސު ކުރެވޭނެ އެވެ.
ފިލްމުގެ ސްކްރީންޕްލޭ ލިޔެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ވެސް ޔޫއްޕެ އެވެ. ކެމެރާކުރީ ޝިމާޒް އަބްދުﷲ (މާސްކޭ) އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ.
ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ "ޝައި" ޕްރޮޑަކްޝަން އިން އަލަށް ގެނެސްދޭ "ސާޔާ" އަކީ މި އަހަރު އޮލިމްޕަހުގައި އެޅުވި ދެވަނަ ބިރުވެރި ފިލްމެވެ. މި އަހަރު އެޅުވި ފުރަތަމަ ބިރުވެރި ފިލްމަކީ އައި ފިލްމްސް އިން ފެބްރުއަރީގައި ގެނެސްދިން "ކަންބަޅި" އެވެ.