ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވަނީ މިހާރު ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި މިސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
އާ މަޝްރޫއުތައް ނުފައްޓާތީ އިދިކޮޅު ބައެއް ފަރާތްތަކުން ފާޑު ވެސް ކިޔަމުން އަންނަ ދަނޑިވަޅެއްގައި އަމާޒުވި ސުވާލަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވަރަށް ގިނަ މަޝްރޫއުތަކެއް ހުރީ ފަށާފައި ހުއްޓިފައި ކަމަށެވެ.
އެހެންވެ، އެންމެ މުހިންމު ކަމަކީ އެ މަޝްރޫއުތަކަށް ގޮތެއް ހޯދައިދީ، ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ނަމަވެސް، ގައުމުގެ އިގުތިސޯދީ ހާލަތު ގޯސްވެ ރަށްރަށުގައި ފެށިފައި ހުރި ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ވަނީ މަޑުޖެހިފަ އެވެ. އަލަށް މަޝްރޫއެއް، ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެއްވެސް ރަށެއްގައި ފެށިފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ބޭނުންވާ ކަންކަން ކުރިއަށްގެންދިއުމަށް ކަމަށެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެ ވަޑައިގެންނެވި ފަދައިން، މި މަޝްރޫއުއަކީ ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދި އެދި ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.
އެ މަޝްރޫއުގެ ތަފްސީލު ދެއްވަމުން، ރައީސް ވިދާޅުވި ގޮތުގައި، އެ ފަޅުން 1،153 ހެކްޓަރުގެ ބިން މެދުނުކެނޑި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެ އެވެ. އޭރަށް، ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ އެތަނުން ލިބޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހާމަކުރައްވާފައިވާ ފަދައިން، ފުށިދިއްގަރުފަޅުގައި ގޯއްޗާއި ފްލެޓު ހިމެނޭ ގޮތަށް 65،000 ހައުސިން ޔުނިޓު ގާއިމުކުރެވޭނެ އެވެ.
އަދި ރަސްމާލެ ތަރައްގީވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސޭފް އަދި އީކޯ ސިޓީއެއްގެ ގޮތުގައި ކަން ވެސް އެ މަނިކުފާނު މިއަދު ހާމަކުރެއްވި އެވެ.
މާލެ ސަރަހައްދާ އެކު އެ މަނިކުފާނު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަން ސެންޓަރުތަކުގެ ގޮތުގައި ސަރަހައްދުތަކެއް ތަރައްގީ ކުރައްވާނީ، އެކަށީގެންވާ މިންވަރަށް ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތާއި ވަޒީފާގެ ފުރުސަތުތައް ލިބޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.