މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އޭނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ޝަމީމު ޕީޖީ ކަމުން ޝަމީމު ވަކިކުރަން އެދޭ އަށް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.
ޝަމީމް ވަކި ކުރުމަށް ހުށަހަޅާފައިވާ އެއް ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ދައުވާގެ މައްސަލައާއި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލަ ފައިލް ކުރުމެވެ.
އޭގެ އިތުރުން، "ސަފާރީ ރޭޕް ކޭސް" ގެ މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމި ނިންމުމާއި، ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ދައުވާކުރި މައްސަލަ އަނބުރާ ގެނައިކަންވެސް ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ބަނގުރާ ބުއިމާ ގުޅޭ ގިނަ މައްސަލަތަކެއްވެސް އަނބުރާ ގެނެސްފައިވާ ކަމަށާއި، ޝަމީމް ބަނގުރާފުޅިއެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.
އަދި ޕީޖީ އޮފީހުގެ ވަކީލަކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ނުބެލުމަށް ޝަމީމް މަސައްކަތް ކުރެއްވި ކަމަށާއި، އަލަމްގިރި މައްސަލައިގައި ބައެއް މީހުންނަށް ދައުވާކޮށް ބައެއް މީހުންނަށް ދައުވާ ނުކުރުމާއި، ވެންޓިލޭޓަރު މައްސަލައިގައިވެސް އެގޮތަށް ކަން ހިންގާފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރަށް ޝާހިދު ފާހަގަކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރައްވަމުންނެވެ. އެގޮތުން ބޭރަށް ކުރާ ހުރިހާ ދަތުރުތަކުގައި ވަކި މުވައްޒަފުންތަކެއް ބައިވެރިކުރުމާއި ވަކި މުވައްޒަފުންތަކަކަށް ވަޒީފާގެ ކުރިއެރުން ދެއްުން ފަދަ ކަންކަމުގައި ތަފާތުކުރުންތަކެއް ގެންގުޅުއްވާ ކަމުގައި ޝާހިދު ތުހުމަތުމަތުކުރެއްވި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ޝަމީމް އައްޔަންކުރެއްވީ މިދިޔަ ސަރުކާރުގައި 8 ޑިސެމްބަރު 2019 ގައެވެ.