ads
ދިވެހި އެތްލީޓުން މާލެ އައުމަށްފަހު
އޮލިމްޕިކްސްއަށް ދިޔަ އެތްލީޓުން އެނބުރި އަތުވެއްޖެ
ޕެރިހުގައި ނިމިގެންދިޔަ އޮލިމްޕިކް ގޭމްސްއަށް ދިޔަ ދިވެހި ކޮންޓިންޖެންޓު ގޭމްސް ނިންމައި މިއަދު މާލެ އަތުވެއްޖެއެވެ.
Advertisement

މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރި ދިވެހި އެތްލީޓުންނަށް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ކުޅިވަރު ވަޒީރުއެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ފަސް އެތްލީޓުން ވާދަކުރިއެވެ.

ރާއްޖޭން މި ފަހަރުގެ އޮލިމްޕިކްސްގައި ބައިވެރިވި ކުޅިވަރުތަކަކީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ. މިއީ، 1988 ވަނަ އަހަރުން ފެށިގެން ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރަން ފެށި ފަހުން، އެންމެ ގިނަ ކުޅިވަރުން ބައިވެރިވި ފަހަރެވެ.

އޮލިމްޕިކްސްގައި ބައިވެރިވި ދިވެހި އެތްލީޓުން

ފާތިމަތު ނަބާހާ- ބެޑްމިންޓަން

ބެޑްމިންޓަންގައި ރާއްޖެ ތަމްސީލް ކުރި ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، ޕެރިހުގައި ދެ މެޗު ކުޅުނެވެ. އެއީ، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ އިންޑިޔާގެ ޕީވީ ސިންދުއާ ދެކޮޅަށް ކުޅުނު މެޗާ އެސްޓޯނިއާގެ އެއްވަނަ ކުޅުންތެރިޔާ ކްރިސްޓީން ކޫބާއާ ދެކޮޅަށް ކުޅުނު މެޗެވެ. މި ދެ މެޗުގައިވެސް ނަބާވަނީ ހިތްވަރު ގަދަ، މޮޅު ކުޅުމެއް ކުޅެފައެވެ.

ނަބާހާ އަކީ ވިދިވިދިގެން ދެވަނަ އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ބެޑްމިންޓަން އެތުލީޓެވެ.

އިބާދުﷲ އާދަމް-  އެތްލެޓިކްސް

އޮލިމްޕިކްސްގައި، ދުވުމުން ރާއްޖެ ތަމްސީލް ކުރި އިބާދުﷲ އާދަމް، 100 މީޓަރު ރޭހުން ޕަރސަނަލް ބެސްޓްވަނީ ޕެރިހުގައި އާކޮށްފައެވެ. ޕްރިލިމިނަރީ ހީޓުގައި އިބާދުﷲ އޭނާގެ އަމިއްލަ ރެކޯޑް އާކުރީ، 10.55 ސިކުން ރޭސް ނިންމައިގެންނެވެ.

މުހައްމަދު އާން ހުސައިން- ސްވިމިން

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ، އޮލިމްޕިކްސްގައި، ރާއްޖޭގެ ޒުވާން ފެތުންތެރިޔާ، މުހައްމަދު އާން ހުސެއިން 50 މީޓަރު ފްރީ ސްޓައިލް ގައުމީ ރެކޯޑްވަނީ މުގުރާލާފައެވެ. ފިރިހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު އާން އާކޮށްފައިވަނީ 00:24.22 އިން ރޭސް ނިންމައިގެންނެވެ.

ޢާއިޝަތު އުލްޔާ ޝާއިގް – ސްވިމިން

އޮލިމްޕިކްސްގައި ފެތުމުން ރާއްޖެ ތަމްސީލް ކުރި، އަންހެން އެތްލީޓު އާއިޝަތު އުލްޔާ ޝާއިޤްގެ ނަތީޖާ، އުއްމީދުކުރި ވަރަށް ވުރެ ކުޑަތަންކޮޅެއް ދަށެވެ. އުމުރުން 21 އަހަރުގައި، ރާއްޖޭގެ 50 މީޓަރު ރިކޯޑް އޮންނަ އުލްޔާ ރޭސް ނިންމީ، 29.39 ސިކުންތުންނެވެ.

ފާތިމަތު ދީމާ – ޓޭބަލް ޓެނިސް

ރާއްޖޭން ފުރަތަމަ ފަހަރަށް އޮލިމްޕިކްސްއަށް ކޮލިފައިވި، ފަހުރުވެރި އެތްލީޓް، ފާތިމަތު ދީމާ އޮލިމްޕިކްސްގައި ކުޅުނީ ޕޮލެންޑްގެ އެއްވަނަ ކުޅުންތެރިޔާ ވެގްޒީން ކަޓާޒީނާއާ ދެކޮޅަށެވެ. އުމުރުން 16 އަހަރު ދީމާ، އުމުރުން 23 އަހަރުގެ ކަޓާޒީނާ އަތުން ބަލިވީ ހަތަރު ސެޓުންނެވެ. އެއީ 5-11، 5-11، 2-11 އަދި 11-8 ންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް