މި ވާހަކަތައް ފެށިގެން އައީ ފާއިތުވި ޖުލައި މަހު އަމްބާނީ އާއިލާގެ ކައިވެންޏެއްގައި އަބިޝެކް އާއި އައިޝްވަރިޔާ ވަކިން ބައިވެރިވުމާ ގުޅިގެން ނެވެ. އަބިޝެކް އެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ އޭނާގެ މައިންބަފައިންނާއި އެހެނިހެން އާއިލާ މެންބަރުންނާ އެކުގަ އެވެ. އެހެން ނަމަވެސް އައިޝްވަރިޔާ ބައިވެރިވެފައިވަނީ އެކަނި، އެ ދެމަފިރިންގެ ދަރިފުޅު އާރާދިޔާ އާ އެކުގަ އެވެ.
މީގެ އިތުރުން، އަބިޝެކް އިންސްޓަގްރާމްގައި ވަރި އާ ގުޅުން ހުރި ޕޯސްޓަކަށް ލައިކް ކުރުމާއި، އޭނާގެ އެންމެ ފަހުގެ ޕޯސްޓްތަކުގައި ކޮމެންޓް ކުރުން ބަންދުކޮށްފައި ހުރުމުން މި ވާހަކަތައް އިތުރަށް ފެތުރިގެން ގޮސްފައިވެ އެވެ. ނަމަވެސް ފަހުން އޭނާ ނޫސްވެރިންނާ ވާހަކަ ދައްކަމުން މި ވާހަކަތަކަކީ ހަމައެކަނި ހެޑްލައިން ހޯދުމަށް ކުރާ މަސައްކަތްތަކެއް ކަމަށް ބުނެ، އޭނާގެ ކައިވެނީގެ އަނގޮޓި ވަނީ ދައްކާލާފަ އެވެ.
ގާތްގަނޑަކަށް މީގެ 17 އަހަރު ކުރިން، 2007 ވަނަ އަހަރު ކައިވެނި ކުރި މި ދެ ތަރިންގެ ފުރަތަމަ ދަރިފުޅު އާރާދިޔާ ލިބުނީ 2011 ވަނަ އަހަރު އެވެ. އެ ދެމަފިރިން ވަނީ ގިނަ ފިލްމުތަކެއްގައި އެއްކޮށް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ދާއީ އަކްޝަރް ޕްރެމް ކޭ'" "ދޫމް 2" "ގުރޫ"' އަދި "އުމްރާއޯ ޖާން" ފަދަ ފިލްމުތައް ހިމެނެ އެވެ.
އާންމުކޮށް އެކުގައި އާންމު ތަންތަނަށް ނުކުންނަ މި ދެމަފިރިން، ފަހަކަށް އައިސް އެކުގައި ފެންނަލެއް މަދުވެފައިވާކަން އިންޑިއާގެ ނޫސްތަކުން ފާހަގަ ކުރެ އެވެ. މިކަމަކީ ވެސް އެ ދެމަފިރިންގެ ގުޅުމަށް އަންނަމުންދާ ބަދަލުތަކެއްގެ ނިޝާނެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
ނަމަވެސް، މިހާތަނަށް އަބިޝެކް އަދި އައިޝްވަރިޔާ އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ. އަދި މި ވާހަކަތަކުގެ ތެދުދޮގު ސާފުކޮށްދީފައެއް ވެސް ނުވެ އެވެ. މީގެ ކުރިން ވެސް މި ދެމަފިރިންނާ ބެހޭ ގޮތުން މިފަދަ ވާހަކަތައް ފެތުރިފައިވާއިރު، އެ ދެމަފިރިން އިހްތިޔާރުކޮށްފައިވަނީ ހަނުހުރު މެވެ.
މި ދެމަފިރިންގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ ނުވަތަ ނޫންތޯ ސާފުކޮށް ދެވޭނީ ހަމައެކަނި އަބިޝެކް އަދި އައިޝްވަރިޔާ އަށެވެ. އެހެންކަމުން، މި ވާހަކަތަކުގެ ހަގީގަތް ހާމަވާނީ އެ ދެމަފިރިން އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ވާހަކަ ދައްކާ ދުވަހުން ނެވެ.
ބޮލީވުޑްގެ މި މަޝްހޫރު ދެ ތަރިންގެ ކައިވެނީގެ ގުޅުމާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބޭނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުން ނެވެ.