މި ފެންސު ވެއްޓިފައިވަނީ ރާއްޖެ އައް މިހާރު ކުރަމުންދާ ވިއްސާރައިގެ ގަދަވަޔާއި އެކުގަ އެވެ. މި ފެންސަކީ އައިޖީއެންއެޗްގެ ފަހަތަށް އަދި ދިރާގު ހެޑް އޮފީހު ކައިރީ ހުންނަ ޕާކިންޒޯން ތެރޭގައި ޖަހަފައި ހުރި ފެންސެކެވެ.
މި ޕާކިން ޒޯންގައި ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް އެ ފެންސުގެ ދަށުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފަ އެއްނުވެ އެވެ. މިކަމާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.
މި ދުވަސްވަރަކީ މާލެއަށް ހުޅަނގު މޫސުމުގެ ވިއްސާރަކޮށް، ވައިގަދަ ދުވަސްވަރެކެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 23:00އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ އެލާޓް ނެރެފަ އެެވެ.
މިދިޔަ އަންގާރަ ދުވަހު މާލެއަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި އެވެ.