ޕާކިސްތާނުގެ ހެލްތު މިނިސްޓްރީން ބުނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ސައުދީ އަރަބިއްޔާ އިން ޕާކިސްތާނަށް އައި 34 އަހަރުގެ މީހެއް ކަމަށެވެ. މި ބައްޔަށް އޭނާ ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރުމުން ހެދި ޓެސްޓުތަކުން ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އޭނާ ޕޮޒިޓިވް ވެފައިވަނީ މި ބަލީގެ ކޮން ވޭރިއަންޓަކަށް ކަން ޔަގީން ވާނީ އިތުރު ޓެސްޓުތަކަށްފަހު ކަމަށް ޕާކިސްތާނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
މިކަމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބަލި އިތުރަށް ފެތުރުނު ނުދިނުމަށް މަސައްކަތް ފަށާފަ އެވެ.
އެމްޕޮކްސް ފެތުރޭނީ ގައިގޯޅިވުމުގެ ތެރެއިންނެވެ. އާންމު ގޮތެއްގައި މިއީ ވަރަށް މަދު ހާލަތެއްގައި ނޫނީ ނުރައްކާތެރި ބައްޔެއް ނޫނެވެ. އޭގެ ސަބަބުން ރޯގާ ފަދަ އަލާމާތްތަކާއި ހަށިގަނޑުގައި ބޮޑެތި ބިހިތައް ނަގަ އެވެ.
ކޮންގޯގައި ބަލި ފެތުރެން ފެށީ ކްލެޑް އައިގެ ނަމުން ނަން ދީފައިވާ އެންޑެމިކް ސްޓްރެއިންއެއް ފެތުރެން ފެށުމުންނެވެ. އެކަމަކު އާ ވޭރިއަންޓެއް ކަމަށްވާ ކްލެޑް އައިބީ، ޖިންސީ ގުޅުން ފަދަ އާންމު ގައިގޯޅިވުމުގެ ތެރެއިން ފަސޭހައިން ފެތުރޭ ތަން ފެނެ އެވެ.
ކޮންގޯގެ އަވަށްޓެރި ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގެންޑާއަށް މި ބަލި ފެތުރޭ މިންވަރު އަވަސްވެ، އެ ބަލީގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ވަނީ އާންމު ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.
އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނުވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.
ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ރާއްޖޭގައި މަކުނުވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށައިފަ އެވެ.
ރޯގާގެ އަލާމާތްތަކުގެ އިތުރުން، އެމްޕޮކްސްކަން ފާހަގަކުރެވޭނެ އެއްކަމަކީ ގައިގާ ނަގާ ދޮސް ފުރިފައިވާ ބިހިތަކެވެ. ބޭސް ފަރުވާނުކޮށް ދޫކޮށްލުމުން ފުރާނައަށް ނުރައްކާވާ ހާލަތު ވެސް ދިމާވެ އެވެ.
މަކުނު ވިދުރި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ ގައިގޯޅިވެ އުޅުމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހަކާ ގާތްކޮށް ހުރެ ވާހަކަދައްކައި ހެދުމުން ވެސް ބަލި ފެތުރުމުގެ ނުރައްކާ އޮވެ އެވެ.