ވިޔަފާރިކުންފުންޏެއް އުފެއްދެނީ ޓްރޭޑް މިނިސްޓްރީގެ ހުއްދަ ލިބިގެން ނެވެ. ފުޓުބޯޅަ ކްލަބެއް އުފެއްދެނީ ސްޕޯޓްސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނެވެ. "ކޮމިޝަނަރ އޮފް ސްޕޯޓްސް" ގެ ހުއްދަ ލިބިގެނެވެ. ކްލަބް ރަޖިސްޓްރީ ކުރުމުގެ ބާރު އޮތް ފަރާތަކީ ސަރުކާރެވެ. މިނިސްޓްރީ އެވެ. މިނިސްޓަރެވެ.
ފުޓުބޯޅަ އެސޯސިއޭޝަނަކީ މިފަދަ ކްލަބްތަކަކުން އިންތިހާބު ކުރާ ނެޝަނަލް އެސޯސިއޭޝަނެކެވެ. ވީމާ ކްލަބްތަކާއި އެސޯސިއޭޝަންގެ ބެލެނި ވެރިފަރާތަކީ ކޮމިޝަނަރެވެ. ކޮމިޝަނަރަކީ މިނިސްޓަރަށް ޖަވާބުދާރީވާ ފަރާތެކެވެ.
ފީފާގެ ސިޔާސަތު
އިސްވެ ދެންނެވުމު ސަބަބުތަކަށްޓަކާ، ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލަނީ އެގައުމެއްގެ ކުޅިވަރު މިނިސްޓަރުގެ ރުހުން އޮތް ބައެއްގެ މައްޗަށެވެ. ފީފާ އިން މިހެން އަމަލު ކުރަނީ ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަކީ މިނިސްޓަރުގެ ބެލުމުގެ ދަށުން އުފައްދާ ޖަމާއާތްތަކަކަށް ވާތީ އެވެ. އަދި ކުޅިވަރުގެ އެންމެ ބޮޑު ސްޕޮންސަރަކީ ސަރުކާރުކަމަށް ވާތީ އެވެ.
ފީފާގެ ސިޔާސަތަކީ އެޖަމިއްޔާގެ މެމްބަރު އެސޯސިއޭޝަނަކީ ޑިމޮކްރެޓިކް ހަމަތަކުން އިންތިހާބު ކޮށްފައިވާ އެސޯސިއޭޝަނަކަށް ވާންޖެހޭނެ ކަމެވެ. ފީފާއިން ދެކޭގޮތުގައި އިންތިހާބު ނުކޮށް އޮތުމަކީ 'ނޯމަލް" ކަމެއް ނޫނެވެ. ވީމާ ނޯމަލައިޒް ކުރުމުގެ ފުރަތަމަ އުންސުރަކީ އިންތިހާބެވެ. އިންތިހާބަކީ މިނިވަން އިންތިހާބަކަށް ވާންޖެހެ އެވެ. ފީފާގެ އަސާސީ ގަވާއިދުން ލާޒިމް ކުރާ އަނެއް ކަމަކީ، މެމްބަރު އެސޯސިއޭޝަނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ ހިންގާ އެސޯސިއޭޝަނަކަށް ވާންޖެހޭނެ ކަމެވެ.
ރާއްޖޭގައި މިހާތަނަށް ކަންހިނގާފައި އޮތީ މިހެނެއް ނޫނެވެ. އެހެންކަމުން އެފްއޭއެމް މިއޮތީ އަނެއްކާ ވެސް ނޯމަލައިޒް ކުރަންޖެހިފަ އެވެ. ފީފާއިން ދެކޭގޮތުގައި އެފްއޭއެމް ނޯމަލައިޒް ކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ. މިނިސްޓަރުގެ ޒިންމާއެކެވެ.
މިނިސްޓްރީ ނޯމަލައިޒް ކުރުން
އެފްއޭއެމް ނޯމަލައިޒް ކުރެވެން އަންނަނީ ފުރަތަމަ ސްޕޯޓްސް މިނިސްޓްރީ ނޯމަލައިޒްކޮށްގެނެވެ. ސަރުކާރުގެ މިނިސްޓްރީ އެއް ނޯމަލް ވަނީ، އެމިނިސްޓްރީގެ ދާއިރާ ބަޔާން ކުރާ ގާނޫނެއް ވުޖޫދުވެ، އެގާނޫނާއި އެއްގޮތަށް އެމިނިސްޓްރީ ހިންގޭ މިންވަރުން ނެވެ. ކްލަބް ޖަމިއްޔާތަކާބެހޭ ގާނޫނެއް ފުރަތަމަ ވުޖޫދުވީ 2003 ގައެވެ. ކުޅިވަރު ގާނޫނެއް ވުޖޫދުވީ 2015 ވަނަ އަހަރު އެވެ. ކުޅިވަރު ގާނޫނުގެ ދަށުން ކުޅިވަރު ކްލަބްތަކުގެ ބެލެނިވެރި ފަރާތެއްކަމަށް ކަނަޑައެޅީ ކޮމިޝަނަރ އޮފް ސްޕޯޓްސް އެވެ. ކޮމިޝަނަރަކީ މިނިސްޓަރަށް ޖަވާބުދާރީ ވާންޖެހޭ ސަހްސެކެވެ.
ވީމާ ފީފާގެ ކުރިމަތީގައި، މިނިސްޓަރަކީ، ކްލަބްތަކާއި ގައުމީ އެސޯސިއޭޝަންތަކުގެ "ބެލެނިވެރި ފަރާތެވެ". އަދި މިނިސްޓަރަކީ ބައިނަލް އަގުވާމީ ކުޅިވަރު ގާނޫނުތަކާ ތައާރަޒް ނުވާގޮތަށް މިނިވަން، ގާނޫނީ ސަހްސެއްގޮތުގައި އެފްއޭއެމްގެ ދިރި އޮތުން ކަށަވަރުކޮށްދޭ ބެލެނިވެރި ފަރާތެވެ.
މީގެ 16 އަހަރު ކުރިން 2008 ވަނަ އަހަރު އެއްފްއޭއެމް އިންތިހާބުކުރި ފަހުން ތަފާތު އެތައް ބޭބޭފުޅުންނެއް ސްޕޯޓް މިނިސްޓަރުކަން ކުރައްވައިފި އެވެ. އެކިއެކި މިނިސްޓަރުން ފުޓުބޯޅައިގެ ކަންކަމުގައި އެކި މިންވަރަށް އިހްމާލްވެފައި އޮތް ދިގު ތާރީހެއް ވެސް މިހާރު ވަނީ އުފެދިފަ އެވެ.
މިހާރުގެ މިނިސްޓަރުގެ ފުރަތަމަ އަހަރު ހަމަ ނުވަނީސް ފުޓުބޯޅަ ކްލަބެއްގެ ސަހްސް އޮޅުވާލައިފި އެވެ. މިއަހަރުގެ ޖުލައި މަހު ބާއްވަން އޮތް އެފްއޭއެމްގެ ކޮންގްރެސް އާ ދިމާކޮށް އުފަންވި ސަހްސު އޮޅުވާލުމުގެ "ސްކޭމް" އެއް ރޯމާ ދުވާލު ހިނގާ ދިޔައިރު އެކަން ބަލާ ތަހްގީގް ކުރަން މިނިސްޓަރު ވަނީ ނުކުޅެދިފަ އެވެ. އެންމެ ފަހުން، އެފްއޭއެމްގެ ހިންގާ ކޮމިޓީ ރޫޅި މެމްބަރު ކްލަބްތައް ވިއްސިވިހާލިވެ، އެސޯސިއޭޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓި، މިހާރު މިއޮތީ އަނެއްކާ ވެސް އެފްއޭއެމް ނޯމަލައިޒް ކުރަން މަޖުބޫވެފަ އެވެ.
މިނިސްޓަރަށް މިހާރު އުފުލަންޖެހިފައި އޮތް ޒިންމާއަކީ އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ސައްހަކަން ފީފާއަށް ކަށަވަރު ކޮށްދިނުމެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ބެލުމުގެ ދަށުގައިވާ ކްލަބްތަކާ އެސޯސިއޭޝަންތަކުގެ "ޑިމޮކްރެޓިކް ކްރެޑެންޝަލްސް" އާއި މެންޖްމަންޓް އާއި މާލީ ހިސާބުތައް އޯޑިޓް ކުރަންޖެހިފަ އެވެ. ފީފާއިން މިކަން ކުރުވަނީ މިނިސްޓަރު ގެ ލަފާގެ ދަށުން އެކުލަވާލާ ނޯމަލައިޒޭޝަން ކޮމިޓީއެއް މެދުވެރިކޮށެވެ.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ތާރީހު
އެފްއޭއެމްގެ ޑިމޮކްރެޓިކް ހަޔާތުގައި މިވީ 16 އަހަރުތެރޭ މިއީ އެސޯސިއޭޝަން ނޯމަލައިޒް ކުރާ ތިން ވަނަ ފަހަރެވެ. ސިޔާސީ ކޯޅުމާއި ކަރަޕްޝަންގެ ސަބަބުން ފުޓުބޯޅައިގެ ފެންވަރު ވެއްޓި މިހާރު ރާއްޖެއަކީ ސަރަހައްދުގެ ދަށްފަންތީގެ ގައުމެކެވެ. ލީގް މެޗެއް ބަލަންދާނެ މީހަކު ނުވެފަ އެވެ. ކުޅިބަލަން ވަންނަ މީހުންނަށްވުރެ ދަނޑަށް ފެންޖަހާ މީހުން ގިނަ އެވެ.
ފުތަރަމަ ފަހަރު (2008): ފުރަތަމަ ފަހަރު އެފްއޭއެމް ނޯމަލައިޒް ކުރަން ޖެހުނީ، އިންތިހާބު ނުކޮށްގެނެވެ. 2001 ވަނައަހަރު އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާގެ އަސަރުތައް ބައިނަލް އަގުވާމީ ކުޅިވަރު ދުނިޔެއަށް ވެސް ފޯރި އެވެ. މީގެ ސަބަބުން ފީފާގެ މެމްބަރު އެސޯސިއޭޝަން ތަކުގެ ތެރެއިން، އިންތިހާބު ނުކޮށް ހުރި އެސޯސިއޭޝަންތައް އިންތިހާބު ކުރަން އެންގި އެވެ. ރާއްޖެ އޮތީ އިންތިހާބު ނުކުރާ ގައުމުތަކުގެ ލިސްޓުގަ އެވެ.
ފީފާއިން އިސްނަގާ އެފްއޭއެމް އިންތިހާބު ކުރީ 2008 ވަނަ އަހަރު އެވެ. އިންތިހާބު ނުކޮށްފިނަމަ، ފީފާއިން އަންގާފައިވަނީ ރާއްޖެ ސަސްޕެންޑް ކުރާނެކަމަށެވެ. އެއަހަރަކީ ސާފް ޗެމްޕިޔަންޝިޕް ރާއްޖެއަށް ކާމިޔާބު ކުރެވިދާނެ ކަމަށް ބެލެވުނު އަހަރެއްކަމަށް ވުމުން، އެވަގުތު ރާއްޖެ ސަސްޕެންޑްކޮށްފިނަމަ ސާޕްޗެމްޕިޔަން ޝިޕްގައި ބައިވެރިނުވެވޭނެކަން ސަރުކާރަށް ޔަގީންވުމުން އިންތިހާބު ކުރަން އެއްބަސްވީ އެވެ.
ދެ ވަނަ ފަހަރު 2016: ދެވަނަ ފަހަރަށް ނޯމަލައިޒް ކުރަން ޖެހުނީ އަމިއްލެއަށް އިންތިހާބެއް ނުބޭއްވިގެނެވެ. ފުރަތަމަ ރައީސް އަލީ އާޒިމްގެ ދައުރު ނިމުމުން ބޭއްވި އިންތިހާބު ގަޑުބަޑުވުމުންނެވެ. 2012 ގައި ފެށުނު އެފްއޭއެމް ގަޑުބަޑު 2016 އާ ހަމައަށް ދިގުދެމިގެން ދިޔައެވެ. އެގަޑުބަޑުގެ ތެރޭގައި އެފްއޭއެމްގެ ދެ ވަނަ ރައީސް، އިލްހާމް އަހްމަދާއި ތިން ވަނަ ރައީސް އަޙްމަދު ތޯރިގް ފެނި ގެއްލި ދިޔަ އެވެ. އެތެރޭގެ "ބަގާވާތްތަކަކުން" އުފެދުނު ފުޓުބޯޅަގަޑުބަޑުގެ ނަތީޖާއަކަށްވީ އަނެއްކާ ވެސް ފީފާގެ ނޯމަލައިޒޭޝަން ކޮމިޓީއެއްގެދަށުގައި އެސޯސިއޭޝަނަށްގެ ހަތަރު އަހަރުގެ ދައުރެއް ގެއްލުމެވެ.
ތިން ވަނަ ފަހަރު 2024: މިފަހަރު ނޯމަލައިޒް ކުރަން ޖެހުނީ 2016 އިންފެށިގެން މިހިނގާދިޔަ ދެ ދައުރުގައި ރައީސްކަން ކުރެއްވި ބައްސާމް އަދީލް ޖަލީލުގެ މިސްމެނެޖްމަންޓް އާއި، ކޮރަޕްޝަން އާއި މަނީލޯންޑަރިންގެ ތުހުމަތުތަކާ ގުޅިގެނެވެ. އަދި ކަރަޕްޝަންގެ ސަބަބުން ސައްހަ އިންތިހާބެއް ނުބޭއްވިގެންނެވެ. ކުރީ ދެ ފަހަރާ ހިލާފަށް މިފަހަރު ބޮޑު މައްސަލައަކީ އެސޯސިއޭޝަންގެ ވެރިންގެ ބައިވެރިވުމާ އެކު އުފަން ކުރި ކަރަޕްޝަނާއި މަނީލޯންޑަރިންގް ނެޓްވާކް އިން ފުޓުބޯޅަ ސަލާމަތް ކުރަން ޖެހުމެވެ.
ފީފާއިން އެފްއޭއެމް ނޯމަލައިޒް ކުރަން ކަނޑައެޅި އިރު، ފީފާގެ "އިންސްޓިޓިއުޝަނަލް މެމަރީ" ގައި އިސްވެ ދެންނެވި ހަގީގަތްތައް ބިންވަޅު ނެގިފައި ހުންނާނެކަމީ މިނިސްޓަރާއި، ނޯމަލައިޒޭޝަން ކޮމިޓީގެ މެމްބަރުން ދެނެވަޑައިގަންނަވަން ޖެހޭނެ ކަންކަމެވެ. އަދި އެފްއޭއެމްގެ ކަރަޕްޝަންގައި ބައިވެރިވެފައިވާ މެމްބަރަކު ނޯމަލައިޒޭޝަން ކޮމިޓީގައި ހުރުމަކީ ވެސް މިނިސްޓަރު އެކަމަށް ޖަވާބުދާރީ ވާންޖެހޭނެ ކަމެކެވެ.
ވީމާ، ނޯމަލައިޒޭޝަން ކޮމިޓީ ކާމިޔާބު ވުމާއި ނުވުން މިއޮތީ ހާމަކަން ބޮޑުގޮތެއްގައި މިނިސްޓަރުގެ އިސްތަށިފުޅުގައި އެޅިފައެވެ.
ކާމިޔާބާއި ނާކާމިޔާބު
ނޯމަލައިޒޭޝަން ކޮމިޓީގެ ކާމިޔާބަކަށް ވާނީ ޒޯން ކްލަބްތަކަށް ވޯޓްލުމުގެ ހައްގު ލިބޭގޮތަށް އަސާސީ ގަވާއިދު އިސްލާހް ކުރުމެވެ. އެއް އަހަރުތެރޭ ދިވެހި ޕްރެމިއާ ލީގް ޕްރޮފެޝަނަލް ލީގެއްގޮތުގައި މުޅި ރާއްޖެ ޝާމިލްވާގޮތަށް ލާމަރުކަޒު ކުރުމެވެ. އަސާސީ ގަވާއިދުގައިވާގޮތަށް ޒޯން އެސޯސިއޭޝަންތައް ގާއިމްކޮށް، ގައުމީ ދެ ވަނަ ޑިވިޒަނެއް އުފައްދާ، އެކަށީގެންވާ ރެލިގޭޝަން އުސޫލެއް ގާއިމް ކުރުމެވެ.
ނޯމަލައިޒޭޝަން ކޮމިޓީ ކާމިޔާބު ވުމަކީ މިހާރު އުފެދި ފައްކާވެފައިވާ ކުޅުންތެރިންގެ ޖީލަށް ސީޒަނެއް މެދުނުކެނޑި ފުރުސޮތު ތަނަވަސްކޮށްދިނުމެވެ. އަދި މިފަދަ ކުޅުންތެރީން ޕްރޮފެޝަނަލް ކުޅުންތެރިންގެ ގޮތުގައި ކުޅެވޭނެ ގައުމީ އޮނިގަނޑެއް ގާއިމް ކުރުމެވެ. މިކަންކަން ނުކުރެވިއްޖެ ނަމަ، އަނެއްކާ ވެސް އަނެއް ހަތަރު އަހަރު ގެއްލުނީ އެވެ. އިންޑިއާ ބަލި ކުރާ ގައުމީ ޓީމެއް އުފެއްދުމުގެ ފުތުސަތު ގެއްލުނީ އެވެ. އަނެއް މިނިސްޓަރުގެ ދައުރު ވެސް ހަމަވީ އެވެ.
އެޑިޓަރުގެ ނޯޓް
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ނޭޝަނަލް ސްކިލްޑިވެލޮޕްމަންޓް އޮތޯރިޓީގެ ސޯޝަލް ސެކްޓަރ ކައުންސިލަގައި، ސްޕޯޓްސް ސައިންސްގެ އިލްމް ތަމްސީލްކޮށްދޭ މެމްބަރެއް ވެސް މެއެވެ. އޭގެ އިތުރުން އޭނާ ވަނީ ޕޮލީސް ބޯޑްގެ މެމްބަރުކަމުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.