ads
ލީގު ކާމިޔާބުކުރި މޯހަން ބަގާން ކުޅުންތެރިން އުފާކުރަނީ
ކާފިއު ނިމުމުން، އައި ލީގާ މެދު ގޮތެއް ނިންމަނީ
އިންޑިޔާގައި އިއުލާންކޮށްފައިވާ އެކާވީސް ދުވަހުގެ ކާފިއުގެ މުއްދަތު ނިމުމުން، އައި ލީގާއި މެދު ގޮތެއް ނިންމާނެ ކަމަށް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން ބުނެފިއެވެ. އިންޑިޔާގައި އިއުލާންކޮށްފައިވާ އެކާވީސް ދުވަހުގެ ކާފިއުގެ މުއްދަތު ނިމޭނީ، އޭޕްރީލް މަހުގެ ސާދަ ވަނަ ދުވަހުއެވެ. އައި ލީގާއި މެދު ގޮތެއް ނިންމަން މަސައްކަތް ކުރަމުންދާއިރު މޯހަން ބަގާންއިންވަނީ ލީގު ކަށަވަރުކޮށްފައެވެ.
Advertisement

އިންޑިޔާ ލީގުގައި އަދި ބާކީ ނުކުޅެ، އަށާވީސް މެޗު އެބައޮތެވެ. އެހެންނަމަވެސް ލީގު ޗެމްޕިއަންކަން ހޯދާ، އަންނަ އަހަރުގެ އޭއެފްސީ ކަޕުން މޯހަން ބަގާންވަނީ ޖާގަ ކަށަވަރުކޮށްފައެވެ. ލީގު އިތުރަށް ކުރިއަށް ގެންދާނެތޯ ނުވަތަ މިހާރު އޮތް ހިސާބުން ނިންމާލާނީތޯ ސުވާލު އުފެދިފައިވާއިރު، މިހާރު އޮތް ހިސާބުން ނިންމާލާނަމަ، އެއްވެސް ޓީމެއް ރެލިގޭޓް ނުވާނޭ ކަމަށް އައިއެފްއެފްއިންވަނީ ބުނެފައެވެ. އެހެންނަމަވެސް ލީގުގެ ބާކީ ބަޔާއި މެދު އަދި ވަކިގޮތެއް ރަސްމީ ކޮށް ނިންމާފައެއް ނުވެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ލީގު މެދު ކަނޑާލާފައިވަނީ މާރިޗު މަހުގެ ސާދަ ވަނަ ދުވަހު ކުޅުނު މެޗުތަކަށް ފަހުއެވެ. ލީގުގައި އަދި ބާކީ ނުކުޅެ ހުރި ފޯރި ގަދަ މެޗުތަކުގެ ތެރޭގައި ކޮލްކަތާ ޑާބީގެ ގޮތުގައި މަޝްހޫރުވެފައިވާ މޯހަން ބަގާންއާއި އީސްޓް ބެންގޯލްގެ މެޗުވެސް އެބައޮތެވެ.

އިންޑިއަން ސުޕާ ލީގު ތައާރަފްވުމަށް ފަހު، އިންޑިޔާގެ ދެވަނަ ލީގުގެ ގޮތުގައި ބެލެވެމުން އަންނަ އައި ލީގުގައި އެގާރަ ޓީމުން ވާދަކުރެއެވެ. ލީގުގެ ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭއިރު، ލީގުން ރެލިގޭޓްވާ ޓީމު ދާނީ ދެވަނަ ޑިވިޝަނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް