ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޝިއުރީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ފަތުރުވެރިންނާ ހަމައަށް ވާސިލުވެ، ރާއްޖޭގެ ރަށްރަށުގެ ހާއްސަ ރީތިކަމާއި ތަފާތުކަން ދައްކުވައިދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ އެމްޑީ އިބްރާހީމް އިޔާސް ވިދާޅުވީ މި އެއްބަސްވުމަކީ ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖޭގެ މަގާމު މަތިކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
އިޔާސް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދަތުރުފަތުރުގެ ތަޖުރިބާތައް ގިނަވެ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވައި، އިގުތިސޯދީ ކުރިއެރުމަށް މަގުފަހިވެގެންދާނެކަމަށެވެ.
މި އަހަރުގެ މިހާތަނަށް 1.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މި މަހުގެ ފުރަތަމަ 13 ދުވަހު އެވެރެޖުކޮށް ދުވާލަކު 6،536 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް އެވެރެޖުކޮށް ކޮންމެ ދުވަހު އައީ 5،607 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 10.4 އިންސައްތަ އިތުރެވެ. އެވެރެޖުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އަންނަނީ 7.7 ދުވަސް ރާއްޖޭގައި ހޭދަކުރަމުންނެވެ.
އެމްއެމްޕީއާރުސީ އާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ބްރޭންޑެޑް އިޝްތިހާރުތަކާއި، ޕްރޮމޯޝަނަލް ހަރަކާތްތަކާއި ބައިނަލްއަގުވާމީ ފެންވަރުގެ މާކެޓިންގ ކެމްޕޭނުތައް ހިމެނެ އެވެ. އަދި ހަރަކާތްތައް ކުރިއަށްގެންދިޔުމުގައި ބިޒްނަސް ޓު ކޮންސިއުމާ މާކެޓިންއަށް ހާއްސަ ސަމާލުކަމެއް ދޭނެކަމަށް އެމްއެމްޕީއާރުސީިން ބުނެއެވެ.
ރާއްޖޭގެ އިގުތިސޯދު އެންމެ ބޮޑަށް ބަރޯސާވާ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މިހާރުވެސް ބައިނަލްއަގުވާމީ މާކެޓުތަކުގައި ވާދަވެރި މަންޒިލަކަށްވާއިރު، އެކަން އެގޮތުގައި ދަމަހައްޓާ އިތުރު މާކެޓްތަކުން ރާއްޖެއަށް މީހުން ޝައުގުވެރިކުރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ.