މިއީ ވާއިތުވި 25 އަހަރު ތެރޭގައި ގާޒާއިން ޕޯލިއޯ ފެނުނު ފުރަތަމަ ފަހަރެވެ.
ޕޯލިއޯ ވައިރަސްއަކީ ވަރަށް ފަސޭހައިން ފެތުރޭ ވައިރަސްއެކެވެ. އެންމެ ގިނައިން ފެތުރެނީ ނަޖިސް އަދި ތަޣައްޔަރުވެފައިވާ ފެނުގެ ޒަރީއާ އިންނެވެ. މި ވައިރަސްގެ ސަބަބުން ގުނަވަންތައް އައިބުވުމާއި، ވާގި ނެތޭ ގޮތްވުމާއި، އަދި މަރުވުމުގެ ނުރައްކާވެސް އޮވެއެވެ. މައިގަނޑު ގޮތެއްގައި ބަލީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވަނީ ކުދިންނަށް ވެކްސިން ދެވޭނެ ގޮތެއް ތަނަވަސްކޮށްދިނުމަށް އިޒުރޭލުގެ ކިބައިން އެދިފަ އެވެ. އަދި, ޕޯލިޔޯ ނައްތައިލެވޭނީ ގާޒާގެ ކުޑަކުދިންގެ އާބާދީގެ 95 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދީގެން ކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.
އިޒުރޭލު ސިފައިން ގާޒާއަށް ދެމުންދާ ހަމަލާތަކުގައި ރައްކާތެރި އެއްވެސް ތަނެއް ޣައްޒާގައި ނެތް ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. ކުދިންނަށް ވެކްސިން ދިނުމަށް ސިއްހީ އޮފިޝަލުންނަށް ގާޒާއަށް ވަދެވޭނީ އިޒުރޭލުން ޔަގީންކަން ދިނުމުން ކަމަށްވެސް އދގެ ވެރިޔާ ވިދާޅުވި އެވެ.
އދ.ގެ ކުޑަކުދިންނާބެހޭ ޖަމުއިއްޔާ، ޔުނިސެފުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއާ ގުޅިގެން މިމަހުގެ ފަހުކޮޅު ގާޒާގައި ޓައިޕް 2 ޕޯލިއޯ ވައިރަސްއާ ދެކޮޅަށް ވެކްސިން ދިނުމުގެ ދެ ބުރު ބާއްވަން ރާވާފައިވާ ކަމަށް އެ ދެ ޖަމިއްޔާއިން ބުނެފައި ވެ އެވެ.
ޕޯލިޔޯ ޖައްސާ ނުރައްކާތެރި ވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ކަން ފަލަސްތީނުގެ ސިއްހަތާބެހޭ ވުޒާރާއާއި އދން ހާމަ ކުރުމާއި ގުޅިގެން އިޒްރޭލް ފައުޖުން ވަނީ އެ މީހުންގެ ސިފައިންނަށް ވެކްސިން ޖަހައިދުނުމުގެ ކެމްޕޭނެއް ފަށާފަ އެވެ.
މިހާރު ހަނގުރާމަ 10 ވަނަ މަހަށް އަޅާފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 40،200 އާ ގާތްކުރާ އަދަދަށް މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންނެވެ.
ގަތުލްއާންމު ހުއްޓުވަން މިހާތަނަށް ކުރަމުންދާ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. އެގޮތުން އިޒްރޭލުން ހަނގުރާމަ ހުއްޓާލަން އެއްވެސް ގައުމަކާއެކު އެއްބަސްވާން ވަނީ ދެކޮޅު ހަދާފަ އެވެ. އަދި ނިމުނު އަހަރު އޮކްޓޯބަރު ހަތެއްގައި ހަމާސް އިން އިސްރާއިލަށް ދިން ހަމަލާތަކުގެ ބަދަލުގައި އިސްރާއިލުގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ގާޒާ އަށް ބޮން އަޅަމުންނެވެ.